ކުޅިވަރު

ފްރެންޗް އޯޕަންގެ ހަތަރުވަނަ ބުރުން މެޑްވެޑޭވް ޖާގަހޯދައިފި


ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ހަތަރުވަނަ ބުރުން މުބާރާތުގައި ދެވަނައަށް ސީޑް ކުރެވިފައިވާ ރަޝިޔާގެ ޑަނީލް މެޑްވެޑޭވް ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ހަތަރުވަނަ ބުރުން މެޑްވެޑޭވް ޖާގަހޯދީ ތިންވަނަ ބުރުގައި އެމެރިކާގެ ރައިލީ އޮޕެލްކާ އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.

މިމެޗް މެޑްވެޑޭވް ކާމިޔާބުކުރީ ސީދާ ތިންސެޓުންނެވެ. މިގޮތުން މިމެޗްގެ ސެޓްތައް މެޑްވެޑޭވް ކާމިޔާބުކޮށްފައިވަނީ ހައެއް ހަތަރެއް، ހައެއް ދެއެއް އަދި ހައެއް ހަތަރަކުންނެވެ. މިއީ ފްރެންޗް އޯޕަންގައި ދުނިޔޭގައި ދެވަނައަށް ރޭންކް ކުރެވިފައިވާ މެޑްވެޑޭވް މުބާރާތުގެ ދެވަނަ ހަފްތާއަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މީގެކުރިން މެޑްވެޑޭވް މިމުބާރާތުގެ ފުރަތަމަ ބުރު ފަހަނަ އަޅާ ދެވިފައެއް ނުވެއެވެ. މިގޮތުން މިމުބާރާތުގައި ކުރިން ވާދަކުރި ހަތަރު ފަހަރުވެސް ވަނީ ފުރަތަމަ ބުރުން ކަޓާފައެވެ. ނަމަވެސް މިފަހަރު ހަތަރު ވަނަ ބުރުން ޖާގަހޯދިއިރު އޭނާއަތުން ގެއްލިފައިވަނީ އެންމެ ސެޓެކެވެ. ހަތަރުވަނަ ބުރުގައި މެޑްވެޑޭވް ބައްދަލުކުރާނީ ޗިލީގެ ކްރިސްޓިއަން ގަރިންއާއެވެ.

މިމުބާރާތުގެ ހަތަރުވަނަ ބުރުން މުބާރާތުގެ ފަސްވަނައަށް ސީޑް ކުރެވިފައިވާ ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސްވެސް ވަނީ ޖާގަހޯދާފައެވެ. ސިޓްސިޕާސް ހަތަރުވަނަ ބުރުން ޖާގަހޯދީ ތިންވަނަ ބުރުގައި ޖޯން އިސްނަރ އާއި ބައްދަލުކުރިމެޗް 3 ސެޓް އެއްސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗްގެ ފުރަތަމަ ސެޓް ފަހެއް ހަތަކުން ކާމިޔާބުކުރީ އިސްނަރއެވެ. ނަމަވެސް ސިޓްސިޕާސްވަނީ ދެވަނަސެޓް ހައެއް ތިނަކުން ކާމިޔާބުކޮށްފައެވެ. އަދި ތިންވަނަ ސެޓް ވެގެންދިޔައީ އެންމެ ވާދަވެރި ސެޓަށެވެ. މިސެޓް ސިޓްސިޕާސް ކާމިޔާބުކުރީ ޓައި ބްރޭކަށް ގޮސްގެން ހަތެއް ހަޔަކުންނެވެ. ފަހު ސެޓް ސިޓްސިޕާސް ކާމިޔާބުކުރީ ފަސޭހަ ކަމާއެކު ހައެއް އެކަކުންނެވެ. މިމުބާރާތުގެ ހަތަރުވަނަ ބުރުގައި ސިޓްސިޕާސް ބައްދަލުކުރާނީ ސްޕެއިންގެ ޕަބްލޯ ކަރޭނޯ ބުސްޓާ އާއެވެ.

މީގެއިތުރުން މުބާރާތުގައި ހަވަނަ އަށް ސީޑް ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒްވަރޭވް ވެސް ވަނީ ހަތަރުވަނަ ބުރުން ޖާގަ ހޯދާފައެވެ. މިގޮތުން ޒްވަރޭވް ހަތަރުވަނަ ބުރުން ޖާގަހޯދީ ސަރބިއާގެ ލަސްލޯ ޖެރޭ އާއި ބައްދަލުކުރިމެޗް ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ދެއެއް، ހަތެއް ފަހެއް އަދި ހައެއް ދެޔަކުންނެވެ.

މިމުބާރާތުގެ އަންހެނުންގެ ބަޔަށް ބަލާލާއިރު އެމެރިކާގެ ސެރީނާ ވިލިއަމްސް ވަނީ ހަތަރުވަނަ ބުރުން ޖާގަހޯދާފައެވެ. ހަތްވަނައަށް ސީޑް ކުރެވިފައިވާ ސެރީނާ ހަތަރު ވަނަ ބުރުން ޖާގަހޯދީ ޑެނިއެލާ ކޮލިސް އާއި ބައްދަލުކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ހަތަރެއް އަދި ހައެއް ހަތަރަކުންނެވެ. ހަތަރުވަނަ ބުރުގައި ސެރީނާ ބައްދަލުކުރާނީ ކަޒަކިސްތާންގެ އެލޭނާ ރީބަކީނާ އާއެވެ.