ވިޔަފާރި

މާލޭ މަސްމާރުކޭޓްގައި މަސްވިއްކަން ތިބުމުގެ ފުރުސަތު


މާލޭ ރޯމަސް މާރުކޭޓްގައި މަސް ވިއްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ. މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ މަސްވިއްކަން ބޭނުންވާ ފަރާތްތައް ރަޖިސްޓްރީކުރުމުގެ ފުރުސަތު އިއްޔެއިން ފެށިގެން ހުޅުވާލާފައިވާކަމަށެވެ.

މަސްމާރުކޭޓްގައި މަސްވިއްކަން ބޭނުންވާ މީހުން އެކަމަށް އެދި ހުށައަޅާއިރު އެމީހެއްގެ މައުލޫމާތާއިއެކު މަސްވެރިކަމަށް ބޭނުންކުރާ އުޅަނދުގެ ރަޖިސްޓަރީގެ ކޮޕީވެސް ހުށައަޅަންޖެހޭނެއެވެ. އަދި ރަޖިސްޓްރީވުމަށް އޮތް އެންމެ ފަހު ތާރީހަކީ އަންނަ ބުރާސްފަތި ދުވަސްކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މަސްވިއްކަން އެދޭ ފަރާތްތަކުގެ ފޯމް މާލޭ ސިޓީކައުންސިލުންނާއި ދަތުރުވެރިންގެ މާރުކޭޓްގައި ހުންނަ އޮފީހުން ބަލައިގަންނާނެއެވެ. އަދި ކައުންސިލްގެ [email protected] މެއިލްކުރެވޭނެކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މާލޭ ރޯމަސްމާރުކެޓް ސަރަހައްދުން ލިބޭ ޚިދުމަތްތަކަށް ގިނަ ބަދަލުތަކެއް ގެންނަވާނެކަމަށް މާލެ ސިޓީގެ މޭޔަރުކަމާއި ދާދި ފަހުން ހަވާލުވެޑައިގެންނެވި އައު މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މިގޮތުން އެތަނުން ދޭ ޚިދުމަތާއި ތަނުގެ ސާފުތާހިރުކަން ކަށަވަރުކުރުމަށް މަސައްކަތް ކުރައްވާނެކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ.

މަސްމާރުކޭޓްގައި މަސްވެރިންނާއި، މަސް ގަނެ ވިއްކާ މީހުންނަށް މާރުކާޓުން ހަމަހަމަ ފުރުޞަތު ދިނުމުގެ ގޮތުން ގުރުއަތު ނަގައިގެން އަށި ދޫކުރާގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ކުދި މަސް ވިއްކާ ގޮޅިތައް ކުރިން، ހަފްތާ ބަންދުގައި ދޫނުކުރިނަމަވެސް، މިހާރު ހުކުރު ދުވަހުވެސް ކުދި މަސް ވިއްކޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. އަދި ފަޅުގައި ފައްތިޔާގަ ތިބެގެން މަސް ގަނެ ވިއްކޭނެ ގޮތް ހަމަޖެއްސުމަށް، ވަކި އުސޫލެއްގެ ދަށުން 6 މަސް ދުވަހުގެ ހުއްދައެއް ދިނުމަށްވަނީ ނިންމާފައެވެ. މުޢިއްޒު ވިދާޅުވި ހުއްދަ ނުނަގާ މި މަސައްކަތް ނުކުރެވޭނެކަމަށެވެ. އަދި އެން ހިފައިގެން އަންނަ މަސްވެރިންނަށް ބަނދަރުގައި މަޑުކޮށްލައިގެން ތިބެވޭނެ ޖާގައެއްވެސް ހަމަޖައްސާފައިވާކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.