ޚަބަރު

އަމާޒަކީ ތިމާވެށި ހިމާޔަތް ކުރުމާއި ތަރައްޤީގެ ތިލަފަތް ހަމަކުރުން- މިނިސްޓަރ ޝައުނާ


އަމާޒަކީ މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަށް ތަޙައްމަލު ކުރެވޭފަދަ، ފަންވަރު ހުރި އުމްރާނީ ތަރައްޤީ ރާއްޖެއަށް ގެނައުންކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލަޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރަމުންއަންނަ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބާގައި ދެއްވި ޚިޠާބުގައި މިނިސްޓަރ ވަނީ މިދަނޑިވަޅަކީ ތިމާވެށި ހިމާޔަތްކުރުމާއި ތަރައްޤީގެ ތިލަފަތް ހަމަކުރުން މުހިއްމު ދަނޑިވަޅެއްކަން ފާހަގަކުރައްވާފައެވެ.

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިއާރަކީ "މާހައުލީ ނިޒާމުތައް އިޔާދަކުރުމެވެ." މި ޝިޢާރުގެ ދަށުން، ދުނިޔޭގެ މާހައުލީ ނިޒާމު އިހުހުރި ގޮތަށް ރުޖޫޢަކުރުމަށް މުޅި ދުނިޔެ މިވަނީ އަތުރުކުރި އޮޅާލާފައެވެ. މިގޮތުން ކުރިއަށްއޮތް 10 އަހަރަކީ އ.ދ ގެ މާހައުލީ ނިޒާމުތައް އިޔާދަކުރުމުގެ 10 އަހަރެވެ.

ދުވަހުގެ މުނާސަބާގައި އެންވަޔަރަމަންޓް މިނިސްޓަރ އައިމިނަތު ޝައުނާ ދެއްވި ޚިޠާބުގައި ވިދާޅުވީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައަކީ ކަނޑުފަޅު ތަޣައްޔަރުވުންކަމަށެވެ. މިކަމުގެ ސަބަބުން ފަރުތަކަށާއި، އެ ފަރުތަކުގައިވާ ދިރުންތަކަށް، އަދި މަސްވެރިކަމަށާއި، ސިއްޙަތަށް ނޭދެވޭ އަސަރުތަކެއް ކުރާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވައެވެ. މިކަމުން އަރައިގަތުމަށް، ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ރައްކާތެރިކަމުގެ ގޮތުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންވާކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ. މިގޮތުން އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން މި މަހުން ފެށިހެން ހުއްޓާލުމުގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު، ކުނި މެނޭޖްކުރުމާއި ގުޅޭ ގަވާޢިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

" މި އިސްލާހު ގެޒެޓުކުރެވުމުން، ކުނި މެނޭޖްކުރާ މަރުކަޒުތަކުގައި ކުނި ވަކިކޮށް، ފަނާވާޒާތުގެ ކުނިން ކޮމްޕޯސްޓް އުފެއްދުމާއި، ރިސައިކަލް ނުވަތަ އަލުން ބޭނުންކުރެވޭ ޒާތުގެ ކުނި އެކްސްޕޯޓްކުރުމަށާއި އަދި އަންދާލެވޭ ޒާތުގެ ކުނި އިންސިނެރޭޓްކުރުމަށް ލުއި ފަސޭހަތަކެއް ލިބިގެން ދާނެ." މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލަޛީ އައިމިނަތު ޝައުނާ ވިދާޅުވިއެވެ.

ރާއްޖޭގެ ތިމާވެއްޓާއި ޤުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމުގެގޮތުން، 2030 އާއި ހަމަޔަށް އެންމެ ކުޑަވެގެން ދިވެހިރާއްޖޭގެ ކަނޑާއި، ކަނޑާއިގުޅިފައިވާ ސަރަހައްދުތަކުގެ 20 އިންސައްތަ ހިމާޔަތްކުރުމުގެ މަސައްކަތް ވަނީ ފަށަފައެވެ. މިކަމަށް އަލިއަޅުވާލައްވާ މިނިސްޓަރ ޝައުނާ ވަނީ މިހާރުވެސް 73 ސަރަހައްދެއް ހިމާޔަތްކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ހައްދުންމައްޗާއި، އަރިއަތޮޅާއި މާޅޮސްމަޑުލު ދެކުނުބުރީގެ އިތުރު ސަރަހައްދުތައް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާކަަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދުނިޔޭގެ ކަނޑާއި، ކަނޑާއިގުޅިފައިވާ ސަރަހައްދުތަކުގެ 30 އިންސައްތަ ހިމާޔަތްކުރުމަށް ބައިނަލްއަޤުވާމީ މައިދާނުގައި ވަކާލާތު ކުރަމުން އަންނަކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

"ޖައްވު ހޫނުވުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ފަރުތައް ހުދުވުމަކީ އަޅުގަނޑުމެން މިހާރުވެސް ތަޖުރިބާ ކޮށްފައިވާ ކަންކަން. އަދި ހަމަމިއާއިއެކު، ދިވެހިރާއްޖޭގެ ގިނަ ރަށްތަކަކަށް އާދަޔާ ޚިލާފަށް އުދައެރުމުގެ ހާދިސާތަކަކީ އަޅުގަނޑުމެން ކޮންމެ ދުވަހަކު ހެން ތަޖުރިބާކުރަމުން އަންނަކަންކަން. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މިފަދަ މައްސަލަތަކުން އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހުރިހާ ދާއިރާއަކަށް އޭގެ އަސަރުކުރޭ. އަޅުގަނޑުމެންގެ އިޤްތިޞާދަށާއި، އާންމު ސިއްޙަތު އަދި ކާބޯތަކެތީގެ ޔަޤީން ކަމަށާއި، ގޯތިގެދޮރަށްވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުރޭ."މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލަކީ އައިމިނަތު ޝައުނާ ވިދާޅުވިއެވެ.

ހިމާޔަތްކުރާ ސަރަހައްދުތަކުން ލިބޭ ފައިދާ އެންމެބޮޑަށް ކުރާނީ ރައްޔިތުންނަށްކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ތިމާވެށީގެ ގޮތުން ފާހަގަކޮށްލެވޭ ތަންތަން ރައްކާތެރިކޮށް، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ތިމާވެށީގެ މައްސަލަތަކަށް އެދެވޭ ހައްލެއް ގެނައުމަށް އައު ވިސްނުންތަކަކާއިއެކު މަސައްކަތްތަކެއް ކުރެވިދާނެކަން ފާހަގަކުރައްވާފައެވެ.