ޚަބަރު

ހަރުދަނާ ފިޔަވަޅުތަކެއް އެޅި މެލޭޝިޔާ ބަލިމަޑުކަމުގެ އަނދަވަޅެއްގައި އޮންނަތާ 18 މަސް


2019ވަނަ އަހަރުގެ ފަހުކޮޅު ކޯވިޑް-19 ފެތުރެން ފެށުނީއްސުރެ މިއަދާ ހަމައަށްވެސް ދުނިޔޭގެ ގިނަ ޤައުމުތަކުން އަދިވެސް ދަނީ އެ ބަލިމަޑުކަމާ ކުރިމަތިލަމުންނެވެ. މިދިޔަ އަހަރުގެ ތެރޭގައި ގިނަ ޤައުމުތަކުގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެ އެތައް ޤައުމެއްވަނީ ފުރަބަންދުކޮށްފައެވެ. ޤައުމުތަކުގެ އިޤްތިޞާދު ފުނޑުފުނޑުވެ ރައްޔިތުންވަނީ ގިނަ ވޭންތަކެއް ތަޙަންމަލުކުރަން ޖެހިފައެވެ. އޭރު ޤަބޫލުކުރެވުނީ ޙާލަތު އެންމެ ބޮޑަށް ގޯސްވާނެ މިންވަރަށް ގޯސްވެފައި އޮތްކަމަށެވެ.

ކޯވިޑް-19އަށް ވެކްސިން އުފައްދައި ބަލިމަޑުކަމަށް ނިމުމެއް އަތުވެދާނެކަމުގެ ކޮޅުމަތި މިދިޔަ އަހަރުގެ ތެރޭގައި ފެނުނެވެ. ނަމަވެސް އެންމެ އެދެވޭ މިންވަރަށް ވެކްސިން ނުދެވި އަނެއްކާވެސް ދުނިޔެވަނީ އަންދަވަޅެއްގެ ތެރެއަށް ވެއްޓިފައެވެ. ކުރިން ޙާލަތު ރަނގަޅުވި ޤައުމުތަކުގެ ޙާލަތުވެސްވަނީ ކުރިން ހީނުކުރާ މިންވަރަކަށް ގޯސްވެފައެވެ. ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ޖުމްލަ 172 މިލިޔަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 3.7 މިލިޔަން މީހުންވަނީ މަރުވެ ގޮސްފައެވެ.

ކޯވިޑް-19ގެ ޙާލަތު ކުރިއަށްވުރެ ގޯސްވެފައިވާ ޤައުމުތަކުގެ ތެރޭގައި މެލޭޝިޔާވެސް ހިމެނެއެވެ. އެ ޤައުމުގައި މިހާތަނަށް 603،122 މީހުންނަށް ބަލިޖެހި 3،182 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުން ކޯވިޑް-19 ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް ފެނުނީ 2020ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 25ވަނަ ދުވަހުއެވެ. އެ ޤައުމުގެ ޙާލަތު އޭގެ ފަހުން ދިޔައީ އެއް ދުވަހަށްވުރެ އަނެއް ދުވަހު ގޯސްވަމުންނެވެ. ބަލީގެ ފުރަތަމަ ރާޅުގެ ތެރޭގައި އެ ޤައުމުގައި ބޭއްވި ދީނީ އެއްވުންތަކެއްގެ ސަބަބުން ޤައުމުގެ ޙާލަތު ގޯސްވެ 2020ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދު 2،000އަށްވުރެ އިތުރުވިއެވެ. އެއާއެކު އެ އަހަރުގެ މާރިޗު މަހުގެ 18ވަނަ ދުވަހު އެ ޤައުމު ފުރަބަންދުކޮށް ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އެޅިއެވެ. އެގޮތުގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު އޭގެ ދެ މަސްދުވަސްފަހުން މެއި މަހުގެ ފުރަތަމަ ކޮޅު މަރުޙަލާތަކަކަށް ބަހާލައިގެން ފިޔަވަޅުތަކަށް ލުއިދޭން ފެށިއެވެ. މިދިޔަ އަހަރު ނިމުނުއިރުވެސް ފިޔަވަޅުތަކަށް މުޅިން އުވާލާފައެއް ނުވެއެވެ.

މެލޭޝިޔާގައި ބަލީގެ ތިންވަނަ ރާޅެއް ފެތުރެން ފެށީ މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައި އެ ޤައުމުގެ ސަބާހު ސްޓޭޓުގެ ޢާންމު އިންތިޚާބު ބޭއްވުމުންނެވެ. އެ އިންތިޚާބާ ގުޅިގެން ބަލިޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވިއެވެ. 2021ވަނަ އަހަރު ފެށުނުއިރުވެސް އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދު ދިޔައީ އިތުރުވަމުންނެވެ. އެއާއެކު ކުރިން ލުއިތަކެއް ދިން ބައެއް ފިޔަވަޅުތައް އަލުން ރުޖޫޢަކުރުމަށް މަޖުބޫރުވިއެވެ. ޖަނަވަރީ މަހުގެ 12ވަނަ ދުވަހު އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރިއެވެ. ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވެ ޞިއްޙީ ނިޒާމަށް ބާރުބޮޑުވުމުން ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަން ޖެހުނެވެ.

މެލޭޝިޔާގައި އެންމެ ފަހުން އެޅި ފިޔަވަޅުތަކާއެކު މި އަހަރުގެ މާރިޗު މަހުގެ ތެރޭގައި ބަލިޖެހޭ މީހުންގެ ޢަދަދު އަނެއްކާވެސް ދަށަށްދާން ފެށިއެވެ. އެހެންކަމުން އަނެއްކާވެސް ފިޔަވަޅުތައް ލުއިކުރިއެވެ. އޭރު އޮތީ ޢާންމުންނަށް ވެކްސިން ދިނުމުގެ ޙަރަކާތެއްވެސް އެ ޤައުމުގައި ފަށައިފައެވެ. ލުއި ދިނުމާއެކު ޙާލަތު އަނެއްކާވެސް ގޯސްވުމުން މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުގެ މެއި މަހުގެ 12ވަނަ ދުވަހު އަނެއްކާވެސް ފުރަބަންދެއް އެ ޤައުމުގައި ތަންފީޒުކުރިއެވެ. ނަމަވެސް ޤައުމުގެ އިޤްތިޞާދަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އިޤްތިޞާދީ ޙަރަކާތްތައް ކުރިޔަށްގެންދިޔުމުގެ ޙުއްދަ ދިނެވެ. ނަމަވެސް ބަލިޖެހޭ މީހުންގެ ޢަދަދަށް އެދެވޭ ބަދަލެއް ނައުމުން ޖޫން މަހުގެ 1ވަނަ ދުވަހުން 14ވަނަ ދުވަހުގެ ނިޔަލަށް އިޤްތިޞާދީ ޙަރަކާތްތައްވެސްވަނީ މެދުކަނޑާލައިފައެވެ.

ބަލިމަޑުކަމުގެ ސަބަބުން މެލޭޝިޔާގެ މާލީ ޙާލަތަށްވަނީ ބޮޑެތި ނޭދެވޭ އަސަރުތަކެއްކޮށްފައެވެ. ދެވަނަ ފަހަރަށް ޤައުމު ފުރަބަންދުކުރަން ޖެހުމުން އިޤްތިޞާދީ ބޮޑު ހީނަރުކަމަކާ އެ ޤައުމުންވަނީ ކުރިމަތިލާންޖެހިފައެވެ. އެންމެފަހުން އިޢުލާނުކުރި ފުރަބަންދުގެ ސަބަބުން އިޤްތިޞާދަށްކުރާ ނޭދެވޭ އަސަރުގެ ސަބަބުން ވިޔަފާރިތަކަށާއި ގޭބިސީތަކަށް ލިބޭ ގެއްލުންތައް ފޫބެއްދުމަށް 9.68 ބިލިޔަން އެމެރިކާ ޑޮލަރުގެ ޚާއްޞަ ޕެކޭޖެއް އެ ޤައުމުންވަނީ އިޢުލާނުކޮށްފައެވެ. މީގެ ކުރިންވެސް އެފަދަ 6 ޕެކޭޖެއްގެ ދަށުން ޢާންމުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ފާއިތުވި އަހަރުގެ ތެރޭގައި ޖުމްލަ 82.31 ބިލިޔަން އެމެރިކާ ޑޮލަރުވަނީ ޢާންމުނަށް އެހީތެރިވުމަށް ޚަރަދުކޮށްފައެވެ. އެހާ ބޮޑު ޢަދަދެއް ޚަރަދުކުރަން ޖެހުމުގެ ސަބަބުން އެ ޤައުމުގެ ޑެފިސިޓު އެ ޤައުމުގެ އުފެއްދުންތެރިކަމުގެ ނިޞްބަތުގެ 6 އިންސައްތައަށްވުރެ އިތުރުވާނެކަމަށް ބެލެވެއެވެ. މާލީ ޙާލަތަށް ކިތަންމެ ބޮޑަށް އަސަރުކުރި ނަމަވެސް އެ ނޫން ގޮތެއް ނެތްކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެއެވެ.

ކޯވިޑް-19ގެ ނުރައްކާތެރި ވައްތަރުތައްވެސް މެލޭޝިޔާއިންވަނީ ފެނިފައެވެ. ފާއިތުވި ދުވަސްތަކުގައި ކޯވިޑް-19 ޖެހިގެން ޙާލުބޮޑުވެ މަރުވާ ކުޑަކުދިންގެ ޢަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެފަދަ ޙާލަތެއްގައި ޤައުމުގެ ކުޑަކުދިން ރައްކާތެރިކުރުމަށް މުޖުތަމަޢުން މުހިންމު ދަޢުރެއް ޢަދާކުރަންޖެހޭކަމަށް ސަރުކާރުން ބުނެއެވެ.

މެލޭޝިޔާގެ ސަރުކާރުންވަނީ ބޭރަށް ނުނިކުމެ ގޭގައި މަޑުކުރުމަށް ޢާންމުންނަށް ގޮވާލައިފައެވެ. ބަލިފެތުރުން ހުއްޓުވޭނެ މަގަކީ އެއީކަމަށް ޞިއްޙީ މާހިރުން ބުނެއެވެ. ކޯވިޑް-19ގެ ނުރައްކާތެރި ވައްތަރުތައް މެލޭޝިޔާގައި ފެތުރެމުންދާ ދަނޑުވަޅެއްގައި ބަލިޖެހޭ މީހުންގެ ޢަދަދު ދަށްނުކުރެވިއްޖެނަމަ ޞިއްޙީ ނިޒާމު ހުއްޓުމަކަށް އަންނާނެކަމުގެ އިންޒާރުވެސްވަނީ ދީފައެވެ.

32 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ މެލޭޝިޔާގައި މިހާތަނަށް ވެކްސިންގެ އެއް ޑޯޒު ފުރިހަމަކޮށްފައިވަނީ އެންމެ 6.2 އިންސައްތަ މީހުންނެވެ. އެއީ ގާނގަނޑަކަށް 2.2 މިލިޔަން މީހުންނެވެ. ވެކްސިންގެ 2 ޑޯޒު ފުރިހަމަކޮށްފައިވަނީ ގާތްގަނޑަކަށް 1.1 މިލިޔަން މީހުންނެވެ. އެ ޤައުމުގައި ވެކްސިން ދެމުންދާ ދުވެލި ނިޞްބަތުން ލަހެވެ. އެ ޤައުމުގެ ސަރުކާރުންވަނީ ވެކްސިން ދެމުންދާ މިންވަރު އިތުރުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ބުނެފައެވެ. އެގޮތުން ޖޫން މަސް ނިމުމުގެ ކުރިން ދުވާލެއްގެ މައްޗަށް 200،000 މީހުންނަށް ވެކްސިން ދިނުމަށްވަނީ ނިންމައިފައެވެ. އަދި އަންނަ މަހުގެ ތެރޭގައި އެ ޢަދަދު 400،000އަށް އިތުރުކުރުމަށް ސަރުކާރުން އުންމީދުކުރެއެވެ. އޮގަސްޓު މަހުގެ ކުރިން އާބާދީގެ 80 އިންސައްތައަށް ވެކްސިން ދިނުމަށް ސަރުކާރުން ބޭނުންވެއެވެ. އެކަން ހާޞިލްކުރުމަށް ވެކްސިން ޖެހުން މަޖުބޫރުކޮށް ވެކްސިން ޖެހުމާ ދެކޮޅު މީހުންނާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް އެ ޤައުމުން ދަަނީ ވިސްނަމުންނެވެ.

މެލޭޝިޔާގެ ޙާލަތު ގޯހުން ގޯހަށް ދިޔައީ އެދެވޭ ފިޔަވަޅު ނޭޅުމުންކަމަކަށް ބުނެވޭކަށް ނެތެވެ. ބަލިމަޑުކަން ފެތުރެން ފެށުނީއްސުރެ އެ ޤައުމުގައި ހަރުކަށި އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅިއެވެ. އޭގެން ދޭހަކޮށްދެނީ ފިޔަވަޅުތަކެއް އެޅި ނަމަވެސް ބަލީގެ ރާޅުތައް ފެންނަމުންދާކަމެވެ. މިއީ ވަޞީލަތްތައް ހުރި މާލީ ތަނަވަސްކަން ހުރި ޤައުމުތަކުގެ ޙާލަތެވެ. ބޮޑެތި އިޤުތިޞާދުތައް ހުއްޓުމަކަށް އައިސް އެތައް ފުރާނައެއް ގެއްލި އެތައް ބައެއްގެ ދިރިއުޅުން އެފުށް މިފުށަށް ދަނީ ޖެހެމުންނެވެ. އެހެން ޤައުމުތަކުން ތަޙަންމަލު ކުރަމުންދާ ދަތިތަކުން ފިލާވަޅު ލިބިގަނެ އަމިއްލަ ޙާލަތު ރަނގަޅުކުރުމަށް ފަރުވާ ބަހައްޓަންޖެހެއެވެ. ކޮންމެ ބަޔަކުވެސް ވިސްނަންވީ ފަރުދީ ޒިންމާ ޢަދާކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ދެމިތިބުމަށެވެ. އަދި ވެކްސިން ޖަހައި ތިމާއާއި ވަށައިގެން އުޅޭ އެހެން މީހުންނަށް ރައްކާތެރިކަން ހޯދައިދިނުމަށެވެ. ދުވަސްވީ މައިންބަފައިންނާއި ތުއްތުކުދިން ރައްކާތެރިކޮށްދިނުމަށެވެ. އެގޮތުގައި ދެމިނުތިބޭނަމަ ފުރަބަންދުގެ ޙާލަތުން ދުވަހަކުވެސް ސަލާމަތް ނުވެވިދާނެކަމުގެ ބިރުބޮޑެވެ. އަދި ފިޔަވަޅުތަކަށް ޢަމަލުކުރުމުގައި ފަރުވާކުޑަކޮށްފިނަމަ ލޯބިވާ ޢާއިލާއާއި ރައްޓެހިންނަށް އުމުރަށް އަލްވަދާއު ކިޔަން ޖެހިދާނެކަމުގެ ބިރުވެރިކަންވަނީ އިތުރުވެފައެވެ.