ޚަބަރު

ބަރުދަން އިތުރު މީހުންނަށް ކޯވިޑް-19 ޖެހުމުން ބަލީގެ އަސަރު ގިނަ ދުވަހަށް ދެމިހުރޭ


ބަރުދަން އިތުރު މީހުންނަށް ކޯވިޑް-19 ޖެހުމުން ބަލީގެ އަސަރުތައް ގިނަ ދުވަހަށް ދެމިހުންނަކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޑައެބީޓީސް، އޮބޭސިޓީ އެންޑު މެޓަބޮލިސަމު ޖަރނަލުގައި ޝާޢިރުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ހަށިގަނޑުގެ ބަރުދަން ހުންނަންވާ މިންވަރަށްވުރެ އިތުރު މީހުންނަށް ކޯވިޑް-19 ޖެހި ރަނގަޅުވުމުންވެސް ބަލީގެ ނޭދެވޭ ގިނަ އަސަރުތަކެއް ކުރާކަމަށެވެ. އެގޮތުން ބަލިން ރަނގަޅުވުމަށްފަހު އެތައް މަހެއްވަންދެން ހިތުގެ މައްސަލަތަކާއި ލޭގަނޑުވުމާއި ފުއްޕާމޭގެ މައްސަތައް ދިމާވާކަމަށާއި ދިފާޢީ ނިޒާމު ބަލިކަށިވުމުގެ އިތުރުން ހަށިގަނޑުގެ އެކި ގުނަވަންތައް ދުޅަވުމުގެ މައްސަލަތައް ދިމާވާކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ.

ދިރާސާކުރުމުގައި އިސްކޮށް ޙަރަކާތްތެރިވި ކުލީވްލެންޑުގެ ބެރިއެޓުރިކް އެންޑު މެޓަބޮލިކު އިސްޓިޓިއުޓުގެ ޑިރެކްޓަރު ޑރ. އަލީ އަމީނިއަން ވިދާޅުވީ އެ ދިރާސާއަކީ ބަރުދަން އިތުރު މީހުންނަށް ބަލިޖެހި ރަނގަޅުވުމުންވެސް ބަލީގެ އުނދަގޫތަކާ ކުރިމަތިލާންޖެހޭކަން ދައްކުވައިދިން ފުރަތަމަ ދިރާސާކަމަށެވެ. އެގޮތުން ކޯވިޑް-19 ޖެހުނު 2،839 މީހުންގެ ޙާލަތު 10 މަސް ދުވަހުގެ މުއްދަތަށް ދިރާސާކޮށްފައިވެއެވެ.

ދިރާސާގެ ނަތީޖާއިން ދެއްކި ގޮތުގައި އެ މީހުންގެ ތެރެއިން 44 އިންސައްތަ މީހުންވަނީ ބަލިން ރަނގަޅުވުމަށްފަހުވެސް ބަލީގެ ސަބަބުން ޞިއްޙީ އެހެނިހެން މައްސަލަތައް ދިމާވެގެން ޑޮކްޓަރަށް ދައްކައިފައެވެ. ދިރާސާއިން ދެއްކި ގޮތުގައި ބަރުދަން އިތުރު މީހުން ބަލިން ރަނގަޅުވުމަށްފަހު ހަސްފަތާލުގައި އެނދުމަތިކޮށް އިތުރު ތަޙްލީލުތައް ކުރަންޖެހޭ މިންވަރުވަނީ އިތުރުވެފައެވެ. އެގޮތުން ނަފްސާނީ މައްސަލަތަކަށްވެސް ފަރުވާދޭންޖެހޭކަމަށް ދިރާސާގައި ބުނެފައިވެއެވެ. ކޯވިޑް-19ން ރަނގަޅުވުމުންވެސް އިތުރު މައްސަލަތައް ދިމާވަނީ ބަރުދަން އިތުރުވުމުގެ ސަބަބުން ހަށިގަނޑުގައި ހުންނަ އެހެން މައްސަލަތައް ގިނަވުމުންކަމަށް ބެލެވޭކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ. ކޯވިޑް-19 ޖެހުމުންވެސް އެފަދަ މީހުންނަށް ނުރައްކާ ބޮޑުވާކަމަށާއި ބަލިން ރަނގަޅުވުމުން ދިގު މުއްދަތަށް އުނދަގޫތަކާ ކުރިމަތިލާންޖެހެނީ އެހެންވެކަމަށް ދިރާސާގައި ބުނެފައިވެއެވެ.

މިދިޔަ މާރިޗު މަހުގެ ތެރޭގައި އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓުރޯލް، ސީޑީސީންވެސްވަނީ ހުންނަންވާ މިންވަރަށްވުރެ ބަރުދަން އިތުރު މީހުންނަށް ކޯވިޑް-19 ޖެހުމުން ބަލީގައި މަރުވުމުގެ ފުރުޞަތު 60 އިންސައްތަ އިތުރުވާކަމަށް ބުނެފައެވެ. އެހެން ދިރާސާއެއްގައި ބުނެފައިވަނީ ބަރުދަން ލުއި މީހުންނަށްވުރެ ބަރުދަން އިތުރު މީހުން ހަސްފަތާލުގައި އެނދުމަތި ކުރަންޖެހޭ މިންވަރު ތިންގުނަ އިތުރުކަމަށެވެ. އަދި މަރުވާ މީހުންގެ ޢަދަދުވެސް އިތުރުކަމަށްވަނީ ފާހަގަކޮށްފައެވެ. އޭގެ އިތުރުން ކުޑަކުދިންގެ ތެރެއިންވެސް ބަރުދަން އިތުރު ކުދިންނަށް މައްސަލަތައް ދިމާވާ މިންވަރު އިތުރުކަމަށާއި ކޯވިޑް-19 ޖެހުމުން ވެންޓިލޭޓަރުގެ އެހީގައި ފަރުވާދޭންޖެހޭ މިންވަރު އިތުރުވާކަމަށްވެސްވަނީ ފާހަގަކޮށްފައެވެ.