ކުޅިވަރު

ކޮންފަރެންސް ސެމީފައިނަލުން ސަންސް ޖާގަހޯދައިފި


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ލޮސް އެންޖަލިސް ލޭކަރސް ޕްލޭ އޮފްގައި ބަލިކޮށް ވެސްޓަރން ކޮންފަރެންސްގެ ސެމީފައިނަލުން ފީނިކްސް ސަންސް ޖާގަހޯދައިފިއެވެ. ސަންސް މިސީރީޒް ކާމިޔާބުކުރީ މިއަދު ހެނދުނު ކުޅުނު ހަވަނަ މެޗް 113 ޕޮއިންޓް 100 ޕޮއިންޓުން ކާމިޔާބުކޮށްގެންނެވެ.

މިފަހަރުގެ ރެގިއުލަރ ސީޒަންގައި މޮޅު ކުޅުމެއް ދެއްކުމަށްފަހު ދެވަނަ ޓީމްގެ ގޮތުގައި ޕްލޭ އޮފަށް އައި ސަންސް އިން ލޭކަރސް އާއި ދެކޮޅަށް ހަމެޗްގައިވެސްވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ހަމައެއާއެކު މިފަހަރުގެ ސީޒަން ވަރަށް ކާމިޔާބުކަމާއެކު ފެށި ލޭކަރސްއަށް ސީޒަންގެ މެދުތެރެއިން ދިމާވި އަނިޔާގެ ގިނަ މައްސަލަތުން މުޅިން އަރައިގަނެވޭ ވަރެއް ނުވިއެވެ. އަދި މިފަހަރުގެ ޕްލޭ އޮފުން ޖާގަލިބުނީވެސް ޕްލޭ އިން މެޗް ކުޅެގެންނެވެ. އަދި ޕްލޭ އޮފަށް ދިމާކޮށް ލެބްރޮން ޖޭމްސް އަނިޔާއިން އެނބުރި އައިސް ޓީމާއި ގުޅިފައިވީ ނަމަވެސް އޭނާއަށްވެސް ލޭކަރސް މިފަހަރު ސަލާމަތް ކޮށްދެވޭވަރެއް ނުވިއެވެ. މިމެޗްގައި ސަންސްގެ ޑެވިން ބޫކަރވަނީ 47 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނަގާފައެވެ. އަދި ލޭކަރސްގެ ލެބްރޮން ޖޭމްސްވަނީ 29 ޕޮއިންޓް ހޯދައިދީ 9 ރީބައުންޑް ނަގާ 7 އެސިސްޓް ކޮށްފައެވެ.

ކޮންފަރެންސް ސެމީފައިނަލްގައި ސަންސް ބައްދަލުކުރާނީ ޑެންވަރ ނަގެޓްސްއާއެވެ. ނަގެޓްސް ކޮންފަރެންސް ސެމީފައިނަލުން ޖާގަހޯދީ ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް އާއެކު ރޭ ކުޅުނު ހަވަނަ މެޗް 126 ޕޮއިންޓް 115 ޕޮއިންޓުން ކާމިޔާބުކޮށްގެންނެވެ. އެހެންކަމުން މިސީރީޒް ނަގެޓްސް ކާމިޔާބުކުރީ ހަތަރު މެޗް ދެމެޗުންނެވެ. ރޭގެ މެޗްގައި ނަގެޓްސްގެ ނިކޮލާ ޔޮކިޗްވަނީ 36 ޕޮއިންޓް ހޯދައިދީ 8 ރީބައުންޑް ނަގާ 6 އެސިސްޓް ކޮށްފައެެވެ. އަދި ބްލޭޒަރސްގެ ޑާމިއަން ލިލާޑްވަނީ 28 ޕޮއިންޓް ހޯދައިދީ 13 އެސިސްޓް ކޮށްފައެވެ.

ޕްލޭ އޮފްގައި މިހާރު ނުނިމި އޮތީ ވެސްޓަރން ކޮންފަރެންސްގައި ލޮސް އެންޖަލިސް ކްލިޕަރސް އާއި ޑެލަސް މެވްރިކް ބައްދަލުކުރަމުންދާ ސީރީޒްއެވެ. 3 މެޗް 2 މެޗުން މިހާރު ކުރީގައި އުޅެނީ މެވްރިކްސްއެވެ. އަދި މިރޭ ކުޅޭ މެޗުން މެވްރިކްސް މޮޅުވެއްޖެނަމަ އެޓީމަށް މިސީރީޒް ކާމިޔާބުވާނެއެވެ. އަދި ކްލިޕަރސްއިން ހަތްވަނަ މެޗަކަށް މިސީރިޒް ގެންދަން ބޭނުންވާކަމުގައިވާނަމަ މިރޭގެ މެޗުން މޮޅުވުން މަޖްބުރެވެ.