ކުޅިވަރު

ފްރެންޗް އޯޕަންގެ ތިންވަނަ ބުރުން ޖޯކޮވިޗް، ނަޑާލް އަދި ފެޑެރަރ ޖާގަހޯދައިފި


ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ތިންވަނަ ބުރުން އެއްވަނަ ސީޑް ނޯވަކް ޖޯކޮވިޗް، މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ރަފައެލް ނަޑާލް އަދި ތަޖްރިބާކާރު ކުޅުންތެރިޔާ ރޮޖަރ ފެޑެރަރ ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ތިންވަނަ ބުރުން ޖޯކޮވިޗް ޖާގަހޯދީ ދެވަނަ ބުރުގައި އުރުގުއާއީގެ ޕަބްލޯ ކުއެވާސް އާއި ބައްދަލުކުރިމެޗް ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ތިނެއް، ހައެއް ދެއެއް އަދި ހައެއް ހަތަރަކުންނެވެ. ތިންވަނަ ބުރުގައި ޖޯކޮވިޗް ބައްބަލު ކުރާނީ ލިތުއޭނިއާގެ ރިކާޑާސް ބެރަންކިސްއާއެވެ.

މިމުބާރާތުގެ ތިންވަނަ ބުރުން އަށްވަނައަށް ސީޑް ކޮށްފައިވާ ސްވިޓްޒަލަންޑްގެ ފެޑެރަރ ޖާގަހޯދީ ދެވަނަ ބުރުގައި ކްރޮއޭޝިއާގެ މަރިން ސިލިޗް އާއި ބައްދަލުކޮށް 3 ސެޓް އެއްސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މިއީ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރުމަށްފަހު ވަރަށް ފަހުން ކުޅުމުގެ ތެރެއަށް އެނބުރި އައިސްފައިވާ ފެޑެރަރއަށް އޭނާގެ ފެންވަރު ދައްކާލުމުގެ އިތުރުން އޭނާ އަމިއްލައަށް ފެންވަރު ވަޒަން ކޮށްލަން ލިބިގެންދިޔަ ރަނގަޅު މެޗެކެވެ. މިއީ ވޭތުވެދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ތިން ސެޓަށްވުރެ ގިނައިން މެޗެއްގައި ފެޑެރަރ ކުޅުނު ފުރަތަމަ މެޗެވެ. އެހެންކަމުން އޭނާއަށް ސިލިޗް ކަހަލަ ކުޅުންތެރިޔަކާއި ދެކޮޅަށް ހިފަހައްޓާލެވޭނެތޯ މިއީ ގިނަ ބައެއްގެ ހިތްތަކުގައި އުފެދިފައިވި ސުވާލުތަކެކެވެ. މިމެޗްގެ ފުރަތަމަ ސެޓް ހައެއް ދެއަކުން ފެޑެރަރ ކާމިޔާބުކުރިއިރު ދެވަނަސެޓް ސިލިޗްވަނީ ހަމަ މިނަތީޖާއިން ކާމިޔާބުކޮށްފައެވެ. އަދި ތިންވަނަ ސެޓް ވެގެންދިޔައީ އެންމެ ވާދަވެރި ސެޓަށެވެ. މިގޮތުން މިސެޓް ހައެއް ހަޔަކުންއެއްވަރުވުމުން ޓައި ބްރޭކަށް ގޮސް ފެޑެރަރ ކާމިޔާބުކުރީ ހަތެއް ހަތަރަކުންނެވެ. އަދި ފަހު ސެޓް ފެޑެރަރ ކާމިޔާބުކުރީ ހައެއް ދެއަކުންނެވެ. މިކާމިޔާބީއާއެކު ތިންވަނަ ބުރުގައި ފެޑެރަރ ބައްދަލުކުރާނީ ޖަރުމަނުވިލާތުގެ ޑޮމިނިކް ކޮއެފަރ އާއެވެ.

35 ވަނަ އުފަންދުވަސް ފާހަގަ ކުރަމުންދިޔަ އެންމެފަހުގެ ޗެމްޕިއަން ނަޑާލް ތިންވަނަ ބުރުން ޖާގަހޯދީ ދެވަނަ ބުރުގައި ރިޗަޑް ގަސްކުއޭ އާއި ބައްދަލުކުރިމެޗް ސިދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ސުމެއް، ހަތެއް ފަހެއް އަދި ހައެއް ދެއަކުންނެވެ. ތިންވަނަ ބުރުގައި ނަޑާލް ވާދަކުރާނީ އިނގިރޭސިވިލާތުގެ ކެމެރަން ނޯރީ އާއެވެ. ނޯރީ ތިންވަނަ ބުރުން ޖާގަހޯދީ ދެވަނަ ބުރުގައި ދެކުނު އެފްރިކާގެ ލޮއިޑް ހެރިސް އާއި ބައްދަލުކުރިމެޗް ތިން ސެޓް އެއްސެޓުން ކާމިޔާބުކޮށްގެންނެވެ.