ޚަބަރު

ދިވެހި ޓީމަކީ ފަސޭހަކޮށްލެވޭ ވަރުގެ ޓީމެއް ނޫން - ނަބީލް


ދިވެހިރާއްޖޭގެ ޤައުމީ ޓީމަކީ ފަސޭހަކޮށްލަންޖެހޭ ވަރުގެ ޓީމެއް ނޫންކަން މީގެ ކުރިންވެސް ފެނިފައިވާކަމަށާއި، މާދަމާގެ މެޗަކީ މި ކޮލިފައިންގެ އެންމެ މުހިންމު އެއް މެޗުގެ ގޮތުގައި ސީރިއާގެ ކޯޗު ނަބީލް މާލޫލް ސިފަކޮށްފިއެވެ.

ވަރލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ސީރިއާ އާއި ދިވެހިރާއްޖޭ މާދަމާރޭ ވާދަކުރާނެއެވެ. މިމެޗާއި ކުރިމަތިލާއިރު ސީރިއާ އޮތީ މިވަގުތު ލީގް ތާވަލްގައި 5 ޕޮއިންޓްގެ ލީޑަކާއެކުއެވެ. މިހާތަނަށް ކުޅުނު ފަސް މެޗުވެސް އެޓީމް ކާމިޔާބުކޮށްފައިވާއިރު، ގްރޫޕްގެ އެއްވަނަ ހޯދަން އެޓީމަށް ދެން ބާކީ އޮތް ތިން މެޗުން ބޭނުންވަނީ ފަސް ޕޮއިންޓެވެ. ދިވެހިރާއްޖެ އޮތީ 6 ޕޮއިންޓާއެކު
ހަތަރުވަނައިގައެވެ.

މާދަމާގެ މެޗާއި ގުޅޭގޮތުން ސީރިއާގެ ކޯޗު ނަބީލް މާލޫން ބުނީ ތާވަލްގައި ދިވެހިރާއްޖެ އޮތް ހިސާބަށް ބެލުމަށްވުރެ އެޓީމުގެ ކުޅުމަށް ބަލަން މަޖުބޫރުކަމަށެވެ. އަދި ސީރިއަސްކޮށް ނުނަގައިފިނަމަ ދިވެހި ޓީމަކީ ކިތަންމެ ވަރުގަދަ ޓީމަކަށްވެސް ބަލިކޮށްލެވޭ ފެންވަރުގެ ޓީމެއްކަމަށް އޭނާ ބުންޏެވެ. ސީރިއާގެ ކޯޗު ބުނީ ކޮލިފައިންގައި އެޓީމާއި ދެކޮޅަށް ރާއްޖެއިން ކުރިން ކުޅުނު މެޗުން އެކަނިވެސް އެކަން ފެންނަން އެބައޮތްކަމަށެވެ. ގްރޫޕްގެ އެއްވަނަ ހޯދުމަކީ މުޅި ކޮލިފައިންގެ އަމާޒުކަމަށާއި، އެހެންނަމަވެސް އެކަމާއިމެދު ވިސްނަނީ މެޗަކަށްފަހު މެޗަކުން މޮޅުވެ ރަނގަޅު ނަތީޖާތައް ނެރެންކަމަށްވެސް އޭނާ ބުނެފިއެވެ.

"އަސްލު ހަގީގަތަކީ ދިވެހިރާއްޖެއަކީ ވަރުގަދަ ޓީމެއް. އެކަން ކުރިން މެޗުންވެސް އިނގޭ. މިހާރު ހާލަތު ބަދަލުވެފައި އޮތަސް އަހަރެންގެ ޓީމާއިމެދު އިތުބާރު އެބައޮތް. ތައްޔާރީތައް ވަރަށް ރަނގަޅު. އައު ކުޅުންތެރިންވެސް އެބަތިބި. އަހަރުމެން މިތިބީ މެޗަކަށްފަހު މެޗަކުން މޮޅުވެ ގްރޫޕްގެ އެއްވަނަ ޔަގީންކުރަން ތައްޔާރަށް". ސީރިއާގެ ކޯޗު ނަބީލް ބުންޏެވެ.