ޚަބަރު

ސީރިޔާއާއި ދެކޮޅަށް ހީނުކުރާ ފަދަ ކުޅުމެއް ފެނިގެންދާނެ : ކޫޕްމަން


ފުޓުބޯޅައިގެ ރީތިކަމަކީ އެންމެ ހީނުކުރާ ކަހަލަ ނަތީޖާތަކެއް ޓީމްތަކުން ނެރުންކަމަށާއި، މާދަމާގެ މެޗުގައިވެސް އެކަހަލަ ނަތީޖާއަކަށް އުއްމީދުކުރާ ކަމަށް ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗު މާޓިން ކޫޕްމަން ބުނެފިއެވެ.

ވަރލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ސީރިއާއާއި ދިވެހިރާއްޖެ މާދަމާރޭ ވާދަކުރާނެއެވެ. މިމެޗާއި ކުރިމަތިލާއިރު ސީރިއާ އޮތީ މިވަގުތު ލީގް ތާވަލްގައި 5 ޕޮއިންޓްގެ ލީޑަކާއެކުއެވެ. މިހާތަނަށް ކުޅުނު ފަސް މެޗުވެސް އެޓީމް ކާމިޔާބުކޮށްފައިވާއިރު، ގްރޫޕްގެ އެއްވަނަ ހޯދަން އެޓީމަށް ދެން ބާކީ އޮތް ތިން މެޗުން ބޭނުންވަނީ ފަސް ޕޮއިންޓެވެ. ދިވެހިރާއްޖެ އޮތީ 6 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

މާދަމާގެ މެޗާއި ގުޅޭގޮތުން ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗު މާޓިން ކޫޕްމަން ބުނީ މިހާތަނަށް ޓީމަށް ދިމާވި ގޮންޖެހުންތައް ގިރާކޮށް ކުރި މަސައްކަތާއިމެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި، މިއީ ގިނަ ބައެއްގެ ބުރަ މަސައްކަތްކަމަށެވެ. ސީރިއާގެ މެޗަކީ މިހުރިހާ މަސައްކަތެއްގެ ފުރަތަމަ އިމްތިހާނުކަމަށާއި، ރަނގަޅު ނަތީޖާއަކަށް އުއްމީދުކުރެވޭ ކަމަށްވެސް އޭނާ ބުންޏެވެ.
ކޫޕްމަން ބުނީ ސީރިއާއަކީ ކިތަންމެ ވަރުގަދަ ޓީމެއް ނަމަވެސް ދިވެހި ޓީމްގެ ހުރިހާ ކުޅުންތެރިންނަށް އޭނާގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށާއި، ފުޓްބޯޅައިގައި ހަމަ ކޮންމެ ކަހަލަ ނަތީޖާއެއްވެސް ނެރެވިދާނެކަމަށެވެ. އަދި މިފަހަރުގެ ސަޕްރައިޒިން ޓީމަކަށް ދިވެހި ޓީމް ވާނެކަމަށް އުއްމީދުކުރާކަމަށްވެސް ކޫޕްމަން ބުންޏެވެ.

ކޫޕްމަން ބުނީ ކޯވިޑްގެ ހާލަތުގެ ސަބަބުން މިހާތަނަށް 7 ކުޅުންތެރިއަކު ޓީމާއި ދުރުވާންޖެހުނު ކަމަށާއި، ބަދަލުގައި އައި ކުޅުންތެރިންނާއެކު މި ލިބުނު ވަގުތުކޮޅުގައި މިހާރު ޓީމު އޮތީ ހިތްހަމަޖެހޭ ވަރަށް ތައްޔާރުކުރެވިފައިކަމަށެވެ.

"ފުޓްބޯޅައިގައި ހަމަ ކޮންމެ ކަހަލަ ގޮތެއްވެސް ވެދާނެ، ދިވެހި ޓީމަކީ ސަޕްރައިޒިން ޓީމަށްވެސްވުން ގާތް، އަހަރެންގެ ކުޅުންތެރިން ގިނަ ގޮންޖެހުންތަކާއެކުވެސް ބުރަ މަސައްކަތްތަކެއްކޮށްފި. އެކަމާ އުފަލުން މިހިރީ. އުއްމީދަކީ ހަމަ ރަނގަޅު ނަތީޖާއެއް ނެރުން މާދަމާގެ މެޗުން." ގައުމީ ކޯޗް ކޫޕްމަން ބުންޏެވެ.

ވަރލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ސީރިއާއާއި ދިވެހިރާއްޖެ މާދަމާރޭ 9 ޖަހާއިރު ކުޅޭ މެޗް ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.