ޚަބަރު

ވެކްސިން ހޯދުމަށް އިންޑިޔާއަށް ބޮޑެތި ގޮންޖެހުންތަކެއް


ބޭނުންވާ ޢަދަދަށް ވެކްސިން ހޯދުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ އިންޑިޔާއިން ތަޙްލީލު މަރުޙަލާގައިވާ ކޯވިޑް-19ގެ ވެކްސިނެއް ގަތުމަށް އެ ޤައުމުގެ ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިންޑިޔާގައި ދިރިއުޅޭ 18 އަހަރުން މަތީގެ 950 މިލިޔަނަށްވުރެ ގިނަ މީހުންގެ ތެރެއިން ކޯވިޑް-19ގެ ވެކްސިންގެ 2 ޑޯޒު ފުރިހަމަކޮށްފައިވަނީ ގާތްގަނޑަކަށް 4.7 އިންސައްތަ މީހުންނެވެ. އިންޑިޔާއަކީ އެންމެ ފުޅާ ދާއިރާއެއްގައި ބޭހާއި ވެކްސިން އުފައްދައި އެއް ޤައުމެވެ. ނަމަވެސް އިންޑިޔާގެ ރައްޔިތުންނަށް ވެކްސިން ޔަޤީންކުރުމަށް އެ ޤައުމުންވަނީ ނުކުޅެދިފައެވެ. އެއާއެކު ކޯވިޑް-19ގެ ވެކްސިން އެ ޤައުމުން ބޭރުކުރުންވަނީ ވަގުތީގޮތުން މެދުކަނޑާލައިފައެވެ. އެ ނިންމުމުގެ ސަބަބުން އިންޑިޔާއިން ފޯރުކޮށްދޭ ވެކްސިންނަށް ބަރޯސާވެފައިވާ ގިނަ ޤައުމުތަކަކަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ވެކްސިން ގަތުމަށް އެ ޤައުމުތަކުން ދައްކާފައިވާ ގިނަ ޢަދަދެއްގެ ފައިސާވެސް އަނބުރާ ދިނުމަށް އިންޑިޔާއަށްވަނީ މަޖުބޫރުވެފައެވެ.

އިންޑިޔާގެ ސަރުކާރުން ބުނީ އެ ޤައުމުގެ ކުންފުންޏެއްކަމަށްވާ ބަޔޮލޮޖިކަލް އީން އުފައްދާފައިވާ ކޯވިޑް-19ގެ ވެކްސިންގެ 300 މިލިޔަން ޑޯޒު ގަންނާނެކަމަށެވެ. އަދި އެ ވެކްސިން ގަތުމަށް 205.6 މިލިޔަން އެމެރިކާ ޑޮލަރު ދައްކާފައިވާކަމަށްވެސް އިންޑިޔާގެ ސަރުކާރުން ބުނެފައިވެއެވެ. ނަމަވެސް އެ ވެކްސިންގެ ތަޙްލީލުތައް މިހާތަނަށް ނިމިފައެއް ނުވެއެވެ. ބަޔޮލޮޖިކަލް އީން އުފައްދައި ވެކްސިނުގެ ތިންވަނަ މަރުޙަލާގެ ތަޙްލީލުތައް އަދިވެސް ދަނީ ކުރަމުންނެވެ. އިންޑިޔާގެ ސަރުކަރުން ބުނީ ބަޔޮލޮޖިކަލް އީގެ ވެކްސިން ގަތުމަށް ނިންމީ އެ ޤައުމުގެ އަމިއްލަ ކުންފުނިތަކަށް އެހީތެރިވެ ހިތްވަރު ދިނުމުގެ ގޮތުންކަމަށެވެ.

އިންޑިޔާގައި ބޭނުންކުރަނީ އިނގިރޭސިވިލާތުގެ އެސްޓުރަޒެނެކާ ކުންފުނީގެ ޚާއްޞަ ޙުއްދައެއްގެ ދަށުން ސީރަމު އިންސްޓިޓިއުޓު އޮފް އިންޑިޔާއިން ކޮވިޝިލްޑުގެ ނަމުގައި އުފައްދާ ވެކުސިނަކާއި އިންޑިޔާގެ ބަރަތު ބަޔޯޓެކުން އުފައްދާ ކޯވެކްސިނެވެ. ޖޫން މަހުގެ މެދުތެރޭގައި ރަޝިޔާގައި އުފައްދާ ސްޕަޓުނިކް ވީ އިންޑިޔާގައި ބޭނުންކުރަން ފަށާނެއެވެ. އޭގެ އިތުރުން އިންޑިޔާގައި ސްޕަޓުނިކް ވީ އުފެއްދުމުގެ ޙުއްދައަކަށްވެސްވަނީ އެދިފައެވެ.

އިންޑިޔާގެ 6 ކުންފުންޏަކުންވަނީ އަހަރެއްގެ ތެރޭގައި ސްޕަޓްނިކު ވީގެ 1 ބިލިޔަން ޑޯޒު އުފެއްދުމަށް ރަޝިޔާއާއެކު އެއްބަސްވުންތަކެއް ޤާއިމުކޮށްފައެވެ. އޮގަސްޓު މަހާއި ޑިސެންބަރު މަހާ ދެމެދު ސްޕަޓްނިކު ވީގެ 156 މިލިޔަން ޑޯޒު ލިބޭނެކަމަށް އިންޑިޔާގެ ސަރުކާރުން އުންމީދުކުރެއެވެ.

އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އިންޑިޔާގައެވެ. ދުނިޔޭގެ އާބާދީގެ 18 އިންސައްތަ މީހުން ދިރިއުޅޭ އިންޑިޔާގައި މިހާތަނަށް 28.4 މިލިޔަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 338،013 މީހުން މަރުވެފައިވާކަމަށް ރަސްމީ ޢަދަދުތަކުން ދައްކައެވެ. އެ ޤައުމުގައި ބަލިޖެހުނު މީހުންނާއި މަރުވި މީހުންގެ އަސްލު ޢަދަދުތައް އެއަށްވުރެ އެތައް ގުނައެއް އިތުރުވާނެކަމަށް ޞިއްޙީ މާހިރުން ބުނެއެވެ.