ދުނިޔެ

އައި.އެސްއާއި ދެކޮޅަށް ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސްކޮށްފި


ސޫރިޔާއާއި ޢިރާޤުގައި ހަރަކާތްތެރިވަމުންދާ އައި.އެސް ހަނގުރާމަވެރިންނާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތައް ދެގުނައަށް އިތުރު ކުރުމަށް ގޮވާލާ އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރެއް ފާސްކޮށްފިއެވެ.15 މެމްބަރުން ހިމެނޭގޮތަށް ސަލާމަތީ މަޖިލީހުން މި ޤަރާރު ފާސްވެފައިވަނީ، ހުރިހާ މެމްބަރުންގެ އިއްތިފާޤުން ކަމަށް ރިޕޯޓްތައް ބުނެއެވެ.ފަރަންސޭސިވިލާތުން އެކުލަވާލި މި ޤަރާރުގައި ވަނީ އައި.އެސް ޖަމާޢަތާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އދގެ މެމްބަރު ހުރިހާ ގައުމަކަށް ކުރެވެން އޮތް ކަމެއް ކުރުމަށް ގޮވާލާފައެވެ. އަދި ސޫރިޔާއާ ޢިރާޤުގައި އައި.އެސް އިން ޤާއިމުކޮށްފައިވާ މަރުކަޒުތައް ނައްތާލާ އެގައުމުތަކުން އައި.އެސް ފޮހެލުމަށް ވެސް މި ޤަރާރުގައި ގޮވާލާފައިވެއެވެ.އެހެން ނަމަވެސް، އައި.އެސްއާ ދެކޮޅަށް ބާރު ބޭނުންކުރުން ހުއްދަ ކުރާ ފަދަ މާއްދާއެއް މި ޤަރާރުގައި ހިމަނާފައި ނުވާ ކަން މުރާސިލުން ވަނީ ފާހަގަކޮށްފައެވެ.އައި.އެސް ޖަމާޢަތުން ފަހަކަށް އައިސް ދުނިޔޭގެ އެކި ހިސާބުތަކުގައި ވަނީ ނުރައްކާތެރި ހަމަލާތަކެއް ދީފައެވެ.މީގެ ތެރޭގައި ފަރަންސޭސިވިލާތުގެ ޕެރިހަށް ދާދި ފަހުން ދިން ނުރައްކާތެރި ހަމަލާއާ ތޫނިސް އަދި ލުބުނާނުގައި ދިން ވަރުގަދަ ހަމަލާތައް ހިމެނެއެވެ.