ޚަބަރު

އެސްޖީ އައްޔަންކުރާއިރު ކައުންސިލްގެ ލަފާ ހޯދަންނުޖެހޭ އިސްލާހަށް ސަރުކާރުން ތާޢީދެއް ނުކުރޭ


ލޯކަލް ކައުންސިލްތަކުގެ އެންމެ އިސް އިދާރީ މުވައްޒަފަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަންކުރުމުގައި ކައުންސިލްގެ ލަފާ ހޯދަން ނުޖެހޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް ގެމަނަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަޢީދު ހުށައެޅުއްވި އިޞްލާހަށް ސަރުކާރުން ތާޢީދު ނުކުރާކަން ހާމަކޮށްފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުން ގެނެސްފައިވާ ބޮޑެތި އިޞްލާހުތަކުގެ ތެރޭގައިވަނީ ކައުންސިލްތަކުގެ އިދާރީ އެންމެ އިސް މުވައްޒަފަކީ ސެކްރެޓަރީ ޖެނެރަލުން ކަމަށް ބަޔާކޮށްފައެވެ. އަދި އެމަޤާމަށް މީހަކު އައްޔަންކުރަންވާނީ ކައުންސިލްގެ ލަފާގެ މަތިން ސިވިލް ސާރވިސް ކޮމިޝަނުން ކަމަށް މިހާރު ޢަމަލުކުރަމުން އަންނަ ޤާނޫނުގައިވެއެވެ.

ނަމަވެސް ގެމަނަފުށި ދާއިރާގެ މެންބަރު އަޙްމަދު ސައީދު ލާމަރުކަޒީ ޤާނޫނަށް ހުށައެޅުއްވި އިޞްލާހުގައި ވަނީ، ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު އައްޔަންކުރަންވާނީ ސިވިލް ސާރވިސް ކޮމިޝަނުންކަމަށެވެ. އެ އިޞްލާހުގައި ކައުންސިލްގެ ލަފާ ހޯދަންޖެހުން ވަނީ އުނިކޮށްފައެވެ.

އެ އިޞްލާހު ހުށައެޅުއްވި މަޤްޞަދެއް ކަމަށް ބުނެފައިވަނީ، ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުޞަތު، ފާޅުކަންބޮޑު ގޮތެއްގައި ހުޅުވާލައި، އެކަށީގެންވާ، ހަމަހަމަ ފުރުޞަތު މުޖުތަމަޢުގެ ހުރިހާ ފަރާތަކަށްވެސް ލިބިދެވޭނެ ނިޒާމެއް ޤާއިމުވެފައި އޮތުމާއި، ސިޔާސީ މަޞްލަޙަތުތަކުން އެކަހެރިވެފައިވާ، ވަކިފަރާތެއްގެ ނުފޫޒަކަށް ތަބާނުވާ، އަދި ވަކިފަރާތެއްގެ ރުހުން ހޯދުމަށް މަސައްކަތް ނުކުރާ، ޕްރޮފެޝަނަލް މިންގަނޑުތަކަކުން ޚިދުމަތް ފޯރުކޮށްދިނުމަށްކަމަށެވެ.

މެންބަރު އަޙްމަދު ސަޢީދު ވަނީ ސިވިލް ސާރވިސް ޤާނޫނަށްވެސް އިޞްލާހެއް ހުށައަޅާފައެވެ. އެގޮތުން ސެކްރެޓަރީ ޖެނެރަލް އައްޔަންކުރަންވާނީ ސިވިލް ސާރވިސް ކޮމިޝަނުން ކަމަށް ބުނާ ބައި ވަނީ އިޞްލާހެއްގެ ގޮތުގައި ހުށައަޅާފައެވެ. ސައީދު ހުށައެޅުއްވި އިޞްލާހުގެ ދެބިލްވެސް މިހާރު އޮތީ މަޖިލީހުގައި ފުރަތަމަ ކިޔުން އިއްވާފައެވެ. އެ އިޞްލާހުތަކަށް ބަހުސް މަޖިލީހުގައި އަދި ފަށާފައެއް ނުވެއެވެ.

މެންބަރު އަޙްމަދު ސަޢީދު ހުށައެޅުއްވި އިޞްލާހުގެ ބިލަކީ ސަރުކާރުން ހުށައެޅި ބިލެއް ނޫން ކަމަށް ސަރުކާރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް މިއަދު ވަނީ ހާމަކުރައްވާފައެވެ. މަބްރޫކް ވިދާޅުވީ، ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރުމުގައި، ކައުންސިލްގެ ލަފާހޯދުމަށް ޤާނޫނުގައި މިހާރު ލިޔެވިފައި އެވަނީ މިސަރުކާރުން ގެނައި މުހިންމު އިސްލާޙާއެކުކަމަށެވެ. ސަރުކާރުގެ ވިސްނުމަކީ އެގޮތަށް އެކަން ކުރުންކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަޙްމަދު ހަމްދާންވެސް ވިދާޅުވީ، ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށް، ސެކްރެޓަރީ ޖެނެރަލް އައްޔަންކުރަންވާނީ ކައުންސިލްގެ ލަފާގެމަތިން ކަމަށް ޤާނޫނަށް އިސްލާޙު ގެނައީ މި ސަރުކާރުންކަމަށެވެ. މި ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނަކަމަށާއި، މެންބަރު އަޙްމަދު ސަޢީދު ހުށައަޅުއްވާފައިވާ އިޞްލާހުގެ ބިލަކީ ސަރުކާރުން ހުށަހެޅި ބިލެއް ނޫންކަމަށް ހަމްދާން ވިދާޅުވިއެވެ.

ސަރުކާރުން މިކަން ހާމަކޮށްފައިވާއިރު، ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދީ ސަރުކާރުން ވަނީ ލާމަރުކަޒީ ޤާނޫނަށް ގިނަ އިޞްލާހުތަކެއް ގެނެސްފައެވެ. އެގޮތުން ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމާއެކު މާލީ ގޮތުން ވަނީ ބާރުވެރިކޮށްފައެވެ. އެގޮތުން ކައުންސިލްތަކަށް އަމިއްލަ ނަމުގައި ވިޔަފާރިކުރުމާއި، މުނިސިޕަލް ޚިދުމަތްތަކުން ލިބޭ އާމްދަނީ ކައުންސިލްތަކުގެ އަމިއްލަ އާމްދަނީއަށް ވަނީ ހަދާފައެވެ.

މުހައްމަދު

ކައުންސިލުން ކުރަންވީ ކަމަކީ ސެކެޓްރީ ޖެނެރަލްގެ މަގާމުގައި ހުންނަ ފަރާތް ކުރަންވީ މަސައްކަތާއި މުސާރައާއި އިނާޔަތްތަކަށް ދޭންޖެހޭ ފައިސާ ހޯދާ ސިވިލްސާވިސް ކަމިޝަނަށް އެންގުން. އެމަސައްކަތްތައް ކުރަން ގާބިލު މީހަކު ހޯދުމަކީ ސިވިލްސާވިސް ކޮމިޝަނުގެ ޒިއްމާއެއް. މަގާމަށް ކުރިމަތިލާ ފަރާތްތަށް އިންޓަވިއުކުރުމަށްފަހު ކައުންސިލް މެމްބަރުން ހިތާވާ ފަރާތެއްތޯ ބެލުމަކީ ރައްޔިތުން އެދޭނެ ގޮތެއްނޫން. އަދި ރައްޔިތުންނަށް ފައިދާހުރިގޮތެއްވެސް ނޫން. ކައުންސިލު މެމްބަރުން ވާންޖެހޭނީ ސެކެރެޓަރީ ޖެނެރަލް ގެ މަގާމަށް ހޮވޭޭ ކޮންމެ ފަރާތަކަށް ބާރާއި ފައިސާއާއި މުވައްޒަފުންނާއި ވަސީލަތް ދީގެން މަސައްކަތްކުރުމުގެ ގާބިލުކަން ހުރިބަޔަކަށް.