ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް އަންނަނީ އިންގިލާބީ ބަދަލުތަކެއް އަންނަމުންނެވެ. ތަފާތު އައު ކުޅިވަރުތައް ތަޢާރަފްވެ، މަޑުމަޑުން ވައިގައި ހިފަމުން އަންނައިރު އެފަދަ އެއް ކުޅިވަރަކީ މާޝަލް އާޓްސްއެވެ.
ކޮމްބެޓް ކުޅިވަރުތަކަކީ ގިނަ ފަހަރަށް ގަބޫލުކުރެވޭގޮތުގައި ފިރިހެނުންނާ ގުޅޭ ކުޅިވަރުތަކެކެވެ. ނުވަތަ މި ކުޅިވަރުތަކުން ކުރިއަށް ދެވޭނީ ހަމައެކަނި ފިރިހެނުންނަށްކަމަށް ދެކޭ ބަޔަކުވެސް އުޅެއެވެ. އަދި ރާއްޖޭގައިވެސް ކޮމްބެޓް ކުޅިވަރުތަކުގައި ހަރަކާތްތެރިވާތަން އާންމުކޮށް ފެންނަމުންދަނީ ފިރިހެނުންނެވެ. އެހެންނަމަވެސް ރާއްޖޭގެ މާޝަލް އާޓްސް އެކަޑަމީތަކުގައި މިހާރު ތަމްރީނުވަމުން އަންނަ ކުޑަކުދިންގެ ތެރޭގައި ދެ ޖިންސްގެ ކުދިންވެސް ގިނަކަން ފާހަގަކޮށްލެވެއެވެ.
މީގެ ކުރިން މުޖަތަމަޢުން ދެކެމުން އައި ގޮތަކީ ބޯދާގޮތެއްކަމާއި ކޮމްބެޓް ކުޅިވަރަކީވެސް ވަކި މިންތިއެއް އޮތް ކުޅިވަރެއް ނޫންކަން ދާދިފަހުން ރާއްޖޭގެ ކަނބަލަކު ވަނީ ސާބިތުކޮށްދީފައެވެ. ހިތްވަރުގަދަކަމާއެކު ބިދޭސީ ގައުމެއްގައި ރާއްޖޭގެ ފަޚުރުވެރި ދިދަޔާއެކު، ރިންގަށް އަރާ، ތާރީޚީ ކާމިޔާބީއެއް ގައުމަށް ހޯދައިދިން އެތްލީޓަކީ ފާތުމަތު އިބްރާހިމް އެވެ.
ޓައިންވޮންޑޯގައި ހަރަކާތްތެރިވާތާ ހަތް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފާތުންނަކީ މީގެ ކުރިން ކިކްބޮކްސިންއަށް ޚާއްސަވެ ތަމްރީނުތަކެއް ހޯދައިފައިވާ އެތްލީޓެއް ނޫނެވެ. ބްރެޒީލިއަން ޖިއު ޖިޓްސްއޫއިންވެސް ތަމްރީނުވަމުން އަންނަ ފާތުންގެ ބަހުރުވައިން ނަމަ ޓައިންވޮންޑޯ ޕްރެކްޓިސްއަށްފަހު ޖޫޑޯ އަދި ކިކްބޮކްސިން ކްލާހުގައިވެސް އޭނާ "ހޭކިލަ"އެވެ.
ފާތުންގެ ކިކްތަކުގެ ވަރުގަދަކަމާއި މިކަމުގެ ހުނަރު ހުރިކަން އޭނާގެ ކޯޗް މުހައްމަދު ނާޞިރަށް ފާހަގަކުރެވުމުން، ސްރީލަންކާގައި ކުރިއަށްދާ ކަރްމާ ފައިޓް ލީގު (ކޭއެފްއެލް)ގައި ވާދަކުރުމުގެ ފުރުސަތު އޭނާއަށް ހޯދައިދިނުމަށް ނިންމިއެވެ. އަދި އަންހެނުންގެ 52 ކޭޖީ ކެޓަގަރީގައި އޭނާ ބައިވެރިކޮށް މުބާރާތައް ތައްޔާރުވާންފެށިއެވެ.
މުބާރާތަށް ތައްޔާރުވުމަށް ލިބުނީ މަހެއްހާ ދުވަސްކަމަށް ފާތުން ބުނެފައިވާއިރު، އެދުވަސްތަކުގައި ފަރިތަކުރުންތައް ގެންދިޔައީ ވަރަށް ޑެޑިކޭޓެޑްކޮށްކަމަށް އޭނާ ބުންޏެވެ. ކިކްބޮކްސިންގެ އެއްވެސް ތަޖުރިބާއެއް ނެތަސް، ކޯޗަށް އޮތް ޔަގީންކަމުގައި ހިތްވަރު އައުކޮށް މަސައްކަތްކުރީކަމަށް އޭނާ ބުންޏެވެ.
"މިމުބާރާތް އޮތްކަން އެންގުނީމަ ގާތްގަނޑަކަށް ވަން މަންތް ޑެޑިކޭޓެޑް ޓްރޭނިން. އަޅުގަނޑުގެ ކިކްތަކަށް ބަލާފަ ކޯޗަށް އޮތް ޔަގީންކަން މެނޭޖްކުރެވޭނެކަމުގެ ބޮކްސިން ސްކިލް އެހާ ބޮޑަށް ނެތަސް. މިހާރު ހަތް އަހަރުވީ ޓައިކްވޮންޑޯ ޕްރެކްޓިސްކުރާތާ. އެހެންވީމަ ފުދޭވަރަކަށް ކިކްސް ރަނގަޅުކަމަށް އަޅުގަނޑަށްވެސް ގަބޫލުކުރެވޭ. ކޯޗް ބޮޑަށް ހިތްވަރުދިނީ. ނަސީބަކުން ވަރަށް ރަނގަޅަށް ދިމާވީ" ފާތުން ބުންޏެވެ.
ދެކުނު އޭޝިއާގެ އެންމެ ބޮޑު ކޭ-1 ކިކްބޮކްސިންގް ލީގު ކަމަށްވާ "ކަރްމާ ފައިޓް ލީގު" (ކޭއެފްއެލް 8) ގައި ފާތުންނަށް ވާދަކުރަންޖެހުނީ ކިކްބޮކްސިންގެ ތަޖުރިބާ ހުރި ފައިޓަރެއްކަމަށްވާ ލަންކާގެ ރޮމެއިންއާއެވެ. މެޗަށް އެރުމުގެ ކުރިން ތަފާތު އިހްސާސްތައް ކުރެވުނުއިރު، ޖެހިލުންވުމާއި ހިތް ބިރުގަތުން އެއް ކިބާކޮށް ރިންގަށް އަރާ މެޗު ކާމިޔާބުކުރެވުމުން ވަރަށް ހިތްހަމަޖެހުނުކަމަށް އޭނާ ބުންޏެވެ.
"އެރުމުގެ ކުރިން ވަރަށް ނާވަސްވެފަ ހުރީ. އޮޕޮނެންޓް އަޅުގަނޑު ކޯނަރކޮށްލާފާނެތީ ވަރަށް ޖެހިލުންވި. އެކަމަކު އަރާފަ ދެން ވަރަށް އީޒީ" ފާތުން ބުންޏެވެ.
ފާތުންނަކީ ކިކްބޮކްސިންގައި މިހާތަނަށް ރާއްޖެއަށް މިފަދަ ކާމިޔާބެއް ހޯދައިދިން ފުރަތަމަ އަންހެން އެތްލީޓެވެ. މާޝަލް އާޓްސްގައި އަބަދުވެސް ހަރަކާތްތެރިވަމުންދާނެކަމަށް އޭނާ ބުނެފައިވާއިރު، އޭނާގެ އެންމެ ބޮޑު ފޯކަހަކީ ޓައިކްވޮންޑޯކަމަށް އޭނާ ބުންޏެވެ.
"ޑެފިނީޓްލީ. ޓައިކްވޮންޑޯއިން ބޮޑަށް ފެންނާނީ" ކުރިއަށް އޮތްތާވެސް މާޝަލް އާޓްސްއިން ފެންނާނެތީ ސުވާލުކުރުމުން ފާތުން ބުނެފަވެއެވެ.
މި ކުޅިވަރުގައި ހަރަކާތްތެރިވާ އަންހެން އެތްލީޓުން މަދުވުމަކީ ފާތުންގެ ކަންބޮޑުވުމެކެވެ. އެހެންނަމަވެސް ޓްރޭނިންތަކުގައި ކޯޗުންދޭ އެއްބާރުލުމާ އެކީގައި ތަމްރީނުވަމުން އަންނަ ފަރާތްތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް މިކަމުގައި ލިބޭކަން އޭނާ ފާހަގަކުރިއެވެ.
"އަންހެންކުދިން މަދުވީމަ ދަތިވޭ. ކޮމްބެޓް ސްޕޯޓް ރާއްޖޭގައި ވަރަށް އާ. އެކަމަކުވެސް ކޯޗުން ވަރަށް ސަޕޯޓިވް ވަރަށް ހިތްވަރުދޭ. އެމީހުންނާ ހެދި މިކަން ފަސޭހަވެގެންދޭ. ޕްރެކްޓިސްގައި އުޅޭ ހުރިހާ ކުދިންވެސް ވަރަށް އެއްބާރުލުންދޭ. އެހެންވީމަ ފަސޭހަ" ފާތުން ބުންޏެވެ.
ފާތުން ގަބޫލުކުރާގޮތުގައި މިއީ އަންހެންކުދިންނަށްވެސް ކުރިއެރިދާނެ ކުޅިވަރެކެވެ. ބޭނުންވަނީ ޝައުގުވެރިކަމާއި ހިތްވަރާއި ކެރުންކަމަށް އޭނާ ބުންޏެވެ. ސެލްފް ޑިފެންސް ޓްރޭނިންއަކަށްފަހު މިކުޅިވަރަށް ހިތް ޖެހުނު ފާތުންގެ އެދުމަކީ މި ކުޅިވަރުން ގިނަ ކަނބަލުންތަކެއް ތަމްރީނުވެ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރުމެވެ.
"މިކަމުގައި ކުރިއަރަން ބޭނުންވާ ކުދިންނަށް ބުނެލާނީ އަވަހަށް ޖޮއިންވާށޭ، ކްލާސްތައް އެބައޮތް، ވަރަށް ބައިވަރު ފުރުސަތުތައް އެބައޮތް. ދެން ޓްރެއިނަރުންވެސް ވަރަށް އެހިތެރިވާނެ. އޭގެ އިތުރުން މިތާ އުޅޭ ކުދިންވެސް ވަރަށް ސަޕޯޓިވްވާނެ" ފާތުން ބުންޏެވެ.
ޓައެކްވަންޑޯގެ ދެވަނަ ޑޭންގެ ބްލެކް ބެލްޓް އެތުލީޓެއްގެ އިތުރުން، ބްރެޒިލިއަން ޖިއު ޖިޓްސޫގެ ބްރައުން ބެލްޓް ހާސިލުކޮށްފައިވާ ފާތުންގެ މި ކާމިޔާބީގައި ގިނަ ބައެއްގެ ހިއްސާވާކަން ފާހަގަކޮށް އޭނާ އެފަރާތްތަކަށް ޝުކުރުއަދާކުރިއެވެ.
އޭނާ ގަބޫލުކުރާގޮތުގައި މާޝަލް އާޓްސްގައި އޭނާ ހޯދަމުންދާ ކޮންމެ ކުރިއެރުމަކީ އެފަރާތްތަކުގެ މަދަދާއި އެހީތެރިކަމުގެ ސަބަބުން ލިބެމުންދާ ކުރިއެރުންތަކެކެވެ.
"އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ޝާކްސް ކިކްބޮކްސިންގެ ފަރާތުން. ދެން އަޅުގަނޑުގެ ކިކްބޮކްސިން ކޯޗް ނާސިރް، އޭގެ އިތުރުން އަޅުގަނޑު މާޝަލް އާޓްސްގެ ދާއިރާއަށް ނެރެދިން އަޅުގަނޑުގެ ޓައިކްވޮންޑޯ މާސްޓާ އައްޔޫބް، އަދި ޓައިކްވޮންޑޯގައި އެހީތެރިވި ކޯޗުންގެ ފަރާތުން ވަރަށް ބައިވަރު ޓްރޭނިންތަކެއް ލިބިފައި މިހިރީ. އަދި އެކީގައި ޓްރޭންވާ ޓްރެއިނިން ޕާޓްނާސްއަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން" ފާތުން ބުންޏެވެ.
2024 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭޑީސީސީ ސަބްމިޝަން ގްރެޕްލިންގ މުބާރާތުގައިވެސް ފާތުންވަނީ ވާދަކޮށްފައެވެ. އޭގެ އިތުރުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި، 2025 ވަނަ އަހަރު ޗައިނާގައި ބޭއްވި ވޯލްޑް ޓައެކްވޮންޑޯ ޗެމްޕިއަންޝިޕުގައިވެސް ފާތުންވަނީ ވާދަކޮށްފައެވެ.