ޚަބަރު

ކޮމިޓީއަށް އެއްބާރުލުން ދޭނަން، ވަކިވަކި ސިފައިން ޖަވާބުދާރީކުރުވަން ޤާނޫނު ތަނެއް ނުދޭ - އެމްއެންޑީއެފް


ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީއަށް ފުރިހަމަޔަށް އެއްބާރުލުން ދެއްވާނެކަމަށާ، ވަކިވަކި އޮފިސަރުންގެ ބަދަލުގައި މަޖިލީހަށް ޖަވާބުދާރީވާނީ ސިފައިންގެ މުއައްސަސާގެ ފަރާތުން ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ ކޮމެޓީތަކަށް މަޢުލޫމާތު ދިނުމާ ގުޅޭގޮތުން އެމްއެންޑީއެފުންވަނީ ބަޔާނެއް ނެރުއްވާފައެވެ. ސަލާމަތީ ޚިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވަނީ ސަލާމާތީ ޚިދުމަތްތަކާ ޙަވާލުވެ ހުންނަވާ ވަޒީރުކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާކަން އެބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

އަދި ސިފައިންގެ ކޮންމެ މީހަކު ވެސް އެ މީހަކަށް ލިބިފައިވާ ޤާނޫނީ ބާރާއި އިޚްތިޔާރުގެ ބޭނުން ހިފާ ގޮތާމެދުގައާއި އެމީހެއްގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޖަވާބުދާރީވާން ޖެހޭނީ ޗީފް އޮފް ޑިފެންސް ފޯސްއަށް ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ހިނދު ޗިފް އޮފް ޑިފެންސް ފޯސްގެ މަސްއޫލިއްޔަތު އަދާކުރާގޮތާ މެދު ޖަވާބުދާރީވާން ޖެހޭނީ މިނިސްޓަރަށްކަމަށް ޤާނޫނުގައިވާކަން މި ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

އަދި ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މަޢުލޫމާތެއް ސިފައިންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ފިޔަވައި އެހެން ފަރާތަކަށް ހިއްސާކުރުމަކީ ކުށެއްކަމުގައި ބަޔާންކޮށްފައިވާތީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށްޓަކައި ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ޚައިރާކީއާއި ސިފައިންގެ "ޗެއިން އޮފް ކޮމާންޑް"އާއި "ކޮމާންޑް އެންޑް ކޮންޓްރޯލް" އަދި ސިފައިންގެ ތެރޭގައި ޒަމާނުއްސުރެ ޤާއިމްކުރެވިފައި އޮތް އުޞޫލުތަކާ ޚިލާފް ކަމެއްކަން ވަނީ ފާހަގަކުރައްވާފައެވެ.

އަދި މިކަމުގެ ސަބަބުން މުޅި ޤައުމީ ދިފާޢީ ބާރާއި އެބާރުގެ އެކިއެކި ސަބޯޑިނޭޓް އެޗެލޯންތަކުގެ މައްޗަށް އޮންނަ ކޮމާންޑް
އެންޑް ކޮންޓްރޯލް ގެއްލި، ސިފައިންގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ، މިކަމުގެ ސަބަބުން ޤައުމީ ސަލާމަތަށް ފޫނުބެދޭވަރުގެ ނުރައްކާތަކެއް ކުރިމަތިވާނެކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މީގެ އިތުރުން ސިފައިންގެ ޚިދުމަތަކީ ސައުވީސް ގަޑިއިރުގެ ޚިދުމަތަކަށްވެފައި، ސިފައިންނަކީ ވާޖިބަށް ގޮވާލެވޭ ކޮންމެ ހިނދަކު ޚިދުމަތަށް ނިކުންނަންޖެހޭ ބައެއްކަމުން ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާ ގުޅުންހުރި ކަންކަމުގައި ކޮމާންޑަރެއްގެ ހުއްދަނެތި، އަމިއްލަ ހައިސިއްޔަތުން އެކިއެކި ފަރާތްތަކާ މުޢާމަލާތުކުރުމުގެ އިޚްތިޔާރު ލިބިފައި ނުވާ ބައެއްކަމަށް ސިފައިންގެ ޢާންމު
ޤަވާޢިދުގައި ބަޔާންކޮށްފައިވާކަންވެސް މިބަޔާނުގައިވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި، ޗެއިން އޮފް ކޮމާންޑްގެ އުޞޫލު ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށްޓަކައި، ސިފައިން އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި، ޖަވާބުދާރީވާނީ އެ މުއައްސަސާގެ ފަރާތުން ކަމުގައި އެމްއެންޑީއެފުންވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ނުވަތަ އެމަޖިލީހުގެ ކޮމެޓީއަކުން ބަލާ މައްސަލައަކާ ގުޅޭގޮތުން، ސިފައިންގެ ވަކި މީހަކު މަސްއޫލިއްޔަތު އަދާކުރާ ގޮތާ ގުޅޭގޮތުން މަޢުލޫމާތެއް ހޯދަން ބޭނުންވެއްޖެނަމަ، އެމަޢުލޫމާތެއް ވެސް އެ މުއައްސަސާއިން ފޯރުކޮށްދޭނެ ކަމުގައި ވަނީ ދަންނަވާފައެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ ތަހުޤީގެއް ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމެޓީން ފަށައިފައިވާއިރު، ކޮމެޓީން ވަނީ ރައީސް ނަޝީދަށް ހަމަލާދިން މައްސަލަ ސީރިއަސް އަވަސް މައްސަލައެއްގެ ގޮތުގައި ތަހުޤީގުކޮށްދިނުމަށްވެސް އެދިފައެވެ.