ޚަބަރު

އިސްރާއީލުގައި އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމުން ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް


އިސްރާއީލުގެ އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލައި އެ ޤައުމުގެ ޙައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ ދިގު ވެރިކަން ނިމުމަކަށް ގެނެސްފިއެވެ.

ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުގައި ބޭއްވި ހަތަރުވަނަ އާންމު އިންތިޚާބު ބާއްވާފައިވަނީ މާރިޗު މަހުގެ 22ވަނަ ދުވަހުއެވެ. އެ އިންތިޚާބުގައި ނަތަންޔާހޫގެ ލިކޫދު ޕާޓީގެ އިތުރުން އިދިކޮޅު ޕާޓީތަކަށްވެސް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ޢަދަދަށް ޤާނޫނުހަދާ މަޖިލީހުގެ ގޮނޑިތަކެއް ކާމިޔާބެއް ނުކުރެވުނެވެ. އެއާއެކު އިސްރާއީލުގެ ރައީސް ރުއެވެން ރިވުލިންވަނީ އިސްރާއީލުގެ އައު ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ބޮޑުވަޒީރު ނަތަންޔާހޫއާ ޙަވާލުކުރައްވައިފައެވެ. ނަތަންޔާހޫއާ އެ މަސްޢޫލިއްޔަތު ޙާވާލުކުރައްވާފައިވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ޚިޔާނާތުގެ ދަޢުވާގެ އަޑުއެހުންތައް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ފުރިހަމަކުރުމަށް ނަތަންޔާހޫއަށް 28 ދުވަހުގެ މުއްދަތެއް ދިނެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް ސަރުކާރެއް އެކުލަވާލުމަށް ކަނާތު ފިޔައިގެ ސިޔާސީ ބައިވެރިންނާއެކު އެއްބަސްވުމަކާ ހަމައަށް އައުމަށް ނަތަންޔާހޫވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ. އެއާއެކު ރިވުލިންވަނީ ޔަޝް އަތީދު ޕާޓީއަށް ނިޞްބަތްވަޑައިގަންނަވައި އިސްރާއީލުގެ އިދިކޮޅު ސިޔާސީވެރިޔާ ޔައިލް ލަޕީދަށް ސަރުކާރެއް އެކުލަވާލުމުގެ މަސްޢޫލިއްޔަތު ޙަވާލުކުރައްވައިފައެވެ.

ޖޫން މަހުގެ 2ވަނަ ދުވަހުގެ ސުންގަޑި ހަމަވުމުގެ ކުޑަ އިރުކޮޅެއް ކުރިން ނެރުއްވި ބަޔާނެއްގައި ލަޕީދު ވިދާޅުވީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމުގެ އެއްބަސްވުމަކާ ހަމައަށް އައިސްފައިވާކަން ރިވުލިނަށް އަންގަވާފައިވާކަމަށެވެ. އެއްބައިވަންތަކަމުގެ ސަރުކާރުން މަސައްކަތްކުރާނީ ޤައުމުގެ ރައްޔިތުންގެ ޙައްޤުގައިކަމަށާއި ބައިބައިވެފައިވާ ޔަހޫދީ މުޖުތަމަޢު އެކުވެރިކުރުމަށް އައު ސަރުކާރުން މަސައްކަތްކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމުގައި ލަޕީދަށް އެންމެ ބޮޑު ބާރެއް ލިބުނީ އިސްރާއީލުގެ ދިފާޢީ ވަޒީރުކަން ކުރިން ކުރައްވާފައިވާ ނަފުތާލީ ބެނެޓުގެ ޔަމީނާ ޕާޓީން އެއްބައިވަންތަކަމުގެ ސަރުކާރެއް ޤާއިމުކުރުމުގައި ބައިވެރިވުމަށް ނިންމުމުންނެވެ. ޔަޝް އަތީދު ޕާޓީއާއި ޔަމީނާ ޕާޓީން ވެފައިވާ އެއްބަސްވުމުގެ ދަށުން ބޮޑުވަޒީރުގެ މަޤާމާ ފުރަތަމަ 2 އަހަރު ޙަވާލުވެވަޑައިގަންނަވާނީ ބެނެޓެވެ. އެއަށްފަހު ދަޢުރު ނިމުމުގެ ކުރިން އޮންނަ ފަހު 2 އަހަރު ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގަންނަވާނީ ލަޕީދެވެ.

އިސްރާއީލުގައި އެކުލަވާލާފައިވާ އެއްބައިވަންތަކަމުގެ ސަރުކާރަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ރުހުން ހޯދަންޖެހޭނެއެވެ. އެގޮތުން ކުރިއަށް އޮތް 7 ދުވަހާއި 12 ދުވަހުގެ ތެރޭގައި ސަރުކާރަށް ރުހުން ދިނުމަށް މަޖިލީހުގައި ވޯޓުލާނެކަމަށް ބެލެވެއެވެ. ސަރުކާރަށް ރުހުން ލިބުމުން 2009ވަނަ އަހަރުން ފެށިގެން އެ ޤައުމުގެ ބޮޑުވަޒީރުކަން ކުރައްވަމުންދާ ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް އަންނާނެއެވެ.

އިސްރާއީލުގެ އެއްބައިވަންތަކަމުގެ އައު ސަރުކާރު އެކުލެވިގެންވަނީ ތަފާތު 8 ޕާޓީއެއްގެ މައްޗަށެވެ. އޭގެ ތެރޭގައި އިސްރާއީލުގައި ދިރިއުޅޭ ޢަރަބި ދަރިކޮޅަށް ނިޞްބަތްވާ ޕާޓީއެއްވެސް ހިމެނެއެވެ. އެއީ ޢަރަބި ޕާޓީއަކުން އިސްރާއީލުގެ ސަރުކާރެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ، އިސްރާއީލުގެ އެއްބައިވަންތަކަމުގެ ސަރުކާރުގައި ތަފާފު ސިޔާސީ ފިކުރުތަކެއް ގެންގުޅޭ ޕާޓީތަކެއް ހިމެނުމުން ދަޢުރު ނިމެންދެން ސަރުކާރު ދެމިއޮންނާނެކަމާމެދުވަނީ ސުވާލުއުފެދިފައެވެ.