ކުޅިވަރު

ފްރެންޗް އޯޕަންގެ ތިންވަނަ ބުރުން މެޑްވެޑޭވް ޖާގަހޯދައިފި


ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ތިންވަނަ ބުރުން މުބާރާތުގެ ދެވަނަ ސީޑް ރަޝިޔާގެ ޑަނީލް މެޑްވެޑޭވް ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ދެވަނަ ބުރުން މެޑްވެޑޭވް ޖާގަހޯދީ ރޭ ކުޅުނު ދެވަނަ ބުރުގެ މެޗްގައި އެމެރިކާގެ ޓޮމީ ޕޯލްއާ ބައްދަލުކޮށް މޮޅުވެގެންނެވެ.

މިމެޗް މެޑްވެޑޭވް ކާމިޔާބުކުރީ ފަހަތުންއަރާ 3 ސެޓް އެއްސެޓުންނެވެ. މިމެޗްގެ ފުރަތަމަ ސެޓް ތިނެއް ހަޔަކުން ގެންދިޔައީ ޕޯލްއެވެ. މިސެޓްގައި ޕޯލްވަނީ ވަރަށް ރަނގަޅަށް ކުޅެފައެވެ. ނަމަވެސް ދެވަނަ ސެޓްގައި މެޑްވެޑޭވް ވަނީ އޭނާގެ ކުޅުން ރަނގަޅުކޮށް ޕޯލްއަށް އެއްވެސް ފުރުސަތެއް ނުދީ ހައެއް އެކަކުން ސެޓް ގެންގޮސްފައެވެ. އަދި ޖެހިގެން އައި ދެސެޓްވެސް މެޑްވެޑޭވް ވަނީ ހައެއް ހަތަރެއް އަދި ހައެއް ތިނަކުން ކާމިޔާބުކޮށް މިމުބާރާތުގެ ތިންވަނަ ބުރުން ޖާގަހޯދާފައެވެ. މެޑްވެޑޭވްއަށް ވަރަށް ފަހުން ކޯވިޑަށް ޕޮޒިޓީވް ވުމާގުޅިގެން ވޭތުވެދިޔަ ދުވަސްތަކުގައި އެހެން މުބާރާތްތަކުގައި ވާދަކުރި ނަމަވެސް އޭނާ ކުޅެމުންދިޔައީ މުޅިން ފިޓްކޮށް ހުރެގެން ނޫންކަމަށްވެއެވެ. އަދި ރޭގެ މެޗަކީ ކޯވިޑްގެ އެއްވެސް އަސަރެއް ނެތި މުޅިން ފިޓްވެގެން ހުރެ އޭނާއަށް ކުޅުނު ފުރަތަމަ މެޗް ކަމުގައި އޭނާ ބުންޏެއެވެ.

މިމުބާރާތުގެ ތިންވަނަ ބުރުން ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒްވަރޭވް އާއި ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް ވެސް ވަނީ ޖާގަހޯދާފައެވެ. ޒްވަރޭވް ތިންވަނަ ބުރުން ޖާގަހޯދީ ދެވަނަ ބުރުގައި ރޯމަން ސަފިއުލިން އާއި ބައްދަލުކޮށް ސީދާ ތިން ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. ނަމަވެސް މިމެޗްގައި ސަފިއުލިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން ތިން ސެޓްގެ ތެރެއިން ދެސެޓް ޒްވްރޭވްއަށް ކާމިޔާބު ކުރެވުނީ ޓައި ބްރޭކަށް ގޮސްގެންނެވެ. މިމެޗްގެސެޓްތަށް ޒްވަރޭވް ކާމިޔާބުކުރީ ހަތެއް ހައެއް، ހައެއް ތިނެއް އަދި ހަތެއް ހަޔަކުންނެވެ. ސިޓްސިޕާސް ތިންވަނަ ބުރުން ޖާގަހޯދީ ދެވަނަ ބުރުގައި ސްޕެއިންގެ ޕެޑްރޯ މާޓިނޭޒް އާއި ބައްދަލުކުރިމެޗް ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ.

މިމުބާރާތުގެ އަންހެންގެ ބައިގައި އެމެރިކާގެ ސެރީނާ ވިލިއަމްސް ވެސް ވަނީ މިމުބާރާތުގެ ތިންވަނަ ބުރުން ޖާގަހޯދާފައެވެ. އެއީ ދެވަނަ ބުރުގައި ރުމޭނިއާގެ މިހައިލާ ބުޒަނެސްކޫ އާއި ބައްދަލުކޮށް 2 ސެޓް އެއްސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މިގޮތުން ފުރަތަމަ ސެޓް ސެރީނާ ހައެއް ތިނަކުން ކާމިޔާބު ކުރި ނަމަވެސް ދެވަނަ ސެޓް ފަހެއް ހަތަކުން ކާމިޔާބުކުރީ ބުޒަނެސްކޫއެވެ. އެހެންކަމުން ނަތީޖާ ނެރެން ޖެހުނީ ތިންވަނަ ސެޓަކަށް ގޮސްގެންނެވެ. ތިންވަނަ ސެޓް ހީކުރިވަރަށް ވުރެ ފަސޭހަ ކަމާއެކު ސެރީނާ ކާމިޔާބުކުރީ ހައެއް އަކަކުންނެވެ.