ވިޔަފާރި

ޑާކާއަށް ކުރަމުންދިޔަ ދަތުރުތައް މޯލްޑިވިއަނުން އަނެއްކާވެސް މެދުކަނޑާލައިފި


ޤައުމީ އެއަރލައިން މޯލްޑިވިއަންއިން، ބަންގްލަދޭޝްގެ ޑާކާއަށް ކުރަމުންދިޔަ ދަތުރުތައް އަނެއްކާވެސް މެދުކަނޑާލައިފިއެވެ.

ބަންގްލަދޭޝްގައި ކޯވިޑް-19 ފެތުރުން އިތުރުވުމާއެކު އެޤައުމަށް ބައިނަލްއަޤްވާމީ ފްލައިޓްތައް އެތެރެވުމާއި ބޭރުވުން އެ ޤައުމުގެ ސަރުކާރުން ވަނީ މަނާކޮށްފައެވެ. މޯލްޑިވިއަންއިން ވިދާޅުވީ ބަންގްލަދޭޝް ސަރުކާރުގެ މިނިންމުމުގެ ސަބަބުން ބަންގްލަދޭޝްގެ ޑާކާއަށް މޯލްޑިވިއަނުން ކުރުމަށް ހަމަޖެހިފައިވާ ހުރިހާ ދަތުރުތަކެއް މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ވަކި މުއްދަތެއް ނެތްގޮތަށް ކެންސަލްކޮށްފައިވާކަމަށެވެ. މިމަހުގެ 4 ވަނަ ދުވަހު ރާއްޖެއިން ބަނގްލަދޭޝްއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރު މިހާރު އޮންނާނީ މިމަހުގެ 3 ވަނަ ދުވަހުކަމަށް މޯލްޑިވިއަނުން ބުނެއެވެ.

ބަނގްލަދޭޝްގައި ކޯވިޑް ފެތުރުން އިތުރުވާން ފެށުމާއިއެކު މިދިޔަ އޭޕްރީލްމަހުގެ ތެރޭގައިވެސް މޯލްޑިވިއަނުން ވަނީ އެޤައުމަށް ކުރަމުންދިޔަ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލާފައެވެ.

ކޯވިޑް-19އަށްފަހު މޯލްޑިވިއަންއިން ކުރަމުން ދިޔަ ބައިނަލްއަޤްވާމީ ދަތުރުތައް އެންމެ ފުރަތަމަ ފެށި އެއް މަންޒިލްގެ ތެރޭގައި ބަނގްލަދޭޝްގެ ޑާކާ ހިމެނެއެވެ. މޯލްޑިވިއަންއިން ޑާކާއަށް އަލުން ދަތުރުތައް ފެށީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ. އަދި ޑާކާއަށް ކުރާ ދަތުރުތައް ހަފްތާއަކު 4 ދަތުރަށް ވަނީ ފަހުން އިތުރުވެސް ކޮށްފައެވެ.