ވިޔަފާރި

މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ހިއްސާގެ ފައިދާ ޖަމާކުރާނެ: އެސްޓީއޯ


މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ހިއްސާދާރުންގެ އެކައުންޓްތަކަށް ހިއްސާގެ ފައިދާ ޖަމާކުރާނެކަމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ މިދިޔަ މޭމަހުގެ 31 ވަނަ ދުވަހުއެވެ.

އެސްޓީއޯއިން ވަނީ 2020 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 60 ރުފިޔާ ބަހަން ފާސްކޮށްފައެވެ. އެސްޓީއޯއިން ބުނީ އެކައުންޓަށް ފައިސާ ޖަމާކުރުމަށް މިހާރު ރަޖިސްޓްރީކޮށްފައިވާ ހިއްސާދާރުންނަށް މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ހިއްސާގެ ފައިދާ ޖަމާކޮށްދޭނެކަމަށެވެ.

ހިއްސާދާރުގެ ބޭންކް އެކައުންޓް ކުންފުނީގައި ރަޖިސްޓަރީކޮށްފައި ނުވާ ހިއްސާދާރުން "ހިއްސާގެ ފައިދާ ބޭންކަށް ޖަމާކުރުމަށް އެދޭ ފޯމް" ފުރިހަމަކުރުމަށްފަހު،( [email protected]) އެސްޓީއޯގެ އީމެއިލް އެޑްރެހަށް ފޮނުވުމަށްވެސް އެސްޓީއޯއިން ވަނީ އެދިފައެވެ. ފޯމް ހުށަހަޅާތާ ހަފްތާއެއްގެ ތެރޭގައި ހިއްސާގެ ފައިދާ ޖަމާކޮށްދޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.

ފާއިތުވި 3 އަހަރު އެސްޓީއޯގެ ހިއްސާއަކަށް ބަހާފައިވަނީ 58 ރުފިޔާއެވެ. އެހެން ކަމުން މިފަހަރު ބަހަން ފާސްކޮށްފައިވާ އަދަދަކީ ހިއްސާއަށް 2 ރުފިޔާ އިތުރު އަދަދެކެވެ.