ޚަބަރު

އެސްޓްރާޒެނެކާގެ ވެކްސިން މިމަހު ފަހުކޮޅު ލިބޭނެ - ހެލްތު މިނިސްޓަރ


ސިންގަޕޫރުގެ އެސްޓްރާޒެނެކާގެ ވެކްސިން މިމަހުގެ ފަހުކޮޅު ރާއްޖެއަށް ލިބޭނެކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރވަނީ ކުރިން ލަފާކުރި މުއްދަތަށްވުރެ ވެކްސިން ލަސްވި ސަބަބުވެސް ހާމަކުރައްވާފައެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖެއިން އެސްޓްރާޒެނެކާގެ ވެކްސިން ގަތުމަށް އެއްބަސްވެފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. މީގެކުރިން ހެލްތު މިނިސްޓްރީންވަނީ މިވެކްސިން ޖޫންމަހުގެ ކުރީކޮޅު ލިބޭނެ ކަމަށް ލަފާކޮށްފައެވެ. އެހެންނަމަވެސް ވެކްސިން އުފައްދަމުން އަންނަ ތައިލެންޑްގެ ވެކްސިން އިންސްޓިޓިއުޓްގައި މައްސަލައެއް ދިމާވެ ވެކްސިން އުފެއްދުން މެދުކަނޑާލަން ޖެހުމާ ގުޅިގެން ވެކްސިން ލިބުން ލަސްވެފައިވާ ކަމަށް ފޮރިންގ މިނިސްޓްރީއާއި ޙަވާލާދީ ހެލްތު މިނިސްޓަރ ވަނީ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ މިހާރު އޮތް ގޮތުން މިމަހުގެ ފަހުކޮޅު އެސްޓްރާޒެނެކާގެ ދެލައްކަ ވެކްސިން ޑޯޒް ރާއްޖެއަށް އަންނާނެކަމަށެވެ. އަދި އަންނަ ޖުލައިމަހު އިތުރު ދެލައްކަ ޑޯޒް ލިބޭނެކަމަށާއި އިތުރު ތިންލައްކަ ޑޯޒް އޯގަސްޓް މަސްތެރޭ ރާއްޖެއަށް ލިބޭނެކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

ރާއްޖެއިންވަނީ އެސްޓްރާޒެނެކާގެ 7 ލައްކަ ވެކްސިން ޑޯޒްގަތުމަށް އެކުންފުންޏާއެކު އެއްބަސްވެފައެވެ. ރާއްޖޭގައި މިހާރުވެސް ދެމުން އަންނަ އެއް ވެކްސިނަކީ އެސްޓްރާޒެނެކާގެ ވެކްސިން ފޯމިއުލާއިން އިންޑިއާގެ ސިރަމް އިންސްޓިޓިއުޓްގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. 3 ވެކްސިނެއް ރާއްޖޭގައި މިވަގުތު ދެމުން އަންނައިރު ތިންލައްކަ ދިހަހާހަށްވުރެ ގިނަ މީހުންވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. އަދި ފުރަތަމަ ޑޯޒް ޖަހާފައިވާ އިތުރު އެއްލައްކަ ފަސްދޮޅަސް އަށްހާހަށްވުރެ ގިނަ މީހުން ވެކްސިންގެ ދެވަނަ ޑޯޒްއަށް އަންނަނީ އިންތިޒާރުކުރަމުންނެވެ.

އެސްޓްރާޒެނެކާގެ ވެކްސިނަކީ ބަލީގައި ބޮޑުވަރުވުން ކުޑަކޮށްދިނުމުގައި 60 އިންސައްތައަށްވުރެ މަތީ އެފިކަސީއެއް ހިފަހައްޓާފައިވާ ވެކްސިނެކެވެ. އަދި މިވަގުތު ލިބެންހުރި ވެކްސިންގެ ތެރެއިން ރައްކާތެރިކަން ކަށަވަރުވާ އަދި ރައްކާކޮށްފައި ބަހައްޓަން އެންމެ ފަސޭހަ ވެކްސިންއަކީ މިވެކްސިންކަމަށްވެސް ގިނަ ޤައުމުތަކުން ފާހަގަކުރެއެވެ.