ކުޅިވަރު

ބޮޑު ތަފާތަކުން މަހިބަދޫގެ މައްޗަށް މާޒިޔާ ކުރި ހޯދައިފި


ލީގު ތާވަލްގެ އެންމެ ފުލުގައި އޮތް މަހިބަދޫގެ މައްޗަށް މާޒިޔާ ބޮޑު ތަފާތަކުން ކުރި ހޯދައިފިއެވެ. އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ރޭ މަހިބަދޫއާއި މާޒިޔާގެ ކުރިމަތިލުން މާޒިޔާ ކާމިޔާބުކުރީ ހަތެއް އެކަކުންނެވެ.ރޭގެ މެޗުގައި މާޒިޔާއިން ޖެހި ހަތް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ޖަހައިދިނީ ކެޕްޓަން އަސަދުﷲ އަބްދުﷲއެވެ. އެޓީމްގެ އަނެއް ތިން ލަނޑު ޖަހައިދިނީ އަހުމަދު ނާޝިދު، ސަމްދޫހް މުހައްމަދު، އަދި މޫސާ ޔާމީންއެވެ. މަހިބަދޫއިން މެޗުގައި ޖެހި ހަމައެކަނި ލަނޑު ޖަހައިދިނީ އިސްމާއިލް ނަޒީރުއެވެ.ރޭގެ މެޗުން މޮޅުވި މާޒިޔާގެ ކޯޗް އަލީ ސުޒޭން ބުނީ ރޭގެ މެޗުން މާޒިޔާއަށް މުހިންމުވީ ތިން ޕޮއިންޓާއި ކެޕްޓަން އަސަދުﷲ އަބްދުﷲ ގިނަ ގޯލްތަކެއް ޖެހުންކަމަށާއި، އެކަން ހިތްހަމަ ޖެހޭވަރަށް ހާސިލްވެއްޖެކަމަށެވެ. ކޮންމެ ސީޒަނަކާއި އޭނާ ކުރިމަތިލަނީ އަމާޒުތަކެއް ކަނޑައަޅައިގެންކަމަށާއި، މި ސީޒަންގައި މާޒިޔާގެ ކުޅުންތެރިއެއް ރަންބޫޓު ހޯދުމަކީ އޭނާ ވަރަށް ބޭނުންވާކަމެއްކަމަށް ސުޒޭން ބުންޏެވެ."މެޗުން މުހިންމުވީ ތިން ޕޮއިންޓް، ދެން އަސަދުﷲ ގޯލްތަކެއް ޖެހުން. އެކަންތައް ހިތްހަމަޖެހޭ ވަރަށް ކާމިޔާބުވެއްޖެ. އުއްމީދުކުރަން އަސަދުﷲއަށް މިއަހަރުގެ ރަންބޫޓު ލިބޭނެކަމަށް." ސުޒޭން ބުންޏެވެ.ރޭގެ މެޗުން ބަލިވި މަހިބަދޫގެ ކޯޗް ހުސައިން އައްބާސް ބުނީ ރޭގެ މެޗަށް މަހިބަދޫ ނިކުންނަން ޖެހުނީ ވަރަށް ހާލުގައި އޮވެކަމަށާއި، އަނިޔާއާއި ސަސްޕެންޝަނުގެ ސަބަބުން ޓީމް އޮތީ ވަރަށް ބޮޑަށް ބަލިކަށިވެފައިކަމަށެވެ. މިރޭގެ މެޗުގެ ނަތީޖާއާއި މެދު ހިތްހަމަ ނުޖެހުނަސް ކުޅުންތެރިން ދެއްކި ހިތްވަރަށް ތައުރީފް ހައްގުކަމަށް ހުސައިން ބުންޏެވެ."މުހިންމު ގިނަ ކުޅުންތެރިންތަކެއް ސަސްޕެންޝަނާއި އަނިޔާގެ ސަބަބުން މެޗުގައި ނުކުޅޭ. ޓީމު މެޗަށް ނިކުތީ ވަރަށް ހާލުގައި އޮވެ. ތަފާތު ބޮޑުކޮށް ބަލިވިޔަސް ހުރިހާ ކުޅުންތެރިންވެސް ވަރަށް މަސައްކަތްކުރި." ހުސައިން އައްބާސް ބުންޏެވެ.ރޭގެ މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއިއެކު މާޒިޔާވަނީ ލީގް ތާވްލްގެ ތިންވަނައަށް ޖެހިލާފައެވެ. މަހިބަދޫ އޮތީ ލީގް ތާވަލްގެ ފުލުގައި އެންމެ ޕޮއިންޓަކާއިއެކުގައެވެ.