ވިޔަފާރި

މާދަމާ ރޭ ބީއެމްއެލްގެ ކާޑު ސިސްޓަމް އަޕްގްރޭޑް ކުރަނީ، މުހިންމު މުއާމަލާތްތައް ކުރިން ނިންމުމަށް ބޭންކުން އެދެފި


މާދަމާ ރޭ ބީއެމްއެލްގެ ކާޑު ސިސްޓަމް އަޕްގްރޭޑް ކުރާތީ މުހިންމު މުއާމަލާތްތައް އޭގެކުރިން ނިންމުމަށް ބޭންކުން ކަސްޓަމަރުންގެ ކިބައިން އެދެފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ބުނީ ކާޑު ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި ބުރާސްފަތި ދުވަހުގެ ރޭ 10:00 އިން ފެށިގެން ހުކުރު ދުވަހުގެ ހެދުނު 9:00 އަށް، ކާޑު ބޭނުންކޮށްގެން ހިންގޭ ހުރިހާ ހިދުމަތެއް ވަގުތީ ގޮތުން މެދުކަނޑާލެވޭނެ ކަމަށެވެ. އަދި މި މަސައްކަތްކުރުމަށް ވަގުތު ކަނޑައަޅާފައިވަނީ ކަސްޓަމަރުންނަށް ވީހާވެސް ދަތިތަކާ ދިމާނުވާނެހެން ބަލާފައިކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ، މިއީ ކަސްޓަމަރުންނަށް ދެމުންދާ ބޭންކިންގ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް އޮތް ތާނުގައި ހިދުމަތަށް ގެންނަން ބޭނުންވާ މުހިންމު ބަދަލުތައް ގެނައުމަށާއި މި ސިނާއަތުގައި ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ހަރުދަނާކަމާއެކު ހިދުމަތް ދިނުމުގެ ގޮތުން ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ.

ކާޑު ސިސްޓަމް އަޕްގްރޭޑްކުރާ ވަގުތުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ބީއެމްއެލްއިން ދެމުންދާ އެންމެހާ ކާޑުގެ ހިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑޭނެއެވެ. އެހެން ކަމުން އޭޓީއެމް، ޕީއޯއެސް، އެމްޕޮސް، މަރޗަންޓް ޕޯޓަލް، ޕޭމަންޓް ގޭޓްވޭގެ އިތުރުން މޮބައިލް ޕޭ ގެ ހިދުމަތާއި ބީއެމްއެލް އިން ދޫކޮށްފައިވާ ކްރެޑިޓް ކާޑަށް ފައިސާ ދެއްކުމާއި ފައިސާ ފޮނުވުމުގެ އިތުރުން ޑިޖިޓަލް ޕިންގެ ހިދުމަތްވެސް މެދު ކެނޑޭނެކަމަށް ބޭންކުން ބުނެއެވެ.

ކާޑުގެ ހިދުމަތްތައް މެދުކެނޑިގެން ދާ ވަގުތުގައިވެސް އިންޓަރނެޓް ބޭންކިންގއާއި މޮބައިލް ބޭންކިންގެ ހިދުމަތް ލިބޭނެއެވެ. އެހެން ކަމުން ކަސްޓަމަރުންނަށް އެކައުންޓް ބެލެންސް ޗެކް ކުރުމާއި، އެކައުންޓުން ފައިސާ ޓްރާންސްފަރ ކުރުމާއި އެކައުންޓް ހިސްޓްރީވެސް ޗެކް ކުރެވޭނެއެވެ. އަދި މީގެ އިތުރުން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ހިދުމަތްތަކަށް އެދި ހުށަހެޅުމާއި ބޭންކަށް މެސެޖް ނުވަތަ މެއިލްވެސް ފޮނުވޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ރާއްޖެއިން ބޭރުގައި އުޅުއްވާ ފަރާތެއްނަމަ ހޮޓަލަކުން ޗެކް-އައުޓް ވާންޖެހޭ ވަގުތު ފައިސާ ދައްކަން ޖެހޭ ހާލަތެއް މެދުވެރިވާނަމަ، ނުވަތަ އޭޓީއެމް އިން ފައިސާ ނެގުން ފަދަ ކަންކަން ކުރީބައިގައި ނިންމުމަށް ބީއެމްއެލްއިން ވަނީ އެދިފައެވެ. އަދި މީގެ އިތުރުން އޮންލައިންކޮށް ފައިސާ ދައްކަން ޖެހޭ ފްލައިޓް ޓިކެޓް، ބިލް ނުވަތަ ސަބްސްކްރިޕްޝަނެއްގެ ސުންގަޑި ހަމަވާނަމަ އެކަންވެސް ކުރިން ނިންމެވުމަށް ކަސްޓަމަރުންގެ އަރިހުގައި ބީއެމްއެލްއިން ވަނީ އެދިފައެވެ. ހުކުރު ދުވަހު ހެނދުނު އަޕްގްރޭޑްގެ މަސައްކަތް ނިމުމުން ކުރިއެކޭ އެއްގޮތަށް ހިދުމަތްތައް ދެމުންދާނެ ކަމަށް އެ ބޭންކުންވަނީ ހާމަކޮށްފައެވެ.