ޚަބަރު

ޔަހޫދީ ފައުޖުތަކުން ސޫރިޔާގެ އަސްކަރީ މަޤާމުތަކަށް އަނެއްކާވެސް ޙަމަލާ ދީފި


ޖައުލާން އުސްބިންތަކުގައި ހުންނަ ސޫރިޔާގެ އަސްކަރީ މަޤާމުތަކަށް އިސްރާއީލުގެ ޔަހޫދީ ފައުޖުތަކުން އަނެއްކާވެސް ޙަމަލާ ދީފިއެވެ.

ޖައުލާން އުސްބިންތަކަކީ 1967ވަނަ އަހަރުގެ ތެރޭގައި މިޞްރާއި ސޫރިޔާއާއި އުރުދުންނާ ދެކޮޅަށް އިސްރާއީލުން ކުރި 6 ދުވަހުގެ ހަނގުރާމައިގައި ޔަހޫދީން އިސްތިޢުމާރުކުރި މުހިންމު ސަރަޙައްދެކެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ޖައުލާން އުސްބިންތަކުގައި ސޫރިޔާގެ ސަރަޙައްދުތައް ވަކިކޮށްފައިވާ ސަރަޙައްދުގައި ޤާއިމުކޮށްފައިވާ އަސްކަރީ މަޤާމެއް ނައްތާލާފައިވާކަމަށެވެ. މިއީ ސޫރިޔާގެ އަސްކަރީ މަޤާމަކަށް އަމާޒުކޮށް މި އަހަރުގެ ތެރޭގައި އިސްރާއީލުން ދިން ތިންވަނަ ޙަމަލާއެވެ.

2011ވަނަ އަހަރުން ފެށިގެން އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުންވަނީ ސޫރިޔާއަށް އަމާޒުކޮށް އެތައް ސަތޭކަ ޙަމަލާއެއް ދީފައެވެ. އެ ޙަމަލާތައް ގިނައިން އަމާޒުކޮށްފައިވަނީ ސޫރިޔާގައި ޙަރަކާތްތެރިވާ އީރާނާއި ލުބުނާނުގެ ހިޒްބުﷲ ޖަމާޢަތުގެ ފައުޖުތަކަށެވެ. އޭގެ އިތުރުން ސޫރިޔާގެ އަސްކަރިއްޔާއަށް އަމާޒުކޮށްވެސް ޔަހޫދީ ފައުޖުތަކުން ޙަމަލާ ދީފައިވެއެވެ. 2020ވަނަ އަހަރުގެ ތެރޭގައި ސޫރިޔާގެ 50 އަމާޒަކަށް ޙަމަލާ ދީފައިވާނެކަމަށް އިސްރާއީލުން ބުނެއެވެ.

ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި އެ ޤައުމުގެ އަސްކަރިއްޔާއަށް އެހީތެރިވެ ވާގިވެރިވާ އީރާނަށް ސޫރިޔާގެ ސަރަޙައްދުތަކުގައި ޤާއިމުވެ ތިބުން ހުއްޓުވުމަށް އިސްރާއީލުން ގިނަ މަސައްކަތްތަކެއް ކުރެއެވެ.