ޚަބަރު

ޗައިނާގެ ސީނޯވެކް ވެކްސިންނަށް ޑަބުލިޔުއެޗުއޯއިން ޙުއްދަ ދީފި


ކޯވިޑް-19އަށް ޗައިނާއިން އުފައްދާފައިވާ ސީނޯވެކް ވެކްސިން ކުއްލި ޙާލަތްތަކުގައި ބޭނުންކުރުމުގެ ޙުއްދަ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބުލިޔުއެޗުއޯއިން ދީފިއެވެ. އެ ވެކްސިނަކީ ކޯވިޑް-19އަށް ބޭނުންކުރުމަށް ޑަބްލިޔުއެޗުއޯއިން ޙުއްދަދިން 8ވަނަ ވެކްސިނެވެ. އެއީ ކޯވިޑް-19އަށް ޗައިނާއިން އުފެއްދި ވެކްސިނަކަށް އެ ޖަމުޢިއްޔާއިން ޙުއްދަދިން 2ވަނަ ފަހަރެވެ.

ޗައިނާގެ ސީނޯވެކް ބަޔޯޓެކުން އުފައްދާފައިވާ ވެކްސިން ކުއްލި ޙާލަތުގައި ބޭނުންކުރުމުގެ ޙުއްދަ ޑަބުލިޔުއެޗުއޯއިން ދިނުމުން ހަމަހަމަކަމާއެކު ދުނިޔޭގެ ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އެ ޖަމުޢިއްޔާއިން އިސްވެ އުފައްދާފައިވާ ކޮވެކްސް މަޝްރޫޢުގައި އެ ވެކްސިން ބޭނުންކުރުމަށް މަގުފަހިވާނެއެވެ. އެ ވެކްސިނަށް ޙުއްދަ ދިނުމުން އޭގެ ކާމިޔާބީގެ ނިޞްބަތާއި ރައްކާތެރިކަމާމެދު ޤައުމުތަކަށް އޮންނަ ޔަޤީންކަން އިތުރުވާނެއެވެ.

ކުއްލި ޙާލަތްތަކުގައި ސީނޯވެކް ބޭނުންކުރުމުގެ ޙުއްދަ ޑަބުލިޔުއެޗުއޯއިން ދީފައިވަނީ ވެކްސިންގެ ރައްކާތެރިކަމުގެ މަޢުލޫމާތާއި ބައްޔާ ދެކޮޅަށް މަސައްކަތްކުރާ މިންވަރާއި ވެކްސިން އުފެއްދުމުގެ މަރުޙަލާތައް ރަނގަޅަށް ދިރާސާކުރުމަށް ފަހުއެވެ. ވެކްސިން ދިރާސާކުރި ޑަބުލިޔުއެޗުއޯގެ މާހިރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސީނޯވެކް ވެކްސިން ދިނުން އެންމެ ރަނގަޅީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށްކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށްވެސް އެ ވެކްސިން ދެވޭނެކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. ޑަބުލިޔުއެޗުއޯއިން ބުނީ ސީނޯވެކުގެ ތަޙްލީލުތަކުގެ މަރުޙަލާތަކުގައި ވެކްސިން ދީފައިވާ 51 އިންސައްތަ މީހުންނަށް ބަލިން ރައްކާތެރިކަން ލިބިފައިވާކަމަށެވެ. އަދި ވެކްސިން ދިނުމަށްފަހު ބަލިޖެހުނު މީހުންގެ ތެރެއިން 100 އިންސައްތަ މީހުންގެ ޙާލު ގޯސްނުވާކަމަށެވެ.

ދުނިޔޭގެ ބައެއް ސަރަޙައްދުތަކުގައި ކޮރޯނާވެކުގެ ނަން ދީފައިވާ ޗައިނާގެ ސީނޯވެކަކީ ރައްކާކުރުމަށް ފަސޭހަ ވެކްސިނެއްކަމުން ޞިއްހީ ވަޞީލަތްތައް މަދު ސަރަޙައްދުތަކުގައި ފަސޭހަކަމާއެކު އެ ވެކްސިން ބޭނުންކުރެވޭނެއެވެ. ސީނޯވެކުގެ 600 މިލިޔަނަށްވުރެ ގިނަ ޑޯޒުވަނީ ޗައިނާގެ އިތުރުން ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ފޯރުކޮށްދީފައިވެއެވެ.