ވިޔަފާރި

ބައިނަލްއަޤްވާމީ 37 އެއަރލައިނަކުން މިހާރު ރާއްޖެއަށް ދަތުރުކުރޭ


ރާއްޖެއަށް ބައިނަލްއަޤްވާމީ 37 އެއަރލައިނަކުން މިހާރު ދަތުރުކުރަމުން އަންނަކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކޯވިޑް19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. މިއާއިއެކު ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކަކުން މިހާރު ވަނީ ރާއްޖެއަށް އަލުން ދަތުރުތައް ފަށާފައެވެ. ނަމަވެސް ކޯވިޑް19ގެ ނަންބަރުތައް ރާއްޖޭގައި އިތުރުވާން ފެށުމާއިއެކު ބައެއް އެއަރލައިންތަކުގެ ދަތުރުތައް ރާއްޖެއަށް މެދުކަނޑާލައި ދަތުރުކުރަމުން އައި އެއަރލައިންތަކުގެ އަދަދު ކޮންމެވެސް ވަރަކަށް ދަށްވެގެންދިޔައެވެ. ނަމަވެސް އަނެއްކާވެސް ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ އަދަދު މިވަނީ އިތުރުވާން ފަށާފައެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ "މޯލްޑިވްސް ޓޫރިޒަމް ބުލެޓިންގ"ގައިވާގޮތުން މިހާރު ރާއްޖެއަށް 28 އެއަރލައިނަކުން އަންނަނީ ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ. އަދި 9 އެއަރލައިނަކުން އަންނަނީ ޗާޓަރ ދަތުރުތައް ކުރަމުންނެވެ. މޭމަހު ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އެއިރު ރާއްޖެއަށް ދަތުރުކުރި ޝެޑިއުލް އެއަރލައިންތަކުގެ އަދަދަކީ 23 އެވެ. އަދި ޗާޓަރ ދަތުރުތައް ކުރީ 7 އެއަރލައިނަކުންނެވެ. އެހެންކަމުން މިހާރު ދަތުރުތައް ފެށި އެއަރލައިންގެ އަދަދަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ.

ރާއްޖެއަށް މިހާރު ޝެޑިއުލް ދަތުރުކުރާ އެއަރލައިންތަކުގެ ތެރޭގައި ޔޫރަޕްގެ 9 އެއަރލައިނާއި، މެދުއިރުމަތީގެ 6 އެއަރލައިނާއި އިންޑިއާގެ 3 އެއަރލައިނާއި އެހެނިހެން ސަރަހައްދުތަކުގެ 4 އެއަރލައިން ހިމެނެއެވެ.

ޗާޓަރ ދަތުރުތައްކުރާ އެއަރލައިންތަކުގެ ތެރޭގައި ޔޫރަޕްގެ 7 އެއަރލައިނާއި، މެދުއިރުމަތީގެ 1 އެއަރލައިން ހިމެނެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްވެސް ވިދާޅުވެފައިވަނީ ގިނަ އެއަރލައިންތަކަކުން ރާއްޖެއަށް ދަތުރުކުރަން ބޭނުންވާކަމަށެވެ. އަދި އެ ސަރަހައްދުތައް އަލުން ދަތުރުފަތުރަށް ހުޅުވާލުމުން އެއަރލައިންތަކުން އެންމެ ފުރަތަމަ ދަތުރުފަށާ މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 454000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ ރަޝީއާއިންނެވެ.