ކުޅިވަރު

ރެއާލް މެޑްރިޑްގެ ކޯޗަކަށް ކާލޯ އެންޗެލޯއްޓީ


ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑްގެ ކޯޗުކަމާއި އިޓަލީވިލާތުގެ ތަޖްރިބާކާރު ކޯޗު ކާލޯ އެންޗެލޯއްޓީ ހަވާލުވެއްޖެއެވެ. މިގޮތުން އެންޗެލޯއްޓީ ވަނީ އޭނާ ރެއާލް އާއި ހަވާލުވުމަށްޓަކައި އިންގްލިޝް ޕްރިމިއަރ ލީގުގެ އެވަޓަންގެ ކޯޗުކަމުން އިސްތިއުފާ ދީފައެވެ.

އުމުރުން 61 އަހަރުގެ އެންޗެލޯއްޓީ ވަނީ 2013 ވަނަ އަހަރުން 2015 ވަނަ އަހަރާއި ދެމެދުވެސް ރެއާލްގެ ކޯޗްކަން ކޮށްފައެވެ. އަދި އޭނާ އެވަޓަން ދޫކޮށް ދިޔައީ އެކްލަބްގައި 18 މަސް ދުވަސް ހޭދަކުރުމަށްފަހުއެވެ. މަޢުލޫމާތު ލިބޭގޮތުގައި އެންޗެލޯއްޓީ ވަނީ ރެއާލްއާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އެންޗެލޯއްޓީ ބުނީ މިއީ އޭނާ ނުވިސްނާ ހުއްޓައި ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި އެވަޓަންގެ ހުރިހާ އެންމެންނަށް އޭނާގެ އިހްތިރާމް އެބައޮތް ކަމަށާއި އެވަޓަންއިން ފަށާފައިވާ މަސައްކަތް ކާމިޔާބީއަށް ވާސިލް ކުރެވޭނެކަމަށް އުންމީދު ކުރާކަމަށްވެސް އޭނާ ބުންޏެވެ. އަދި އެވަޓަންގައި އޭނާ މަސައްކަތް ކުރީ ވަރަށް ކުރާހިތުން ކަމަށާއި ނަމަވެސް މިލިބުނު ފުރުސަތަކީ އޭނާ އާއި އޭނާގެ އާއިލާއަށް މިވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ރެއާލްއިން އެންޗެލޯއްޓީ މީޑިއާއަށް ތައާރަފް ކުރުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ. އަދި އެވަޓަންއިން އެޓީމަށް އާކޯޗެއް ހޯދުމުގެ މަސައްކަތް އަލުން ފަށާފާވާކަމަށް އެކްލަބުން ހާމަކުރެއެވެ.

އެންޗެލޯއްޓީއަކީ ބޮޑެތި ކްލަބްތަކަކާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗެކެވެ. މީގެތެރޭގައި އޭސީ މިލާން، ޗެލްސީ، ޕެރިސް ސެއިންޓް ޖަރމެއިން އަދި ބަޔޭން މިޔުނިކް ހިމެނެއެވެ. އަދި އޭނާވަނީ ޗެމްޕިއަންސް ލީގުގެ ތަށި މިލާންއާއެކު ދެފަހަރު އަދި ރެއާލްއާއެކު އެއްފަހަރު ހޯދާފައެވެ.