ކުޅިވަރު

ރާއްޖޭގެ މެޗްތައް ޕީއެސްއެމުން ދައްކާނެ


ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ ގްރޫޕް އޭގައި ރާއްޖޭގެ ގައުމީ ޓީމް ކުޅޭ މެޗްތައް ޕީއެސްއެމުން ދައްކާގޮތަށް ހަމަޖެހިއްޖެއެވެ.

ސެންޓްރަލައިޒްކޮށް އެންމެ ފުރަތަމަ އޭއެފްސީ ނިންމާފައި ވަނީ ޗައިނާގައި މެޗްތައް ކުޅުމަށެވެ. ނަމަވެސް ރާއްޖެ، ޕިލިޕީންސް އަދި ސީރިޔާއިން ޗައިނާ ދިއުމުގައި ދަތިތަކެއް ހުރުމުން މިގުރޫޕްގެ މެޗްތައް ދުބާއީގައި ކުޅޭގޮތަށް ވަނީ ނިންމާފައެވެ. ދުބާއީގައި މެޗްތައް ކުޅޭގޮތަށް ނިންމުމުގެ ކުރިން ޗައިނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ޗައިނާގެ ސަރުކާރާއެކު މެޗްތައް ކުރިއަށް ގެންދިއުމާބެހޭގޮތުން މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް މި މަޝްވަރާތަކުން އަލިމަގެއް ނުފެނުމުން އެންމެ ފަހުން ދުބާއީގައި މެޗްތައް ކުޅޭގޮތަށް ވަނީ ނިންމާފައެވެ.

ދުބާއީގައި ގުރޫޕުއޭގެ މެޗްތައް މިހާރު ކުުޅުމަށް ތާވަލްކޮށްފައިވާއިރު، މިހާރު ގުރޫޕުގެ މެޗްތައް ރޭވިފައިވާ ގޮތުން މިއަންނަ ހުކުރު ދުވަހު ރާއްޖެ ނިކުންނާނީ ސީރިޔާއާއި ދެކޮޅަށެވެ. ރާއްޖެ އާއި ޗައިނާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11ވަނަ ދުވަހުއެވެ. އަދި ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ރާއްޖޭގެ ޓީމް ކުޅޭ ފަހު މެޗްގައި ނިކުންނާނީ މިމަހުގެ 15ވަނަ ދުވަހު ފިލިޕީންސާއި ދެކޮޅަށެވެ. ކޮލިފައިންގެ މެޗްތައް ދުބާއީއަށް ބަދަލް ކުރުމަކީ ރާއްޖޭގެ ޓީމަށް އެކަމުން ފައިދާ ކުރާނެކަމެކެވެ. އެއީ ރާއްޖޭގެ ޓީމް މިހާރު ކޭންޕް ކުރަމުންދަނީ ދުބާއީގައިކަމަށްވާތީއެވެ.

ގްރޫޕް އޭގެ އެއް ވަނައިގައި މިވަގުތު ސީރިއާ އޮތީ 15 ޕޮއިންޓާއެކުގައެވެ. ދެ ވަނައިގައި ޗައިނާ އޮތީ 10 ޕޮއިންޓާއެކުގައެވެ. އަދި ތާވަލްގެ ތިން ވަނައިގައި ފިލިޕީންސް އޮތީ 7 ޕޮއިންޓް ލިބިގެންނެވެ. 6 ޕޮއިންޓާއެކު ތާވަލްގެ 4ވަނަގައި ރާއްޖެ އޮތްއިރު، ތާވަލްގެ އެންމެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ ގުއާމެވެ.