ކުޅިވަރު

ޤައުމީ ޓީމުގައި ތިބި ކޮންމެ ކުޅުންތެރިއެއްވެސް ކުރާ ހިތްވަރަށް ސާބަސް ހައްގު: އިމްރާން


މިވަގުތު ޤައުމީ ޓީމްގައި ތިބި ކޮންމެ ކުޅުންތެރިންއަކުވެސް ކުރާ ހިތްވަރަށް ސާބަސް ހައްގުކަމަށް ކުރީގެ އެއްވަނަ ކީޕަރު އިމްރާން މުޙައްމަދު ބުނެފިއެވެ.

ޤައުމީ ޓީމަށް ކުޅުން ހުއްޓާލި ފަހުން އިމްރާން މިހާރު މަސައްކަތްކުރަމުން އަންނަނީ ޤައުމީ ޓީމްގެ ގޯލްކީޕަރު ކޯޗެއްގެ ގޮތުގައެވެ. އިމްރާން ބުނީ އޭނާގެ ކެރިއަރުގައި ހޭދަކުރި ޤައުމީ ޓީމަށް ކުޅުނު މެޗުތަކާއި ކުރަން ޖެހުނު ތަޖުރިބާތަކަށް ބަލާއިރު މިއީ ހުރިހާ ގޮތަކުންވެސް ތަފާތު އަދި އުނދަގޫ ހާލަތެއްކަމަށެވެ.

އެހެންނަމަވެސް ކުޅުންތެރިން މި ހާލަތުގެ ޝަކުވާ ނުކޮށް އެ ކުޅުންތެރިއަކަށް ކުރެވުނު މަސައްކަތެއްކޮށް ޤައުމަށް ރީތި ނަމެއް ހޯދައިދޭން ބުރަކޮށް މަސައްކަތްކުރާކަން އިމްރާންވަނީ ފާހަގަކޮށްފައެވެ. އިމްރާން ބުނީ މި ލިބުނު މަދު ވަގުތުކޮޅާ ބަލައި ޓީމްގެ ހުރިހާ ކުޅުންތެރިންވެސްވީ އެންމެ ރަނގަޅަށް މެޗުތަކަށް ތައްޔާރުވަމުން އަންނަކަމަށެވެ.

ގޯލްކީޕަރުންގެ ތެރޭގައިވެސް ވާދަވެރިކަން ބޮޑުކަމަށާއި، މިފަހަރު ހިމެނޭ ހަތަރު ކީޕަރުންވެސް ތިބީ ވަރަށް ބޮޑަށް އައު ކަންތައްތަކެއް ދަސްކޮށް އުނގެނުމަށް ބޭނުންވެފައިކަމަށް އިމްރާން ބުންޏެވެ. އޭނާ ބުނީ އޮފިޝަލެއްގެ ގޮތުގައި އޭނާ ހުރުމުގެ ފައިދާ ޓީމަށް ކުރާކަމަށް އިހުސާސްކުރެވޭކަމަށާއި، އެކަމުގެ ހެއްކަކީ އަމިއްލައަށް ފެނިގެން އައިސް ކުޅުންތެރިން އެކި ކަންކަން އަހައި އޮޅުން ފިލުވުންކަމަށެވެ.

"އަސްލު ހުރިހާ ގޮތަކުންވެސް ތަފާތު އުނދަގޫ ހާލަތެއްމިއީ، އެހެންނަމަވެސް އެންމެންވެސް މިތިބީ މި ލިބުނު ވަގުތު ކޮޅުގައި ވީ އެންމެ ރަނގަޅަކަށް ޕްރެކްޓިސްކޮށް މެޗުތަކަށް ތައްޔާރުވެފައި."

ވަރލްޑްކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ޤައުމީ ޓީމް އަންނަ ހުކުރުދުވަހުގެރޭ ނިކުންނާނީ ސީރިއާއި ދެކޮޅަށެވެ. އޭގެ ފަހުން ޖޫން 11ގައި ޗައިނާއާއި ދެކޮޅަށް ނިކުންނާނެއެވެ. ކޮލިފައިން ދެވަނަ ބުރުގެ ފަހު މެޗުގައި ދިވެހިރާއްޖެ ޖޫން 15ގައި ނިކުންނާނީ ފިލިޕީންސްއާއި ދެކޮޅަށެވެ.