ވިޔަފާރި

ރައީސްގެ އަމާޒަކީ ފަތުރުވެރިކަން ރައްޔިތުންނާއި ހަމައަށް ގެންގޮސްދިނުން


ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ފަތުރުވެރިކަމުގެ ނަފާ ރައްޔިތުންނަށް ހޯދައިދީ، ފަތުރުވެރިކަމަކީ ރައްޔިތުންގެ އެއްޗަކަށް ހަދައިދޭނެކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ ޓޫރިޒަމް ސިޔާސަތުގެ އެންމެ މުހިންމު ބައެއްގެ ގޮތުގައި އޮތީ ފަތުރުވެރިކަން ރައްޔިތުންނާއި ހަމައަށް ގެންގޮސް ރައްޔިތުންނަށް އޭގެ ފައިދާ ހޯދައިދިނުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މިކަން ހާސިލްކުރުމަށްޓަކައި ޓޫރިޒަމް ލޯކަލައިޒޭޝަނާއި ޑައިވަރސިފިކޭޝަނާބެހޭ ޔުނިޓެއް ޤާއިމްކޮށްފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ، ރަށްރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް މިހާރު އަލަށް އިންތިޙާބުވި ކައުންސިލްތަކާއެކު މަޝްވަރާ ބައްދަލުވުންތައް ކުރިއަށްގެންދާކަމަށެވެ. މި ބައްދަލުވުންތައް ކުރިއަށްގެންދަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ހުރިހާ އަތޮޅު ކައުންސިލްގެ ރައީސުންނާއި މޭޔަރުންނާއި ބައްދަލުކޮށްފައިވާކަމަށާއި މިހާރު ބައްދަލުކުރަމުންދަނީ އެ އަތޮޅެއް ހިމެނޭ ދާއިރާތަކުގެ މަޖިލިސް މެންބަރުންނާއި އަތޮޅު ކައުންސިލްގެ ރައީސްއާއި ރަށްރަށުގެ ރަށު ކައުންސިލްގެ ރައީސުންނާއިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެއަށްފަހު ކޮންމެ ރަށެއްގެ ކައުންސިލާ ވަކިން މަޝްވަރާކުރާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ ތައާރަފްވެފައި އެ ސަރަހައްދުގެ ފަތުރުވެރިކަން ދެނެގަނެ ޓޫރިޒަމް ޑިވެލޮޕްކުރުމުގެ ސިޔާސަތުގެ މައި މަންޒަރު އަޅުގަނޑުމެން އެންމެ ވާހަކަދައްކައި ހިއްސާކޮށްލައި. އެއަށްފަހު އަޅުގަނޑުމެންގެ މި ޓީމުން ކޮންމެ ރަށެއްގެ ކައުންސިލާއި ވާހަކަދައްކައިގެން އެރަށެއްގައި ފަތުރުވެރިކަން ކުރިއަށްގެންދާނެ ގޮތްތައް ރާވާ ހިންގުމަށް އަޅުގަނޑުމެން އިންތިހާއަށް އެހީތެރިވެދޭނަން. ރާއްޖޭގެ ޓޫރިޒަމް ކުރިއަށްއޮތް ދުވަސްތަކުގައި ގުނާލަން ފަށާއިރު ރައްޔިތުންގެ އެއްޗަކަށްވާނެ އިނގޭތޯ. ރައްޔިތުންނަށް އޭގެ މަންފާ ލިބޭނެ." މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ކުރިއަށްއޮތް ތަނުގައި ބޭނުންވަނީ ރާއްޖޭގެ އެއް އަތޮޅުން އަނެއް އަތޮޅާއި ގުޅިގެން ފަތުރުވެރިކަމުގައި އެއްބަޔަކު އަނެއްބަޔަކަށް ވާދަކުރަންކަމަށެވެ. އަދި ރާއްޖޭގެ މުއްސަނދިކަން އެނގެނީ ވަކިވަކި ރަށްރަށުންކަމަށާއި ކޮންމެ ރަށަކީވެސް އެރަށުގެ ޒާތުގައި ކޮންމެވެސް ޚާއްސަ ކަމެއް ހިމެނޭ ރަށެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން އެގޮތަށް ރަށްރަށުގައި ފަތުރުވެރިކަން ތަރައްޤީކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ %20 ހިއްސާކުރަނީ ގެސްޓްހައުސްތަކެވެ. އަދި ކޯވިޑް19 އަށްފަހު މިހާތަނަށް 425 ގެސްޓްހައުސް އަލުން ވަނީ ހުޅުވާފައެވެ. މިއާއިއެކު ގެސްޓްހައުސްތަކުން އަލުން އޮޕަރޭޝަނަށް އައި އެނދުގެ އަދަދު ވަނީ 7726 އަށް އަރާފައެވެ.

ސަރުކާރުން ލޯކަލް ޓުއަރިޒަމް ތަޢާރަފްކުރުމާއެކު، މައިސް ޓުއަރިޒަމް، ކަލްޗަރަލް ޓުއަރިޒަމް އަދި ސްޕޯޓްސް ޓުއަރިޒަމް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދެއެވެ.