ޚަބަރު

ސަޢުދީ ޢަރަބިއްޔާގެ މިސްކިތްތަކުގެ އަޑުމަޑުކުރުމަށް އެންގި އެންގުން ދިފާޢުކޮށްފި


ސަޢުދީ ޢަރަބިއްޔާގެ މިސްކިތްތަކުގައި ބަންގި ގޮވައި އަޑާއި ނަމާދުކުރާ އަޑުމަޑުކުރުމަށް އެންގި އެންގުން އެ ޤައުމުގެ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ދިފާޢުކޮށްފިއެވެ.

މިސްކިތްތަކުގެ ތާޅަފިލިތަކުން ބަންގި ގޮވައި އަޑާއި ނަމާދުކުރާ އަޑުގަދަވުމުގެ ސަބަބުން ޢާންމުންނަށް އުނދަގޫވާކަމުގެ ޝަކުވާ ލިބޭކަމަށް ބުނެ ސަޢުދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ތާޅަފިލިތަކުގެ އަޑު ވަކި ވަރަކަށްވުރެ މަތިނުކުރުމަށް މިދިޔަ ހަފުތާގެ ތެރޭގައި އަންގާފައިވެއެވެ. ބަންގި ގޮވައި ނިމުމުން ތާޅަފިލިތައް ނިއްވާލަން ޖެހޭނެކަމަށާއި ނަމާދުކުރާ ވަގުތާއި ހުޠުބާގެ ވަގުތުތަކުގައި ތާޅަފިލި ބޭނުންނުކުރުމަށްވެސްވަނީ އެ ވުޒާރާއިން އަންގައިފައެވެ.

ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން އެގޮތަށް އަންގާފައިވަނީ އެ ޤައުމުގެ ރައްޔިތުންގެ ޢާންމު ދިރިއުޅުމުގައި އިސްލާމުދީން އަދާކުރާ ދަޢުރު ކުޑަކުރުމަށް އެ ޤައުމުގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން މަސައްކަތްތަކެއް ކުރައްވަމުންދާ ދަނޑިވަޅެއްގައެވެ. އޭނާވަނީ މުޖުތަމަޢުގެ ތެރޭގައި ފަރިތަކުރަމުންދިޔަ ބައެއް ހަރުކަށި ކަންކަމަށްވެސް ލުއިތަކެއް ދެއްވައިފައެވެ.

ބަންގި ގޮވައި އަޑާއި ނަމާދުކުރާ އަޑުމަޑުކުރުމަށް އެންގުމުން ބައެއް މިސްކިތްތަކުން ކޮންމެވެސް ވަރަކަށް އަޑުމަޑުކޮށްފައިވާކަމަށް ޢާންމުން ބުނެއެވެ. ނަމަވެސް ބައެއް މިސްކިތްތަކުގައި އަދިވެސް ޖަމާޢަތް ނިމެންދެން ތާޅަފިލިތައް ބޭނުންކުރެއެވެ. އެ މިސްކިތްތަކުގައި ތާޅަފިލިތަކުގެ އަޑުމަޑުކޮށްފައެއްވެސް ނުވެއެވެ.

ސަޢުދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޢަބްދުލް ލަޠީފު އައްޝައިޚް ވިދާޅުވީ ބަންގީގެ އަޑުގަދަވުމުން ކުޑަކުދިންނާއި މުސްކުޅިންނަށް އުނދަގޫވާކަމުގެ ގިނަ ޝަކުވާތަކެއް ލިބޭކަމަށެވެ. ޖަމާޢަތުގައި ނަމާދުކުރަން ބޭނުންވާ މީހުން ބަންގި ގޮވުމުގެ ކުރިން މިސްކިތަށް ހާޒިރުވާނެކަމަށާއި ޓީވީ މެދުވެރިކޮށްވެސް ބަންގީގެ އަޑު އިވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ގެނެސްފައިވާ ބަދަލުތަކަށް ޢާންމުންގެ ބައެއް މީހުންވަނީ މަރުޙަބާ ކިޔައިފައެވެ. ނަމަވެސް އެ ނިންމުމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުންވަނީ އަމާޒުވެފައެވެ. ބައެއް މީހުން ބުނީ ޤުރުއާން ކިޔަވައި އަޑު އިވިގެން ބަޔަކަށް އުނދަގޫވާކަމަށް ބުނެ އަޑުމަޑުކުރަން އެންގި ގޮތަށް ރެސްޓޯރަންޓުތަކާއި ވިޔަފާރި މަރުކަޒުތަކުގައި ބާރަށް ލަވަޖެހުމުން އުނދަގޫވާ މީހުންނަށްވެސް ސަމާލުކަން ދޭންޖެހޭނެކަމަށެވެ. ނަމަވެސް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ބުނީ އެ ގޮތަށް ވާހަކަދައްކައި މީހުންގެ މަޤްޞަދަކީ ޤައުމުގައި ފިތުނަ އުފައްދައި ބައިބައިވުން އިތުރުކުރުންކަމަށެވެ.