ޚަބަރު

ހުޅަނގުގެ ޤައުމުތަކުގެ އިސްވެރިންނަށް އެމެރިކާއިން ޖާސޫސުކުރިކަމުގެ ތުހުމަތުތަކެއް


ޑެންމާކުގެ ޖާސޫސީ އިދާރާއަކާއެކު ޤާއިމުކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން އެމެރިކާގެ ޤައުމީ ސަލާމަތާބެހޭ އިދާރާ އެންއެސްއޭއިން ހުޅަނގުގެ ޤައުމުތަކުގެ އިސްވެރިންނަށް ޖާސޫސުކޮށްފައިވާކަމަށް ތުޙްމަތުކޮށްފިއެވެ.

ޑެންމާކުގެ ދަޢުލަތުގެ ޓީވީކަމަށްވާ ޑީއާރުން ބުނީ ޑެންމާކާއި އެމެރިކާއާ ދެމެދު އޮތް އެއްބަސްވުމެއްގެ ދަށުން އެމެރިކާއިން އަމަލުކޮށްފައިވާ ގޮތް ޑެނިޝް ޑިފެންސް އިންޓެލިޖެންސް ސަރވިސްސުން 2015ވަނަ އަހަރު ތަޙްޤީޤުކޮށްފައިވާކަމަށެވެ. 2012ވަނަ އަހަރާއި 2014ވަނަ އަހަރާ ދެމެދު ހިނގާފައިވާ ކަންކަމާ ގުޅޭގޮތުން ކުރި ތަޙްޤީޤުން އެނގުނު ގޮތުގައި ޑެންމާކުން މަޢުލޫމާތު ބަދަލުކުރުމަށް ބޭނުންކުރާ ވަޞީލަތްތައް މެދުވެރިކޮށް ސުވީޑަންނާއި ނޯވޭއާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުގެ އިސްވެރިންނަށް އެމެރިކާއިން ފާރަލާފައިވެއެވެ. އެމެރިކާއިން ފާރަލި ބޭރު ޤައުމުތަކުގެ އިސްވެރިންގެ ތެރޭގައި ޖަރުމަނުވިލާތުގެ ޗާންސެލަރު އެންގެލަރ މާކެލާއި އެ ޤައުމުގެ ސިޔާސީ އިސްވެރިން ހިމެނިވަޑައިގަންނަވައެވެ.

ޑެންމާކުގެ ދަޢުލަތުގެ ޓީވީން ގެނެސްދިން ރިޕޯޓާ ގުޅޭގޮތުން ސުވާލުކުރުމުން ޖަރުމަނުވިލާތުގެ ޗާންސެލަރުގެ އިދާރާއިން ބުނީ އެމެރިކާއަށް އެފަދަ ތުހުމަތުތަކެއް ކުރެވޭކަން އެނގުނީ އެކަމާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުންކަމަށެވެ. އެކަމާ ގުޅޭގޮތުން އިތުރު އެއްޗެއް އެ އިދާރާއިން ބުނެފައެއް ނުވެއެވެ. ޑެންމާކުގެ ދިފާޢީ ވަޒީރު ޓުރައިން ބުރަމުސެން ވިދާޅުވީ ނޫސްތަކުގައި ޝާޢިރުކުރާ ތުޙްމަތުތަކާ ގުޅޭގޮތުން އެއްޗެއް ދަންނަވަން ބޭނުންފުޅުނުވާކަމަށެވެ. ނަމަވެސް 2013ވަނަ އަހަރާއި 2014ވަނަ އަހަރު އެ ޤައުމުގެ އޭރުގެ ބޮޑުވަޒީރު ވިދާޅުވި ފަދައިން މިހާރުގެ ސަރުކާރުންވެސް އެކުވެރި ޤައުމުތަކަށް ޖާސޫސުކުރުން ކުށްވެރިކުރާކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާއަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން އެންއެސްއޭއާއި ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސުގެ އިދާރާއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ޑެންމާކުގެ ޖާސޫސީ އިދާރާއިންވެސް އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެއެވެ.
އެމެރިކާގެ ގާތް ރަޙުމަތްތެރި ޤައުމެއްކަމަށްވާ ޑެންމާކުން ސުވީޑަންނާއި ނޯވޭއާއި ޖަރުމަނުވިލާތާއި ނެދަލެންޑުސާއި އިނގިރޭސިވިލާތުގެ އިންޓަނެޓު ކޭބަލުތައް ހޯސްޓުކުރެއެވެ. އެންއެސްއޭއިން އުފައްދާފައިވާ ޚާއްޞަ ސޮފްޓުވެޔާތަކާއި އެހެނިހެން ވަޞީލަތްތައް ބޭނުންކޮށްގެން އެ ކޭބަލްތައް މެދުވެރިކޮށް އެމެރިކާއިން މަޢުލޫމާތު އެއްކޮށްފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ޑެނިޝް ޑިފެންސް އިންޓެލިޖެންސް ސަރވިސުން ތަޙްޤީޤެއް ކުރީ އެންއެސްއޭގެ ކުރީގެ މުވައްޒަފެއްކަމަށްވާ އެޑުވާޑު ސްނޯޑެން އެ އިދާރާއާ ގުޅޭގޮތުން ގިނަ މަޢުލޫމާތުތަކެއް ހާމަކުރުމުންނެވެ. އޭނާވަނީ އެންއެސްއޭގެ ސިއްރު ލިޔެކިޔުންތަކެއް ހާމަކޮށްފައެވެ. އޭގެ ފަހުން އެމެރިކާ ދޫކޮށް ރަޝިޔާއަށް ގޮސް އޭނާ ދިރިއުޅެނީ އެ ޤައުމުގެ ޙިމާޔަތުގެ ދަށުގައެވެ.

ސުވީޑަންނާއި ނޯވޭއާއި ފަރަންސޭސިވިލާތުންވަނީ ރިޕޯޓުގައި ހިމެނޭ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމަށް އިތުރު ތަޙްޤީޤުތަކެއް ކުރުމަށް ގޮވައިލައިފައެވެ.