ކުޅިވަރު

ތާވަލަށް ބަދަލުގެނެސް ކޮލިފައިންގެ ފުރަތަމަ މެޗްގައި ރާއްޖެ އާއި ސީރިޔާ


ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ ގްރޫޕް އޭގައި ރާއްޖޭގެ ފުރަތަމަ މެޗުގައި ސީރިޔާއާއި ވާދަކުރަން ޖެހިއްޖެއެވެ.

ސެންޓްރަލައިޒްކޮށް އެންމެ ފުރަތަމަ އޭއެފްސީ ނިންމާފައިވަނީ ޗައިނާގައި މެޗްތައް ކުޅުމަށެވެ. ނަމަވެސް ރާއްޖެ، ޕިލިޕީންސް އަދި ސީރިޔާއިން ޗައިނާ ދިއުމުގައި ދަތިތަކެއް ހުރުމުން އިއްޔެ ވަނީ މިގުރޫޕްގެ މެޗްތައް ދުބާއީގައި ކުޅޭގޮތަށް ނިންމާފައެވެ. ދުބާއީގައި މެޗްތައް ކުޅޭގޮތަށް ނިންމުމުގެ ކުރިން ޗައިނާގެ ފުޓްބޯޅަ އެސޯސިއޭޝަނުންވަނީ ޗައިނާގެ ސަރުކާރާއެކު މެޗްތައް ކުރިއަށް ގެންދިއުމާއި ބެހޭގޮތުން މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް މިމަޝްވަރާ ތަކުން އަލިމަގެއް ނުފެނުމުން އެންމެ ފަހުން ދުބާއީއަށް މެޗްތައް ބަދަލު ކުރިއެވެ.

މިހާރު ގުރޫޕްގެ މެޗްތައް ރޭވިފައިވާ ގޮތުން މިއަންނަ ހުކުރު ދުވަހު ރާއްޖެ ނިކުންނާނީ ސީރިޔާއާއި ދެކޮޅަށެވެ. ދުބާއީއަށް މެޗްތައް ކުޅުން ބަދަލް ކުރުމުގެ ކުރިން ނެރުނު ތާވަލްގައިވާގޮތުން މިއަންނަ ބުރާސްފަތި ދުވަހު ރާއްޖެ ކުޅުމަށް ހަމަޖެހިފައި އޮތީ ޗައިނާއާއި ދެކޮޅަށެވެ. ނަމަވެސް މިހާރު ރާއްޖެ އާއި ޗައިނާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11ވަނަ ދުވަހުއެވެ. އަދި ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ރާއްޖޭގެ ޓީމް ކުޅޭ ފަހު މެޗްގައި ނިކުންނާނީ މިމަހުގެ 15ވަނަ ދުވަހު ފިލިޕީންސްއާއި ދެކޮޅަށެވެ. ކޮލިފައިންގެ މެޗްތަށް ދުބާއީއަށް ބަދަލް ކުރުމަކީ ރާއްޖޭގެ ޓީމަށް އެކަމުން ފައިދާ ކުރާނެކަމެކެވެ. އެއީ ރާއްޖޭގެ ޓީމް މިހާރު ކޭންޕް ކުރަމުންދަނީ ދުބާއީގައިކަމަށްވާތީއެވެ.

ގްރޫޕް އޭގެ އެއް ވަނައިގައި މިވަގުތު ސީރިއާ އޮތީ 15 ޕޮއިންޓާ އެކުގައެވެ. ދެ ވަނައިގައި ޗައިނާ އޮތީ 10 ޕޮއިންޓާ އެކުގައެވެ. އަދި ތާވަލްގެ ތިން ވަނައިގައި ފިލިޕީންސް އޮތީ 7 ޕޮއިންޓް ލިބިގެންނެވެ. 6 ޕޮއިންޓައެކު ތާވަލްގެ 4ވަނަގައި ރާއްޖެ އޮތްއިރު، ތާވަލްގެ އެންމެ ފުލުގައި އެއްވެސް ޕޮއިންޓްއެއް ނުލިބި އޮތީ ގުއާމެވެ.