ކުޅުދުށްފުށީގައި ޒުވާނަކު ރަހީނުކޮށް އަނިޔާކުރި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. މިދިޔަ މަހުގެ 29 ވަނަދުވަހުގެރޭ އުމުރުން 29 އަހަރުގެ ޒުވާނަކު ރަހީނުކުރީ މޫނު ނިވާކޮށްގެން ތިބި ބަޔަކެވެ. އެމީހުން އެ ޒުވާނާ ރަހީނުކޮށް ކާރަކަށް އަރުވައިގެން ގެންގޮސް ބޮޑެތި އަނިޔާތަކެއް ވަނީ ދީފައެވެ.
މި ޒުވާނާއަށް ލިބުނު އަނިޔާތަކަށް ފުރަތަމަ ފަރުވާދީފައިވަނީ ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލްގައެވެ. ޒުވާނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުންޑިއަށް ލޭ އަރާފައިވާކަމަށާއި އެނާގެ ހާލު ވަރަށް ސީރިއަސްކަމަށް އެ ހޮސްޕިޓަލުން އޭރު ވިދާޅުވިއެވެ. އިތުރު ފަރުވާއަށް މި ޒުވާނާ މާލެ ގެނައީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. މާލެ ގެނެސް ސީރިއަސް ސާޖަރީތަކެއް އޭޑީކޭގައި ހެދުމަށްފަހު އަދިވެސް މި ޒުވާނާ އޮތީ އެ ހޮސްޕިޓަލްގެ އައިސީޔޫގައެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން މިހާތަނަށް ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާކަމަށެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 24 އަހަރުގެ ޒުވާނަކާއި 25 އަހަރުގެ ޒުވާނެކެވެ. އަދި ރަހީނުކުރި ޒުވާނާ އަރުވައިގެން ގެންދިޔަކަމަށް ބެލެވޭ ކާރުވެސް ކޯޓް އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެނެސްފައިވާކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.
މި މައްސަލަ ތަހުޤީގުކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.