ޚަބަރު

ޑިފެންސް މިނިސްޓަރ ރަސްމީ ދަތުރުފުޅެއްގައި ސެންޓްރަލް އޭރިއާއަށް


މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފް ޢުމަރު ރަސްމީ ދަތުރުފުޅެއްގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް މިއަދު ހެނދުނު ޒިޔާރަތްކުރައްވައިފިއެވެ.

ޑިފެންސް މިނިސްޓަރ އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް މިކުރައްވާ ދަތުރުފުޅުގައި ލ.ކައްދޫ އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަރ ކާނަލް ޙާމިދު ޝަފީޤާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި މަސައްކަތްކުރައްވާ އޮފިސަރުންނެވެ.

ޑިފެންސް މިނިސްޓަރ މި ދަތުރުފުޅުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒަށް ޒިޔާރަތްކުރެއްވުމުން އެމަނިކުފާނުގެ ޝަރަފުގައި ސެންޓްރަލް އޭރިއާގެ ސިފައިންވަނީ އޮނަރ ގާޑެއް އަރުވާފައެވެ.

ޑިފެންސް މިނިސްޓަރުގެ މި ދަތުރުފުޅަކީ އެމްއެންޑީއެފްގެ އޭރިއާތަކުގައި ހިނގަމުންދާ މަސައްކަތްތައް ބައްލަވާލެއްވުމަށްޓަކައި އެމްއެންޑީއެފް އޭރިއާތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރެއްކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއްވައެވެ. 

އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ކުރައްވަމުންދާ މި ދަތުރުފުޅުގައި ޑިފެންސް މިނިސްޓަރ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޒުހައިރާއި ޑިފެންސް މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް ކައުންޓަރ ޓެރެރިޒަމްގެ ޑައިރެކްޓަރ ޖެނެރަލް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރާއި ކާނަލް ޢަބްދުލް މަތީން އަޙްމަދު ބައިވެރިވެވަޑައިގަންނަވައެވެ.