ޚަބަރު

އިންޑިޔާގައި ވެކްސިން އުފައްދާ މިންވަރު އަނެއްކާވެސް އިތުރުކުރަނީ


ސީރަމު އިންސްޓިޓިއުޓު އޮފް އިންޑިޔާއިން އެސްޓުރަޒެނެކާ ވެކްސިން އުފައްދާ މިންވަރު ޖޫން މަހުގެ ތެރޭގައި 40 އިންސައްތަ އިތުރުކުރަން ނިންމައިފިއެވެ.

އިންޑިޔާއަކީ އެންމެ ފުޅާ ދާއިރާއެއްގައި ވެކްސިން އުފައްދައި އެއް ޤައުމެވެ. އިނގިރޭސިވިލާތުގެ އެސްޓުރަޒެނެކާ ކުންފުނީގެ ޚާއްޞަ ޙުއްދައެއްގެ ދަށުން ދުނިޔޭގެ އެންމެ ބޮޑު ވެކްސިން އުފައްދާ ކުންފުނިކަމަށްވާ ސީރަމު އިންސްޓިޓިއުޓުން ދަނީ ކޮވިޝީލްޑުގެ ނަމުގައި ކޯވިޑް-19ގެ ވެކްސިނެއް ތައްޔާރުކޮށް ބާޒާރަށް ނެރެމުންނެވެ. ނަމަވެސް އިންޑިޔާގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވުމުން އެ ޤައުމުގެ ރައްޔިތުންނަށް ވެކްސިން ޔަޤީންކުރުމަށް ކޯވިޑް-19ގެ ވެކްސިން ބޭރުކުރުން އެ ޤައުމުންވަނީ ވަގުތީގޮތުން މެދުކަނޑާލައިފައެވެ. އެ ޤައުމުގެ ސަރުކާރާއި ޞިއްޙީ މާހިރުންވަނީ ބަލިފެތުރުން ހުއްޓުވޭނީ އެ ޤައުމުގެ އާބާދީގެ ބޮޑު އިންސައްތައަކަށް ވެކްސިން ދީގެންކަމަށް ބުނެފައެވެ. އެ ޤައުމުގައި ވެކްސިންގެ 2 ޑޯޒު ފުރިހަމަކޮށްފައިވަނީ އާބާދީގެ ގާތްގަނޑަކަށް 3 އިންސައްތަ މީހުންނެވެ.

ސީރަމު އިންސްޓިޓިއުޓުން ބުނީ ވެކްސިން އުފައްދާ މިންވަރު ކުރިއަށް އޮތް ޖޫން މަހުގެ ތެރޭގައި 65 މިލިޔަން ޑޯޒުން 90 މިލިޔަން ޑޯޒަށް އިތުރުކުރާނެކަމަށެވެ. އެ ކުންފުނިން ވެކްސިން އުފައްދާ މިންވަރު އިތުރުކުރުމުން އިންޑިޔާގައި ވެކްސިން ދިނުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ލިބޭނެކަމަށް ބެލެވެއެވެ.

މީގެ ކުރިން އިންޑިޔާގެ ސަރުކާރުންވަނީ މި އަހަރުގެ އޮގަސްޓު މަހާއި ޑިސެންބަރު މަހާ ދެމެދު ކޯވިޑް-19ގެ ވެކްސިންގެ 2 ބިލިޔަން ޑޯޒު އުފައްދާނެކަމަށް ބުނެފައެވެ. އޭގެ ތެރޭގައި ކޮވިޝީލްޑު ވެކްސިންގެ 750 މިލިޔަން ޑޯޒާއި އެ ޤައުމުގެ ބަރަތު ބަޔޯޓެކު ކުންފުނިން އުފައްދާ ކޮވެކްސިންގެ 550 މިލިޔަން ޑޯޒު ހިމެނެއެވެ.

ޒިވިން

ރާއްޖެއަށް ވެސް ވެކުސިން ކޮޅެއް ދޭތި