ދީން

ކާވެނި ރޫޅުނަސް ދަރިން ބައްޕައާއި މަންމައަށް ދައްކަންވާނެ- ޚުޠުބާ


ކާވެނި ރޫޅުމުން، ދެމަފިރިންގެ ދަރިން، ބައްޕައަށް
ނުދެއްކުން ނުވަތަ މަންމަށް ނުދެއްކުން ފަދަ ޢަމަލުތައް، މައިންބަފައިން
ނުކުރުމަށް މިއަދު ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ. 

ހުކުރު ޚުޠުބާގައި މުޅި
މުޖުތަމަޢަށް އިރުޝާދު ދެއްވާފައިވަނީ، ކުދީންގެ ބައްޕަ ކުދީންނާ ވަކިވެގެން
ދިއުމުން އެކުދިން ދުށުމުގެ ފުރުޞަތުން އެ ބައްޕަ މަޙުރޫމް ނުކުރުމަށެވެ. އަދި ހަމަ
އެފަދައިން ދަރިން ތިބެނީ ބައްޕަ ގާތުގައި ކަމަށްވާނަމަ، މަންމަވެސް އެ ދަރީންނާ
ބައްދަލުކުރުމުގެ ފުރުޞަތު ނުދީ ދަރީން ދުށުމުން މަޙުރޫމް ނުކުރުމަށެވެ. 



ދުނިޔެއާއި އާޚިރަތުގައި މައިންބަފައިންނަށް ފައިދާ
ހުރީ ދަރީންނަށް ރަނގަޅު ތަރުބިއްޔަތާއި ތަޢުލީމް ލިބިފައިވާ ކުދިންނަށް ހެދިގެން
ކަމަށް ބަޔާންކުރައްވައި، މިގޮތަށް ޢަމަލުކުރުމަށް މައިންބަފައިންނަށް މިއަދުގެ
ހުކުރު ޚުޠުބާގައި ވަނީ ނަޞޭޙަތްތެރިވެވަޑައިގެންފައެވެ. 



"ދެމަފިރިންގެ
ކައިވެނި ކޮންމެސް ސަބަބަކާ ހުރެ ރޫޅި، އެ ދެމަފިރިން ވަކިވާންޖެހޭ ހިނދު، އެ
ދެމަފިރިންނަށް ލިބިފައިވާ ދަރީން ދެކެ، އެއްވެސް ފަރާތަކުން ރުޅިއައިސްގެން
ނުވާނެއެވެ. އެ ކުދީންގެ ބައްޕަ އެ ކުދީންގެ މަންމައާ ވަކިވެގެން ދިޔަޔަސް އެ
ކުދީންނަށް ޚަރަދުކުރުމާއި ހޭދަކުރުމަކީ، އެ ކުދީންގެ ބައްޕަގެ ބޮލުގައި
އެޅިފައިވާ ވަރަށް ބޮޑު ފަރުޟެކެވެ. މިކަމަސް އެއްވެސް ބައްޕައަކު އިހުމާލުވެގެން
ނުވާނެ" ޚުޠުބާގައި ވިދާޅުވިއެވެ. 



ކޮންމެ މަންމައަކާއި ކޮންމެ ބައްޕައަކުވެސް
އެމީހުންގެ ދަރިންގެ ތަރުބިއްޔަތަށް އިސްކަން ދިނުމަށް ޚުޠުބާގައި ވަނީ
ބާރުއަޅުއްވާފައެވެ. އެ ކުދިން އުޅޭ ނުޅޭގޮތް ބެލުމާއި ނުބައި މަގަކުން ދިޔަ
ނުދިނުމަށާއި ކުދިންނަށް އޯގާތެރިވުމަށްވެސް އިރުޝާދުދެއްވާފައިވެއެވެ.