ޚަބަރު

ޗައިނާގައި ދަރިން ހޯދޭ ޢަދަދު އިތުރުކޮށްފި


ޗައިނާގައި ކައިވެނިކޮށްގެން ދިރިއުޅޭ ދެމަފިރިންނަށް ދަރިން ހޯދުމުގެ ޙުއްދަކޮށްފައިވާ ޢަދަދު އިތުރުކޮށްފިއެވެ.

ޗައިނާއަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޤައުމެވެ. 1.39 ބިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޗައިނާގައި 1979ވަނަ އަހަރުން ފެށިގެން ކައިވެނިކޮށްގެން އުޅޭ ދެމަފިރިންނަށް ހޯދެނީ އެންމެ ކުއްޖެކެވެ. އެ ޤަވާއިދަށް ބަދަލުގެނެސް 2 ކުދިން ހޯދުމުގެ ޙުއްދަ ދިނީ 2016ވަނަ އަހަރުގެ ތެރޭގައެވެ. އެ ބަދަލު ގެނައީ ދުވަސްވީ މީހުންގެ އާބާދީ އިތުރުވެ ޤައުމުގެ އިޤްތިޞާދަށް އޭގެ އަސަރުކޮށްފާނެކަމުގެ ބިރަށެވެ. އެފަދަ ފިޔަވަޅެއް އެޅި ނަމަވެސް ޗައިނާގައި ދަރިން ހޯދައި އެ ކުދިންގެ ބޭނުންތައް ފުއްދުމަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން އުފަންވާ ކުދިންގެ ޢަދަދު އުންމީދު ކުރި މިންވަރަށް އިތުރުވެފައެއް ނުވެއެވެ. އެއާއެކު ޗައިނާގައި ކައިވެނިކޮށްގެން ދިރިއުޅޭ ދެމަފިރިންނަށް 3 ދަރިން ހޯދުމުގެ ޙުއްދަ މިހާރުވަނީ އެ ޤައުމުގެ ސަރުކާރުން ދީފައެވެ.

މި މަހުގެ ކުރީކޮޅު ޗައިނާއިން ޢާންމުކޮށްފައިވާ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކައިގޮތުގައި 1950ގެ އަހަރުތަކުން ފެށިގެން އާބާދީ އިތުރުވުން އެންމެ ބޮޑަށް މަޑުޖެހިފައިވަނީ ފާއިތުވި 10 އަހަރުގެ ތެރޭގައެވެ. އެއާއެކު އާބާދީގެ މައްސަލަތަކަށް ޙައްލެއް ހޯދުމަށް އެ ޤައުމުގެ ސަރުކާރުން ލަސްކޮށްފައިވާކަމުގެ ކަންބޮޑުވުންތައްވަނީ އިތުރުވެފައެވެ.

ދަރިން ހޯދުމުގައި ޢަމަލުކުރަންޖެހޭ ސިޔާސަތުތަކަށް ބަދަލު ގެނެސް 3 ކުދިން ހޯދުމަށް ދިން ޙުއްދައާއެކު ކުދިންނަށް ތަޢުލީމު ދިނުމަށް ހޭދަކުރަންޖެހޭ މިނވަރު ދަށްކޮށް ޓެކުހާއި ބޯހިޔާވަހިކަމަށް އިތުރު އެހީތަކެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ވަޒީފާ އަދާކުރާ އަންހެނުން ބާރުވެރިކުރުމަށް ޤާނޫނީ ރައްކާތެރިކަން ހޯދައިދިނުމާއި ކައިވެނިކުރުމަށް ޢާއިލާތަކުން ފައިސާ ނަގައި ޢަދަދު ވަކި މިންވަރެއްގައި ހިފެހެއްޓުމަށްވަނީ ނިންމައިފައެވެ. އަދި ކައިވެންޏާ ގުޅޭގޮތުން ޒުވާނުން ހޭލުންތެރިކުރުމުގެ ޙަރަކާތްތައް ހިންގުމަށްވަނީ ހަމަޖެހިފައެވެ.

2020ވަނަ އަހަރުގައި ޗައިނާގައި ދަރިމައިވުމުގެ ނިޞްބަތް ހުރީ 1.3ގައެވެ. އެއީ އުފަންވާ ކުދިންގެ ނިޞްބަތް އިތުރުކުރުމަށް ބޭނުންވާ 2.1އަށްވުރެ ދަށް ނިޞްބަތެކެވެ. ކަމާބެހޭ މާހިރުން ބުނާ ގޮތުގައި ދަރިން ހޯދުމަށް ޗައިނާގެ ރައްޔިތުން ޖެހިލުންވަނީ ގެދޮރާއި ކާބޯތަކެތީގެ އަގުބޮޑުވުމާއި ދަރިން ރަނގަޅަށް ބެލުމަށް ކުރަންޖެހޭ ޚަރަދު ބޮޑުވުމުންކަމަށެވެ. ހަމައެކަނި ދަރިން ހޯދޭ މިންވަރު އިތުރުކޮށްގެން މައްސަލައަށް އެދެވޭ ޙައްލެއް ނުލިބޭނެކަމަށް އެފަރާތްތަކުން ފާހަގަކުރެއެވެ.