ޚަބަރު

ސުނާމީ ބިނާ ނެގުމުގެ މަސައްކަތް މާދަމާ ފަށާނެ


ހުޅުލެ، މާލެ އަދި ހުޅުމާލެ ގުޅާލާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ފެށުމަށްޓަކައި ސުނާމީ ބިނާ ހުރި ސަރަހައްދުން އެ ބިނާ ނެގުމުގެ މަސައްކަތް މާދަމާ ފަށާނެއެވެ.  ހައުސިންގ މިނިސްޓްރީން ވިދާޅުވީ ލޮނުޒިޔާރަތްކޮޅުގައި ހުރި ސުނާމީ ބިނާ ނެގުމުގެ މަސައްކަތް އިއްޔެ ފަށާފައިވަނީ، އެތަން ބްރިޖުގެ މަސައްކަތަށް އަންނަ ބުދަދުވަހުގެ ނިޔަލަށް ދޫކުރަންޖެހޭތީކަމަށެވެ. ޕަބްލިކް ވޯރކް ސަރވިސަސްގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު އަފީފު ވިދާޅުވީ މިހާރު ހުރި ތަނުން ސުނާމީ ބިނާ ނެގުމަށްފަހު ބެހެއްޓުމަށް ހަމަޖެހިފައިވަނީ މާލޭ ހުޅަނގު ފަރާތު ތިން ރުއް ޕާކް ސަރަހައްދުގައި ކަމަށެވެ. އަފީފް ވިދާޅުވީ ސުނާމީ ބިނާ މިހާރު ހުރިތަނުން ނެގުމަށްފަހު އެ ބިނާ އަލުން ބަހައްޓާ ތިން ރުއް ޕާކް ސަރަހައްދު ރަނގަޅަށް ތަރައްޤީކޮށް ނިމެންދެން އެބިނާ ބަހައްޓާނީ މިނިސްޓްރީގެ ބެލުމުގެ ދަށުގައިކަމަށެވެ. އަދި  ސުނާމީ ބިނާ ތިން ރުއްޕާކު ސަރަޙައްދުގައި ބެހެއްޓުމަށްފަހު އެ ސަރަހައްދު އަންނަ މަހުގެ ތެރޭ އާއްމުކޮށް ހުޅުވާލާނެކަމަށްވެސް އަފީފު ވިދާޅުވިއެވެ. ބްރިޖް އެޅުމަށް ހަމަޖެހިފައިވަނީ ސުނާމީ ބިނާ ސަރަޙައްދުން ފެށިގެން ހުޅުލޭގެ ރަންވޭގެ ދެކުނު ކޮޅާ ހިސާބަށެވެ. ބްރިޖު އެޅުމުގެ މަސައްކަތް ކުރުމަށް މިމަހުގެ 13 ވަނަ ދުވަހު ޗައިނާގެ ކުންފުޏްނަކާއި ހަވާލުކޮށްފައިވާއިރު، އަމަލީ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް ހައުސިންގ މިނިސްޓްރީން ހާމަކޮށްފައިވެއެވެ. ސުނާމީ ބިނާ އަކީ ސުނާމީ ކާރިސާއިން ރާއްޖެއަށާއި ދިވެހިނަށް ލިބުނު ގެއްލުންތަކާއި، ދަތިތަކުގެ ހަނދާނުގައި ބެއްހެއްޓި ބިނާއެކެވެ. އެ ބިނާގެ ވަށައިގެންވާ ދަގަނޑު ހޮޅިތައް ނިސްބަތް ވަނީ ސުނާމީގެ ކާރިސާގައި މަރުވެދިޔަ 82 ދިވެހިންނަށެވެ. އެކި ސައިޒުގެ ހޮޅި ބޭނުން ކޮށްފައިވުން ރަމްޒު ކޮށްދެނީ އެބިރުވެރި ހާދިސާގައި ދުނިޔެ ދޫކޮށް ދިޔައީ އެކި އުމުރުފުރާގެ މީހުންކަމެވެ. އެބިނާ ވަށައިގެން އަތުރާލެވިފައިވާ 20 އެލުމިނިއަމް ބޯޅަ ރަމްޒު ކޮއްދެނީ ރާއްޖޭގެ ޖަޒީރާ ރަށްތަކެވެ.