ޚަބަރު

އިންޑިޔާއާ ގުޅުންބަދަހިކުރުމަކީ ކަޝްމީރުގެ ރައްޔިތުންނަށް ބޭވަފާތެރިވުން: ޕާކިސްތާން


އިންޑިޔާއާ ގުޅުންބަދަހިކުރުމަކީ ކަޝްމީރުގެ ރައްޔިތުންނަށް ބޭވަފާތެރިވުންކަމުގައި ސިފަކުރައްވައި އިންޑިޔާއާ ގުޅުންބަދަހި ނުކުރާނެކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމުރާން ޚާން ވިދާޅުވެއްޖެއެވެ.

ކަޝްމީރުގެ މައްސަލައަކީ 1948ވަނަ އަހަރު އިންޑިޔާއާއި ޕާކިސްތާނު އުފެދުނީއްސުރެ ޙައްލުނުވެ އޮތް މައްސަލައެކެވެ. އިންޑިޔާއާއި ޕާކިސްތާނުން ދަޢުވާކުރާ ގޮތުގައި ކަޝްމީރަކީ އެ 2 ޤައުމުގެ ސަރަޙައްދެކެވެ. މިހާތަނަށް އިންޑިޔާއާއި ޕާކިސްތާނުން ކުރި ތިން ހަނގުރާމައިގެ ތެރެއިން 2 ހަނގުރާމަކޮށްފައިވަނީ ކަޝްމީރުގެ މައްސަލައިގައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވީ އިންޑިޔާއާ ގުޅުންބަދަހިކުރުމަކީ ކަޝްމީރުގެ ރައްޔިތުންނަށް ބޭވަފާތެރިވުންކަމަށެވެ. އަދި ކަޝްމީރުގެ ރައްޔިތުން ކުރިމަތިލަމުންދާ ދަތިތަކާއި އެ ސަރަޙައްދުގައި ޝަހީދުވެފައިވާ 100،000އަށްވުރެ ގިނަ މީހުންނަށް ކުރެވޭ ބޭއިޚްތިރާމެއްކަމަށް ޢިމުރާން ވިދާޅުވިއެވެ. އަދި ވެރިކަމަށްވަޑައިގެން އިންޑިޔާއާ ގުޅުން ބޭއްވުމަށް މަސައްކަތްކުރެއްވިކަމަށާއި ދެ ފަރާތުން މަޝްވަރާކޮށްގެން ކަޝްމީރުގެ މައްސަލައަށް ޙައްލެއް ހޯދުމަށް މަސައްކަތް ކުރައްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އިންޑިޔާއާ ގުޅުން ބަދަހިކޮށްފިނަމަ ޕާކިސްތާނުގެ ވިޔަފާރީތަކަށް ކުރިއެރުން ލިބުނު ނަމަވެސް އެހެން ބައެއްގެ ލޭގެ ބަދަލުގައި އެފަދަ ތަރައްޤީއެއް ހޯދުމަށް ބޭނުންނުވާކަމަށް އޭނާ ވިދާޅުވިއެވެ.

2019ވަނަ އަހަރުގެ އޮގަސްޓު މަހުގެ 5ވަނަ ދުވަހު އިންޑިޔާއިންވަނީ އެ ޤައުމުގެ ޤާނޫނުއަސާސީއަށް ބަދަލު ގެނެސް ކަޝްމީރަކީ އިންޑިޔާގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. އަދި އެ ސްޓޭޓަށް ލިބެމުންދިޔަ ޚާއްޞަ އިމްތިޔާޒުތައް އެ ޤައުމުންވަނީ ކަނޑާލައިފައެވެ. އިންޑިޔާއިންވަނީ ކަޝްމީރު ސަރަޙައްދު އެއްކޮށް ބަންދުކޮށް އެތައް ހާސް ބަޔަކު ހައްޔަރުކޮށްފައެވެ. އަދި ބޭރުގައި އުޅުން މަނާކޮށް މުވާސަލާތީ ގުޅުންތަކަށްވެސްވަނީ ހުރަސްއަޅައިފައެވެ. އެކަމާ ގުޅިގެން ޕާކިސްތާނުންވަނީ އިންޑިޔާއާއެކު އޮންނަ ވިޔަފާރީގެ ގުޅުންތައް ކަނޑާލައި އެ ޤައުމާއެކު އޮންނަ ޚާރިޖީ ގުޅުންތައްވެސް ހަނިކޮށްފައެވެ.