ޚަބަރު

މިޞްރުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދެނީ


ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް މިޞްރުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޖޫން މަހުގެ 1ވަނަ ދުވަހުން ފެށިގެން ލުއިތަކެއް ދިނުމަށް ނިންމައިފިއެވެ.

މިޞްރުގައި މިހާތަނަށް 269،659 މީހުންނަށް ކޯވިޑް-19 ޖެހި 15،000 މީހުންވަނީ މަރުވެފައެވެ. ނަމަވެސް އެ ޤައުމުގައި ބަލިޖެހޭ މީހުންގެ އަސްލު ޢަދަދު އެއަށްވުރެ އެތައް ގުނައެއް އިތުރުވާނެކަމަށް ޞިއްޙީ މާހިރުން ޤަބޫލުކުރެއެވެ. އެ ޤައުމުގައި ބައްޔަށް ތަޙްލީލުކުރާ މިންވަރު ދަށްވުމުގެ އިތުރުން އަމިއްލަ ކުލިނިކުތަކުގައި ކުރާ ތަޙްލީލުތައް ރަސްމީ ޢަދަދުގެ ތެރޭގައި ނުހިމަނައެވެ.

މިޞްރުގައި ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވުމުން އެ ޤައުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށްފައިވަނީ މިދިޔަ މެއި މަހުގެ 6ވަނަ ދުވަހުއެވެ. އެ ފިޔަވަޅުތަކުގެ ދަށުން އެ ޤައުމުގެ ފިހާރަތަކާއި ވިޔަފާރި މަރުކަޒުތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތައް ރޭގަނޑު 9އެއްގެ ފަހުން ހުޅުވައި ޢާންމުންނަށް ޚިދުމަތްތައް ދިނުންވަނީ މަނާކޮށްފައެވެ. އެ ފިޔަވަޅުތައް އުވާލައި ޖޫން މަހުގެ 1ވަނަ ދުވަހުން ފެށިގެން ކުރިއެކޭ އެއްގޮތަށް ޚިދުމަތްތައް ދެވޭނެކަމަށް މިޞްރުގެ ސަރުކާރުންވަނީ ބުނެފައެވެ.

ކޯވިޑް-19އާ ދެކޮޅަށް މިޞްރުގައި ވެކްސިން ދޭން ފަށާފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައެވެ. އެ ޤައުމުގައި މިހާތަނަށް ވެކްސިންގެ 2.13 މިލިޔަން ޑޯޒުވަނީ ދީފައެވެ. ވެކްސިނުގެ 2 ޑޯޒު ފުރިހަމަކޮށްފައިވަނީ ގާތްގަނޑަކަށް 315،000 މީހުންނެވެ. އެއީ އެ ޤައުމުގެ އާބާދީގެ 0.3 އިންސައްތައެވެ.

މިޞްރަށް ބޭރު ފައިސާ ވަންނަ އެންމެ މުހިންމު އެއް ސިނާޢަތްކަމަށްވާ ފަތުރުވެރިކަމުގެ ސިނާޢަތަށް ބަލިމަޑުކަމުގެ ސަބަބުންވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އެގޮތުން 2020ވަނަ އަހަރުގެ ތެރޭގައި އެ ޤައުމަށް ފަތުރުވެރިކަމުގެ ސިނާޢަތުން ލިބުނު ޢަންމުދަނީވަނީ 70 އިންސައްތަ ދަށްވެފައެވެ. އާންމުގޮތެއްގައި މިޞްރުގެ އުފެއްދުންތެރިކަމުގެ ނިޞްބަތުގެ 15 އިންސައްތަ ޙިއްޞާކުރަނީ ފަތުރުވެރިކަމެވެ.

ބަލިމަޑުކަމުގެ ސަބަބުން މިޞްރުގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އަސަރުކުރާ މިންވަރު ކުޑަކުރުމަށް އެ ޤައުމުގެ ސަދަން ސައިނާއީ އަދި ރެޑު ސީ ޕުރޮވިންސުގައި ހުންނަ ހުރިހާ ހޮޓަލެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކޯވިޑް-19 ވެކްސިން ދީފައިވެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އަލްޣުރުދަޤާއާއި ޝަރުމުއް ޝައިޚުގައި ދިރިއުޅޭ އެންމެންނަށް ވެކްސިން ދިނުމަށް އެ ޤައުމުގެ ވަޒީރުންގެ މަޖިލީހުންވަނީ ނިންމައިފައެވެ. މި އަހަރުގެ ތެރޭގައި މިޞްރަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށް އެ ޤައުމުގެ ސަރުކާރުން އުންމީދުކުރެއެވެ. މިދުވަސްވަރު އެ ޤައުމަށް މަހަކު 500،000 ފަތުރުވެރިން ޒިޔާރަތްކުރާކަމަށް އެ ޤައުމުގެ ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނެއެވެ.