ޚަބަރު

ޔަހޫދީންގެ ގުޅިފައިވާ ސަރުކާރެއް ޤާއިމުކޮށް ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް ގެންނަނީ


އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެ ޤައުމުގެ ކުޑަ ޕާޓީއަކުން އިދިކޮޅު އިއްތިޙާދާ ގުޅުމަށް ނިންމުމުން ޔަހޫދީންގެ ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމަށް މަގުފަހިވެއްޖެއެވެ.

ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުގައި ބޭއްވި ހަތަރުވަނަ އާންމު އިންތިޚާބު ބާއްވާފައިވަނީ މާރިޗު މަހުގެ 22ވަނަ ދުވަހުއެވެ. އެ އިންތިޚާބުގައި ނަތަންޔާހޫގެ ލިކޫދު ޕާޓީގެ އިތުރުން އިދިކޮޅު ޕާޓީތަކަށްވެސް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ މިންވަރަށް ޤާނޫނުހަދާ މަޖިލީހުގެ ގޮނޑިތަކެއް ކާމިޔާބެއް ނުކުރެވުނެވެ. އެއާއެކު އިސްރާއީލުގެ ރައީސް ރުއެވެން ރިވުލިންވަނީ އިސްރާއީލުގެ އައު ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ބޮޑުވަޒީރު ނަތަންޔާހޫއާ ޙާވާލުކުރައްވައިފައެވެ. ނަތަންޔާހޫއާ އެ މަސްޢޫލިއްޔަތު ޙާވާލުކުރައްވާފައިވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ޚިޔާނާތުގެ ދަޢުވާގެ އަޑުއެހުންތައް ފަށާފައިވާ ދަނޑިވަޅެއްގައެވެ.
ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ފުރިހަމަކުރުމަށް ނަތަންޔާހޫއަށް 28 ދުވަހުގެ މުއްދަތެއް ދިނެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް ސަރުކާރެއް އެކުލަވާލުމަށް ކަނާތު ފިޔައިގެ ސިޔާސީ ބައިވެރިންނާއެކު އެއްބަސްވުމަކާ ހަމައަށް އައުމަށް ނަތަންޔާހޫވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ. އެއާއެކު ރިވުލިންވަނީ ޔަޝް އަތީދު ޕާޓީއަށް ނިޞްބަތްވަޑައިގަންނަވައި އިސްރާއީލުގެ އިދިކޮޅު ސިޔާސީވެރިޔާ ޔައިލް ލަޕީދަށް ސަރުކާރެއް އެކުލަވާލުމުގެ މަސްޢޫލިއްޔަތު ޙަވާލުކުރައްވައިފައެވެ. އެގޮތުން ޖޫން މަހުގެ 2ވަނަ ދުވަހުގެ ކުރިން އައު ސަރުކާރެއް އެކުލަވާލަން ޖެހެއެވެ.

އިސްރާއީލުގެ ދިފާޢީ ވަޒީރުކަން ކުރިން ކުރައްވާފައިވާ ނަފުތާލީ ބެނެޓުގެ ޔަމީނާ ޕާޓީން ގުޅިފައިވާ ސަރުކާރެއް ޤާއިމުކުރުމުގައި ބައިވެރިވާނެކަން އިޢުލާނުކުރީ މެއި މަހުގެ 30ވަނަ ދުވަހުއެވެ. އެއާއެކު 2009ވަނަ އަހަރުން ފެށިގެން އެ ޤައުމުގެ ބޮޑުވަޒީރުކަން ކުރައްވަމުންދާ ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް އަންނާނެކަމަށް ބެލެވެއެވެ. އޭނާގެ ނިންމެވުން އިޢުލާނުކުރައްވަމުން ބެނެޓު ވިދާޅުވީ މި ވަގުތަށް އޮތް ގޮތަކީ ގުޅިފައިވާ ސަރުކާރެއް އެކުލަވާލުން ނުވަތަ ފަސްވަނަ އިންތިޚާބެއް ބޭއްވުންކަމަށެވެ. އަދި ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމަށް ލަޕީދާއެކު މަސައްކަތްކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

120 މެންބަރުންގެ މައްޗަށް އެކުލެވޭ އިސްރާއީލުގެ ޤާނޫނުހަދާ މަޖިލީހުގައި ޔަމީނާ ޕާޓީއަށް 6 ގޮނޑި ލިބިފައިވެއެވެ. އެ 6 ގޮނޑިއަކީ އައު ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ އަޣްލަބިއްޔަތު ހޯދުމަށް މުހިންމު ގޮނޑިތަކެކެވެ. ޔަޝް އަތީދު ޕާޓީއާއި ޔަމީނާ ޕާޓީން ކުރަމުންދާ މަޝްވަރާތަކުގައި ބޮޑުވަޒީރުގެ މަޤާމު އެންމެ ފުަރަތަމަ ބެނެޓަށް ދިނުމަށްވަނީ ހުށަހަޅައިފައެވެ. އެއަށްފަހު ދަޢުރު ނިމުމުގެ ކުރިން ލަޕީދަށް ބޮޑުވަޒީރުގެ މަޤާމު ދިނުމަށްވެސްވަނީ ހުށަހަޅައިފައެވެ.

އިސްރާއީލުގެ ސިޔާސީ މަޝްރަޙަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން އެ ޤައުމުގައި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރައްވާފައިވާ ނަތަންޔާހޫ ވިދާޅުވީ ބެނެޓު އުޅުއްވަނީ ޤަރުނުގެ އެންމެ ބޮޑު އޮޅުވާލުން އޮޅުވައިލައްވަންކަމަށެވެ. އޭނާ ވިދާޅުވީ ލަޕީދާ ގުޅިވަޑައިނުގަންނަވާނެކަމަށް މީގެ ކުރިން އެތައް ފަހަރަކު ބެނެޓު ވިދާޅުވިކަމަށެވެ. އަދި ކަނާތު ފިޔައިގެ ސަރުކާރެއް އެކުލަވާލުމުގެ ފުރުޞަތު އަދިވެސް އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުގައި ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމަށް ޤަނޫނުހަދާ މަޖިލީހުގައި ތިއްބަވާ ޢަރަބި މެންބަރުންގެ ތާޢީދު މުހިންމުވާނެއެވެ. ނަމަވެސް އެ މެންބަރުންނަކީ ބެނެޓު ގެންގުޅުއްވާ ސިޔާސަތުތަކަށް ތާޢީދުކުރައްވައި ބޭފުޅުންނެއް ނޫނެވެ. އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ޕަލަސްޠީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ރައްޔިތުން އިތުރަށް އާބާދުކުރުމަށް ބެނެޓު ބޭނުންފުޅުވެއެވެ.