ވިޔަފާރި

އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ކާގޯ ފެރީގެ ޚިދުމަތް މެދުކެނޑިފައެއް ނުވޭ - އެމްޕީއެލް


އިންޑިއާއާއި ރާއްޖެއާ ދެމެދު މިދިޔަ އަހަރު ފެށި ކާގޯ ފެރީގެ ޚިދުމަތް ކޯވިޑް-19ގެ މި ހާލަތުގައިވެސް މެދުކެނޑުމެއްނެތި ކުރިއަށްދާކަމަށް އެމްޕީއެލްއިން ވިދާޅުވެއްޖެއެވެ. އެމްޕީއެލްއިން މިހެން ވިދާޅުވެފައިވަނީ އެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށްބުނެ ބައެއް މީހުން ދައްކާ ވަހާކަތަކާ ގުޅިގެންނެވެ.

އެމްޕީއެލްއިން ވިދާޅުވީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އެފެރީން ކޮންޓެއިނާތައް އުފުލާއިރު، ކޮންމެ މަހަކު އެއްފަހަރު ނުވަތަ ދެ ފަހަރު ފެރީ ރާއްޖެ އަންނަކަމަށެވެ. ފާއިތުވި ތިން މަހުގައިވެސް ޖުމްލަ 20 ފޫޓުގެ 309 ކޮންޓެއިނާ އެކި ބަނދަރުތަކަށް ބާލައި ލޯޑްކޮށްފައިވާ ކަމަށް އެމްޕީއެލްއިން ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން، 2،624.47 ފްރެއިޓް ޓަނުގެ ޖެނެރަލް ކާގޯ ރައްޖެ އައިސްފައިވާ ކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 28ވަނަ ދުވަހުއެވެ. އެމްޕީއެލްއިން ވިދާޅުވީ ރާއްޖޭގެ ގިނަ ވިޔަފާރިވެރިން މިޚިދުމަތް ބޭނުންކޮށް މިކަމަށް ބޮޑު ތަރުހީބެއްވެސް ލިބެމުންދާކަމަށެވެ. އަދި ޚިދުމަތް މިހާރަށްވުރެ ފުޅާކޮށް، ރަނގަޅު ޚިދުމަތެއް ދިނުމަށް ކުންފުނިން އަބަދުވެސް މަސައްކަތް ކުރާ ކަމަށް ވަނީ އެމްޕީއެލްއިން ވިދާޅުވެއެވެ.