މާލޭގައި ކުރިއަށްގެންދާ ކާފިއުގެ ވަގުތުގައި ގަވައިދާ ޚިލާފަ އޮޅުވާލައިގެން ބޭރުގައި އުޅުނު ގިނަ އަދަދެއްގެ ބިދޭސީންގެ ބަޔަކާއި އެމީހުން ބޭނުންކުރި ވެހިކަލްގެ ޑްރައިވަރަށް ފިޔަވަޅު އަޅައިފިއެވެ.
މާލޭގައި ކުރިއަށްގެންދާ ކާފިއު ވަގުތާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންގައި، މި އުޅަނދު ހިފަހައްޓައި ބަލައި ފާސްކޮށްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ފުލުހުން ވިދާޅުވީ ވެހިކަލް ބަލައި ފާސްކުރިއިރު ހުއްދަ ދޫކޮށްފަވާ ބޭނުންނޫން އެހެން ބޭނުމެއްގަ ވެހިކަލް ބޭނުންކުރަމުންދާކަން އެނގިފައިވާކަމަށެވެ. މިއާ ގުޅިގެން އުޅަނދު ދުއްވަން އިން މީހާއަށް ދޫކޮށްފައިވާ ހުއްދަ ފާސް ހިފަހައްޓާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އުޅަނދުގެ ދުއްވި ޑްރައިވަރަކީވެސް ބިދޭސީއެކެވެ.
ބޭރުގައި އުޅުމުގެ ހުއްދަ ނެތި އެވެހިކަލްގައި ތިބި ބިދޭސީންނާމެދުވެސްވަނީ ފިޔަވަޅު އަޅާފައެވެ. ފުލުހުން ވިދާޅުވީ ހިފެހެއްޓި އުޅަނދުގައި އިތުރު 14 ބިދޭސީން ތިބިކަމަށެވެ.
ވާރކް ވިސާ ނެތް ބިދޭސީންނާއި ކާފިއު ވަގުތު ހުއްދައާއި ނުލައި މަގުމަތީގައި އުޅޭ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް މޯލްޑިވްސް އިމިގްރޭޝަނުންވެސް ވަނީ ފަށާފައެވެ. މިފަދަ ބިދޭސީން ވަގުތީގޮތުން ބައިތިއްބަނީ ހުޅުމާލެ ފޭސް-2 ގައި ޤާއިމްކޮށްފައިވާ ޑިޓެންޝަން ސެންޓަރުގައެވެ. ވާރކް ވިސާ ނެތް ބިދޭސީންނާއި ކާފިއު ވަގުތު ހުއްދައާއި ނުލައި މަގުމަތީގައި އުޅޭ ބިދޭސީން ޑިޓެންޝަނަށް ގެންދިޔުމަށްފަހު އެމީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރިޔަށް ދާނެކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.
ކޯވިޑް-19ގެ ޙަލަތާ ގުޅިގެން މާލެ ސަރަޙައްދުގައި ކާފިއުގެ ވަގުތު އިތުރުކޮށް، އަދި އެހެން ވަގުތުތަކުގައިވެސް ބޭރަށް ނިކުމެ އުޅުމުގައި ހުއްދަ ނަގަންޖެހޭގޮތަށްވަނީ ފިޔަވަޅު ވަރުގަދަކޮށްފައެވެ. މި ޤަވައިދުތަކާ ޚިލާފުވާ މީހުން ޖޫރިމަނާކޮށް ދަނީ ފިޔަވަޅު އަޅަމުންނެވެ.