ޚަބަރު

ސޫރިޔާއާއެކު ގުޅުންބަދަހިކުރުމުގެ އެއްވެސް ޝައުޤުވެރިކަމެއް ނެތް: ޤަޠަރު


ސޫރިޔާއާއެކު ގުޅުންބަދަހިކުރަން އެއްވެސް ވަރަކަށް ނުވިސްނާކަމަށް ޤަޠަރުގެ ޚާރިޖީ ވަޒީރު މުޙައްމަދު ބިން ޢަބްދުލްރަޙްމާން ބިން ޖާސިމު އާލްޘާނީ ވިދާޅުވެއްޖެއެވެ.

ސޫރިޔާގެ ރައީސްގެ މަޤާމުގައި ފާއިތުވި 20 އަހަރު ހުންނެވި ބައްޝާރުލް އަސަދުވަނީ މިދިޔަ ހަފުތާގެ ތެރޭގައި ބޭއްވި އެ ޤައުމުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި ހަތަރުވަނަ ދަޢުރަކަށް އިންތިޚާބުވެވަޑައިގެންފައެވެ. އެ އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ނޫންކަމަށް އެ ޤައުމުގެ އިދިކޮޅު ސިޔާސީވެރިންނާއި ހުޅަނގުގެ ޤައުމުތަކުންވަނީ ބުނެފައެވެ.

ފާއިތުވި 10 އަހަރު ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި އިދިކޮޅު ހަނގުރާމަވެރިންނަށް ވާގިވެރިވާ މެދުއިރުމަތީގެ ގިނަ ޤައުމުތަކުގެ ތެރޭގައި ޤަޠަރު ހިމެނެއެވެ. ބައްޝާރުގެ ފައުޖުތަކުގެ ބާރުގެ ދަށަށް ސޫރިޔާގެ ބޮޑު ސަރަޙައްދެއް ގެނައުމުން ޔޫއޭއީފަދަ މެދުރިރުމަތީގެ ބައެއް ޤައުމުތަކުންވަނީ އޭނާގެ ސަރުކާރާއެކު ގުޅުންބަދަހިކުރުމަށް މަސައްކަތްކޮށްފައެވެ.

ޤަޠަރުގެ ޚާރިޖީ ވަޒީރު ވިދާޅުވީ ސޫރިޔާއަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމުގައި އެ ޤައުމުގެ ރައްޔިތުންގެ މަސްލަހަތަށް ފައިދާކުރާނެފަދަ ސިޔާސީ ޙައްލެއް އޮތްކަމަށް ފެނިވަޑައިނުގަންނަވާކަމަށެވެ. ސޫރިޔާގެ ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލެއް ނާންނަކަމަށާއި ސޫރިޔާގެ ސަރުކާރުން އެ ޤައުމުގެ ރައްޔިތުންނާ ދެކޮޅަށް ޖަރީމާތައް އަދިވެސް ހިންގާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ސޫރިޔާއާއެކު އަލުން ގުޅުން ބަދަހިކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި އެ ޤައުމުގެ އެތައް ހާސް ރައްޔިތުންނެއް މަރުވެ 11 މިލިޔަނަށްވުރެ ގިނަ މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ. ސޫރިޔާގެ ސަރުކާރުން ބުނާ ގޮތުގައި ފާއިތުވި 10 އަހަރު ދުވަހު ދާޚިލީ ހަނގުރާމައެއްގެ ތެރޭގައި އެ ޤައުމު އޮތް ނަމަވެސް ހަރުދަނާކަމާއެކު އެ ޤައުމު ހިނގަމުންދާކަން ރިޔާސީ އިންތިޚާބުގެ ނަތީޖާއިން ދައްކުވައިދިންކަމަށެވެ.