ޚަބަރު

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި 5 މީހަކު ދޫކޮށްލައިފި


ހަރުކަށި ފިކުރާއި ދެކޮޅަށް އައްޑޫސިޓީގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހުންގެ ތެރެއިން 5 މީހަކު ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ޙާޒިރުކުރުމުން، 8 މީހުންގެ ތެރެއިން 5 މީހަކު ދޫކޮށްލާފައިވާކަމަށެވެ. އެމީހުން ކޯޓުން ދޫކޮށްލީ ބަންދުގައި ބައިތިއްބަން ޢަމުރު ނުލިބުމުގެ ސަބަބުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާ އާއި ގުޅިގެން ސަލާމަތީ ބާރުތަކުން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ހިންގަމުން އަންނަ އޮޕަރޭޝަންގެ ދަށުން އައްޑޫ ސިޓީން 9 މީހަކު އަދި މާލެއިންވެސް 9 މީހަކު ފުލުހުން ހައްޔަރުކުރިއެވެ.

މިމަހުގެ 15ވަނަ ދުވަހު އައްޑޫ ސިޓީން ހައްޔަރުކުރި މީހުންނަކީ ހަރުކަށި ފިކުރަށް ތަބާވާ ބައެއް ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި މިމީހުންނަކީ ބޮމާއި ހަތިޔާރު އުފެއްދުމުގައި އުޅޭ ބައެއްކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި މާލެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި 2007 ވަނަ އަހަރު އއ.ހިމަންދޫގައި ހިންގި ހަމަނުޖެހުންތަކުގައި ހައްޔަރުކޮށް ޖަލަށް ލުމުން ދެ ފަހަރެއްގެ މަތިން ޖަލުން ފިލި އަބްދުﷲ އަލީ މަނިކު ހިމެނެއެވެ. އަދި ޖިހާދަށް ސީރިޔާއަށް ދަނިކޮށް ތުރުކީ ބޯޑަރުން ހައްޔަރުކޮށް ރާއްޖެ ގެނައި މީހެއްވެސް ހިމެނެއެވެ.

ސައިކަލެއްގައި ބޮމެއް ހަރުކޮށް ގޮއްވާލައިގެން ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް ވަނީ 4 މީހަކު ހައްޔަރުކޮށްފައެވެ. އެމީހުންގެ ތެެރޭގައި މި ބޮން ގޮއްވާލަން އަމަލީ ގޮތުން މަސައްކަތް ކުރި މީހާއާއި ބޮން ހަރުކޮށް ގޮއްވާލި ސައިކަލްގެ ވެރި މީހާވެސް ހިމެނެއެވެ. މި އެންމެންނަށް ކޯވިޑް ޖެހި އަދި ތަހުޤީގު ޓީމުގެ ބައެއް މެމްބަރުންވެސް ކޯވިޑަށް ޕޮޒިޓިވްވެފައިވާތީ މައްސަލައިގެ ތަޙުޤީގަށް ލަސްތަކެއް އައިސްފައިވާ ކަމަށް ހޯމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ރާއްޖެއިން ފަރުވާ ހޯއްދެވުމަށްފަހު އެމަނިކުފާނުވަނީ އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގެންފައެވެ. އަދި ފަރުވާއަށްފަހު ރައީސް ނަޝީދު ޖަރުމަންގެ ހޮސްޕިޓަލުން މިމަހުގެ 21 ވަނަދުވަހު ވަނީ ދޫކޮށްލާފައެވެ.