ޚަބަރު

ސްކޫލްތަކަށް ދިމާވެފައިވާ އިންޓަރނެޓްގެ މައްސަލަ ހައްލުކުރުމަށް ލޯކަލް ޕްލެޓްފޯމެއް


ސްކޫލްތަކަށް ދިމާވެފައިވާ އިންޓަރނެޓްގެ މައްސަލަ ހައްލުކުރުމަށްޓަކައި މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު ލޯކަލް ޕްލެޓްފޯމް މެދުވެރިކޮށް އިންޓަރެންޓް ލިބޭނެ ގޮތް ހަމަޖައްސަވާދެއްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ ދަރިވަރުން އޮންލައިންކޮށް ކިޔެވުމަށްޓަކައި ދިރާގާއި އުރީދު މެދުވެރިކޮށް ޑޭޓާ ދިނުމުގެ ކަންތައް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން އަގު ހެޔޮ ޕެކޭޖްތަކާއެކު ދަރިވަރުންގެ ބެލެނިވެރިންގެ ފޯނަށް ޑޭޓާ ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ސްކޫލްތަކަށް ދިމާވެފައިވާ އިންޓަރނެޓްގެ މައްސަލަ ހައްލުކުރުމަށްޓަކައި ލޯކަލް ޕްލެޓްފޯމެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާ އެކަން ޓެސްޓްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ބައެއް ސްކޫލްތަކުގައި ޕައިލެޓް ޕްރޮގްރާމެއް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު މި ޕްލެޓްފޯމް މެދުވެރިކޮށް ހުރިހާ ސްކޫލަކަށް އިންޓަރނެޓް ލިބިގެންދާނެކަމަށެވެ.

ކޯވިޑްގެ ސަބަބުން މާލެ ސަރަޙައްދުގެ އިތުރަށް މޮނިޓަރިންގެ ހާލަތްތަކުގައި އޮތް ރަށްތަކުގެ ސްކޫލްތައް ބަންދުކޮށް އަންނަނީ އޮންލައިންކޮށް ކިޔަވައިދެމުންނެވެ. އެގޮތުން ކުދިން އޮންލައިންކޮށް ކިޔަވައިދިނުމުގައި ބޭނުންކުރަނީ ގޫގްލް މީޓްއެވެ. އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުކުރަމުންދާ އޮންލައިން ޕްލެޓް ފޯމަކީ ގޫގްލް މީޓްފަދަ ޕްލެޓް ފޯމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އަދި މިޕްލެޓް ފޯމް ޤާއިމްވެގެން ދިއުމުން އޮންލައިންކޮށް ކިޔަވަމުންދާއިރު އިންޓަރނެޓްލިބުމުގައި ދިމާވާ ދަތިތައްވެސް ހައްލުވެގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރުންވެސް މިހާރު ދަރިވަރުންނަށް ދިމާވާ އިންޓަރނެޓް ނުލިބުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިންޓަރނެޓް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އިންޓަރނެޓް ނުލިބޭ ދަރިވަރުންނަށް ވައިފައި ރައުޓަރަކާއެކު ޑޮންގަލްއެއް ދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ.

މިނިސްޓްރީން ވިދާޅުވީ ދިރާގުން 35 ރުފިޔާއަށް ފަސްޖީބީ ފޯރުކޮށްދެމުންދާނެ ކަމަށާއި އުރީދޫ ނަންބަރު ގެންގުޅޭ ފަރާތްތަކުން، ދިރާގު ނަމްބަރެއް ނެގުމުން އެ ނަމްބަރަށް ޑޭޓާ ފޯރުކޮށްދޭނެ ކަމަށެވެ. އަދި އުރީދޫ ބްރޯޑްބޭންޑް ޚިދުމަތް ބޭނުންކޮށްގެން އޮންލައިންކޮށް ކިޔަވާކުދިންނަށް ޚާއްސަ ޕެކޭޖެއް ތަޢާރަފްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ސަރުކާރުން ދާދިފަހުންވަނީ އިންޓަނެޓްގެ އަގަށް ބޮޑު ބަދަލެއް ގެނެސް ޕެކޭޖްތަކުގެ އަގުތައް 30 އިންސައްތަ ދަށްކޮށްފައެވެ. އެގޮތުން ގޭގެއަށް ފޯރުކޮށްދޭ ރެސިޑެންޝަލް ޕެކޭޖްތަކުގެ އަގު ވަނީ 28 އިންސައްތައާއި 30 އިންސައްތަ ކުޑަކޮށްފައެވެ. އަދި ގޭގެއަށް އިންޓަރނެޓް ދެވޭނެ އެންމެ ދަށް ސްޕީޑަކީ 2 އެމްބީޕީއެސްކަމަށްވެސް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެފައިވަނީ އިންޓަރނެޓްގެ އަގު ހެޔޮކުރުމުން އެކަމުގެ ފައިދާ ދަރިވަރުންނާއި މުދައްރިސުންނަށް ކުރާނެކަމަށެވެ. މިކަމުގެ ސަބަބުން އިންޓަރނެޓްގެ ދަތިކަމެއް ނެތި އޮންލައިން ކްލާސްތަކުގައި ބައިވެރިވެވޭނެކަމަށާއި ދަރިވަރުންނާއި މުދައްރިސުންނަށް ކުރިއަށްވުރެ ރަނގަޅަށް މުޢާމަލާތް ކުރެވޭނެކަމަށެވެ.