ޚަބަރު

އެސްޕީޖީގެ ކޮމާންޑަރަށް ބަދަލުތަކެއް ގެންނަން އެންގެވީ ރައީސުލްޖުމްހޫރިއްޔާ: މަބްރޫކް


ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ކޮމާންޑަރަށް ބަދަލުތަކެއް ގެންނަން އެންގެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ކަމަށް ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ކުރެއްވި ޓުވީޓެއްގައިވަނީ ދައުލަތުގެ އިސްވެރިންނަށް ފޯރުކޮށްދޭ ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ދެކިވަޑައިގެން އެކަން މިނިސްޓަރ އޮފް ޑިފެންސްއަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށެވެ.

ރައީސުލުޖުމްހޫރިއްޔާ މިގޮތަށް އަންގަވާފައިވަނިކޮށް އެސްޕީޖީއަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ސިފައިންގެ އެސްޕީޖީއަށް ގެންނަވާފައިވާ ބަދަލުތަކުގެ ތެރޭގައި، އެސްޕީޖީގެ ކޮމާންޑިން އޮފިސަރަކަށް އައްޔަން ކުރައްވާފައިވަނީ ލެފްޓިނެންޓް ކާނަލް މުއިއްޒު މުސްތަފާއެވެ. އަދި ޑެޕިއުޓީ ކޮމާންޑިން އޮފިސަރަކަށް އައްޔަން ކުރައްވާފައިވަނީ މޭޖަރ މޫސާ ރަމީޒު އެވެ. މީގެ އިތުރުން އެސްޕީޖީގެ ފަސްޓް ސާޖަންޓުގެ ގޮތުގައި އަބްދުﷲ ޖަމީލް ވަނީ ހަމަޖައްސަވާފައެވެ.

ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ކޮމާންޑަރުން ބަދަލު ކުރައްވާފައިވާއިރު މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒްކޮށްދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިންޓެލިޖެންސް އޮޑިޓް ރިޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުންނެވެ.