ޚަބަރު

ބަޣާވާތާ ދެކޮޅު ހަނގުރާމަވެރި ޖަމާޢަތަކާ މިޔަންމާގެ އެއްބައިވަންތަކަމުގެ ސަރުކާރުން ގުޅިއްޖެ


މިޔަންމާގެ އަސްކަރިއްޔާއިން އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ބަޣާވާތްކޮށް ސަރުކާރު ވައްޓައިލުމުން އިދިކޮޅު ހަނގުރާމަވެރިންނާ ގުޅިގެން އަސްކަރިއްޔާއާ ދެކޮޅަށް ނުކުތުމަށް މިޔަންމާގައި ދީމިޤްރާޠީ ހަމަތައް ޤާއިމުކުރުމަށް ވަކާލާތުކުރާ ސިޔާސީވެރިންނާއި ޤާނޫނުހަދާ މަޖިލީހުގެ ކުރީގެ މެންބަރުން އުފެއްދި އެއްބައިވަންތަކަމުގެ ސަރުކާރު، ނޭޝަނަލް ޔުނައިޓެޑު ގަވަމަންޓު، އެންޔޫޖީން ނިންމައިފިއެވެ.

މިޔަންމާގެ އިސްވެރިޔާ އަން ސަން ސޫ ކީގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ އަސްކަރިއްޔާއިން ބަޣާވާތްކުރުމަށްފަހު ސޫ ކީއާއި އެނާގެ ސަރުކާރަށް ނިޞްބަތްވާ އިސްވެރިން ހައްޔަރު ކުރީ ފެބުރުއަރީ މަހުގެ 1ވަނަ ދުވަހުއެވެ. އެއަށްފަހު އަސްކަރިއްޔާއިންވަނީ އެ ޤައުމުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްލި ޙާލަތު އިޢުލާނުކޮށްފައެވެ. އަސްކަރިއްޔާއިން ކުރި ބަޣާވާތް ނިމުމަކަށް ގެނެސް ސޫ ކީ މިނިވަންކުރުމަށް ގޮވާލައި މިޔަންމާގެ ގިނަ ޢަދަދެއްގެ ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާކުރިއެވެ. މުޒާހަރާތަކުގައި ގިނަ ޢަދަދެއްގެ މީހުންވަނީ މަރުވެފައެވެ. އެގޮތުން މަރުވި 781 މީހުންގެ ތެރޭގައި 52 ކުޑަކުދިންވެސް ހިމެނެއެވެ. އަދި މުޒާހަރާތަކުން ހައްޔަރުކޮށްފައިވާ މީހުންގެ ޢަދަދު 4،000އަށްވުރެ އިތުރެވެ.

އެންޔޫޖީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަނގުރާމަވެރި ޖަމާޢަތެއްކަމަށްވާ ޗިން ނޭޝަނަލް ފުރަންޓު، ސީއެންއެފާ ގުޅިގެން އަސްކަރީ ވެރިކަން ބަލިކޮށް ދީމިޤްރާޠީ ހަމަތައް ޤާއިމުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ. އެގޮތުން ދެ ފަރާތުންވެސް އެއްބަޔަކު އަނެއްބަޔަކު ބަލައިގަނެ ހަމަހަމަކަމާއެކު މަސައްކަތްކުރުމަށްވަނީ އެއްބަސްވެފައެވެ. ނަމަވެސް އޭގެ އިތުރު ތަފްޞީލެއް ދީފައެއް ނުވެއެވެ.

ސީއެންއެފަކީ މިޔަންމާގެ ހުޅަނގުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ ބައިމަދު ޗިން ދަރިކޮޅުގެ ނަޞާރާއިން ތަމްޞީލުކުރާ ޖަމާޢަތެކެވެ. 2015ވަނަ އަހަރުގެ ތެރޭގައި އެ ޖަމާޢަތުންވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގައި މިޔަންމާގެ ސަރުކާރާއެކު ސޮއިކޮށްފައެވެ. ފާއިތުވި އަހަރުތަކުގައި ސީއެންއެފުގެ އަސްކަރީ ބާރުވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.