ޚަބަރު

ޢިރާޤުން ހިފަހައްޓާފައިވާ އީރާނުގެ ގިނަ ޢަދަދެއްގެ ފައިސާ ދޫކުރަނީ


ޢިރާޤުން ހިފަހައްޓާފައިވާ އީރާނުގެ ގިނަ ޢަދަދެއްގެ ފައިސާގެ ތެރެއިން 125 މިލިޔަން އެމެރިކާ ޑޮލަރު ވެކްސިން ގަތުމަށް ދޫކުރުމަށް އެއްބަސްވެއްޖެއެވެ.

މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19ގެ ޙާލަތު އެންމެ ގޯސްވެފައިވަނީ އީރާނުގައެވެ. އެ ޤައުމުގައި މިހާތަނަށް 2.8 މިލިޔަން މީހުންނަށް ބަލިޖެހި 79،741 މީހުންވަނީ މަރުވެފައެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ވެކްސިން ގަތުމަށް ފައިސާ ދެއްކުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާކަމަށް އީރާނުން ބުނެއެވެ.

އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން ޢިރާޤުގައި ހިފަހައްޓާފައިވާ ފައިސާ ކޯވިޑް-19ގެ ވެކްސިންގެ 16 މިލިޔަން ޑޯޒު ގަތުމަށް ވިލާތުގެ ބޭންކަކަށް ދޫކުރުމަށް ޢިރާޤުން އެއްބަސްވެފައިވާކަމަށް އީރާނުގެ ސަރުކާރުންވަނީ ބުނެފައެވެ. އަދި އެ ފައިސާ ބޭނުންކުރާނީ ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބުލިޔުއެޗުއޯއިން އިސްވެ އުފައްދާފައިވާ ކޮވެކްސް މަޝްރޫޢުގެ ދަށުން ވެކްސިން ގަތުމަށްކަމަށްވެސް އީރާނުގެ ސަރުކާރުން ބުނެއެވެ. ނަމަވެސް ޢިރާޤުގެ ރަސްމީ އިދާރާއަކުން މިހާތަނަށް އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

2015ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ ބާރުތަކާއެކު އީރާނުން ވެފައިވާ ޖޮއިންޓު ކޮންޕުރިހެންސިވް ޕުލޭން އޮފް އެކްޝަންގެ ދަށުން އީރާނުގެ ނިޔުކްލިޔަރ މަސައްކަތްތައް މަދުކުރުމުގެ ބަދަލެއްގެ ގޮތުގައި އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށްވަނީ އެއްބަސްވެފައެވެ. އެއްބަސްވުމުގައި އެމެރިކާއާއި އިނގިރޭސިވިލާތާއި ރަޝިޔާއާއި ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތާއި ޗައިނާއާއި ވިލާތުގެ އިއްތިޙާދުން ބައިވެރިވެފައިވެއެވެ. ނަމަވެސް 2018ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިންވަނީ އެއްބަސްވުމުން ވަކިވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. ނިޔުކްލިޔަރ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމާ ގުޅޭގޮތުން އޮސްޓުރިޔާގެ ވިޔެނާގައި ކުރިއަށްގެންދާ މަޝްވަރާތަކުގައި އީރާނުން ދަނީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން 2018ވަނަ އަހަރުން ފެށިގެން ޢިރާޤާއި ދެކުނު ކޮރެޔާއާއި ޗައިނާފަދަ ޤައުމުތަކުގައި ހިފަހައްޓާފައިވާ އެ ޤައުމުގެ 20 ބިލިޔަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ހޯދުމަށް މަސައްކަތްކުރަމުންނެވެ.