ޚަބަރު

ދަގަނޑޭ ކޯވިޑަށް ޕޮޒިޓިވްވެ، ޓީމާއި ދުރަށް!


ރާއްޖޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ޤައުމީ ފުޓްބޯޅަ ޓީމްގެ ފޯވާޑް އަލީ އަޝްފާގު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އަލީ އަޝްފާގު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ވޯލްޑްކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިން މެޗުތައް ކުޅުމަށް ޗައިނާއަށް ފުރުމުގެ ކުރިން ހެދި އެންމެ ފަހުގެ ޕީސީއާރު ޓެސްޓްތަކުންނެވެ. އަޝްފާގުގެ އިތުރުން ޑިފެންޑަރ އަލީ ޝާމިސްވެސްވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

އަލީ އަޝްފާގު އަދި އަލީ ޝާމިސްއަށް ކުރިއަށް އޮތް ކޮލިފައިން 3 މެޗުގައިވެސް ނުކުޅެވޭނެއެވެ. މި ދެ ކުޅުންތެރިން ވަނީ މިހާރު ޓީމާއި ވަގުތީގޮތުން ވަކިވެ އެކަހެރިވެފައެވެ. ގައުމީ ޓީމް ޗައިނާއަށް ފުރުމުގެ ކުރިން މާލޭގައިވަނީ ހޮޓެލް ޖެންގައި ކޭންޕް ކޮށްފައެވެ. އަދި މިކޭންޕް ކުރަމުންދަނިކޮށް އަލީ އަޝްގާފް ވަނީ އޭނާގެ އަންހެނުން ކޯވިޑް-19އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ކޭންޕް ދޫކޮށްލާފައެވެ. އަދި ފަހުން ކޭންޕްއާއި އަޝްފާގް ގުޅިގައިވަނީ ޓެސްޓް ހެދުމަށްފަހު، އެޓެސްޓް ނެޖެޓިވްވުމުންނެވެ.

ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމަށް ވަނީ ކޯވިޑް-19ގެ ހިޔަނިއެޅިފައެވެ. މިގޮތުން މިފަހަރު ޓީމަށް ނެގި މުހިންމު ބައެއް ކުޅުންތެރިން ކޯވިޑް-19އަށް ޕޮޒިޓިވްވުމުގެ ސަބަބުން ޓީމާ ބައިވެރިވެވޭ ގޮތެއް ނުވިއެވެ.

ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ރާއްޖެ އަންނަ މަހުގެ 3ވަނަ ދުވަހު ނިކުންނާނީ ޗައިނާއާއި ދެކޮޅަށެވެ. އޭގެ ފަހުން ޖޫން 7ގައި ސީރީއާއި ދެކޮޅަށް ނިކުންނައިރު ގްރޫޕް ފަހު މެޗުގައި ނިކުންނާނީ ޖޫން 15ގައި ގުއާމްއާއި ދެކޮޅަށެވެ.