ކުޅިވަރު

ޗައިނާއަށް ފުރުމުގެ ކުރިން ގައުމީ ޓީމް 2ވަނަ ޓެސްޓްތަށް ހަދައިފި


ޤައުމީ ޓީމުގެ ކުޅުންތެރިން ޗައިނާއަށް ފުރުމުގެ ކުރިން ހަދަން ޖެހޭ އެންމެ ފަހުގެ ޕީސީއާރު އަދި އެންޓިބޮޑީ ޓެސްޓުތައް ޤައުމީ ފުޓްބޯޅަ ޓީމުން ހަދައިފިއެވެ.

ދުބާއީގައި މިވަގުތު ތަމްރީން ހަދަމުން އަންނަ ޤައުމީ ފުޓްބޯޅަ ޓީމް ޗައިނާއަށް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30ގައެވެ. ޗައިނާއަށް ފުރުމުގެ ކުރިން ތަފާތު ދެ ސެންޓަރަކުން ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ޕީސީއާރު ޓެސްޓް އަދި އެންޓިބޮޑީ ޓެސްޓްތައް ހަދަން ޖެހެއެވެ. އަދި މީގެ އިތުރުން މީގެ ކުރިން ކޮވިޑް ޖެހި ރަނގަޅުވެފައިވާ ކުޅުންތެރިންގެ ފުއްޕާމޭގެ ސްކޭންތަކެއްވެސް ހަދަން ޖެހެއެވެ.

ޤައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އިއްޔެވަނީ ފުރަތަމަ ބުރުގެ ޓެސްޓްތައް ހަދައިނިންމާފައެވެ. އަދި އިތުރު ސެންޓަރަކުން މިއަދުވަނީ ދެވަނަ ބުރުގެ ޓެސްޓްތައްވެސް ހަދާފައެވެ. ދިވެހި ޤައުމީ ފުޓްބޯޯޅަ ޓީމާއިއެކު ސީރިޔާގެ ޤައުމީ ޓީމްގެ ކުޅުންތެރިންނާއި އޮފިޝަލުންވެސްވަނީ ޓެސްޓްތައް ހަދާފައެވެ. މި މަހުގެ 30ވަނަ ދިވެހިރާއްޖޭގެ ޓީމާއިއެކު ސިރީޔާގެ ޓީމުވެސް ޗައިނާއަށްދާނެއެވެ. ދެ ޓީމް ދާނީވެސް އެއް ފްލައިޓެއްގައެވެ. މި ފްލައިޓަކީ ކޮލިފައިންގައި ވާދަކުރާ ޓީމްތައް ޗައިނާއަށް ގެންދިޔުމަށް ޚާއްސަކޮށްފައިވާ ޗާޓަރޑް ފްލައިޓްއެކެވެ.

ފީފާ ވަރލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ރާއްޖެ އަންނަ މަހުގެ 3ވަނަ ދުވަހު ނިކުންނާނީ ޗައިނާއާއި ދެކޮޅަށެވެ. އޭގެ ފަހުން ޖޫން ހަތެއްގައި ސީރީއާއި ދެކޮޅަށް ނިކުންނައިރު ގްރޫޕް ފަހު މެޗުގައި ނިކުންނާނީ ޖޫން 15ގައި ގުއާމާއި ދެކޮޅަށެވެ.